ޖަމީލް، ރައީސަށް ފާޑުވިދާޅުވަނީ މަގާމެއް ބޭނުންވާތީ ކަމަށް އަބްދުއްރަހީމް ތުހުމަތުކުރައްވައިފި

ރައީސް ޑރ.މުޙައްމަދު މުއިއްޒުގެ ހާއްސަ މުޝީރު އަބްދުއްރަހީމް އަބްދުﷲ: އޭނާ ވިދާޅުވީ ޑރ.ޖަމީލްއަކީ ސިޔާސީ ގޮތުން ފެއިލްވެފައިވާ ބޭފުޅެއް ކަމަށް -- ފޮޓޯ/ އެލީޒް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު، ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ފާޑު ވިދާޅުވަނީ ދައުލަތުގެ ބޮޑު މަގާމެއް ބޭނުންވާތީ ކަމަށް އެމަނިކުފާނުގެ އިސް މުސްތަޝާރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑރ. ޖަމީލް ޕޯޑިއަމްތަކުގައި ވާހަކަދައްކަވާނީ އެކި ފަހަރު އެކި ގޮތަށް ކަމަށާއި އެ މަނިކުފާނުވަނީ ސިޔާސީ ގޮތުން ފެއިލްވެފައި ކަމަށެވެ.

ޔާމީންގެ ސަރުކާރުގައި ޖަމީލް ނައިބު ރައީސްކަމުގައި ހުންނަވަނިކޮށް، ޖުލައި 21، 2015ގައި ރައްޔިތުން މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އެ މަނިކުފާނު މަގާމުން ދުރުކުރި މައްސަލައަށް އިޝާރާތް ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، އެ މަގާމުގައި ހުންނަވައި ޖަމީލް ޔާމީނާ ދެކޮޅަށް މަސައްކަތް ކުރެއްވި ކަމަށެވެ. އެކަމުގެ ހެކި ޔާމީން، މަޖިލީހަށް ހުށަހެޅި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ރައީސް ޔާމީނާ މެދު ކުރި ތުހުމަތުތަކާއި އެޅުވި އިލްޒާމުތަކުގެ ހަނދާން މިއަދު އައު ކޮށްލީމާ، މިހާރުގެ ރައީސް ޑރ. މުއިއްޒުގެ އަބުރުފުޅު ކަތިލަމުން ހެއްދެވިހައި ދޮގެއް ހަދަމުން ޖަމީލް އެހެރަގެން ދުވަނީ ކީއްވެގެންކަން ވަރަށް ސާފުވާނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެ ކުރިން ޕީޕީއެމް، ޕީއެންސީގައި އިސްކޮށް ހުންނެވި ޔާމީންގެ ސަރުކާރު ވެރިކަމަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވުމަށްފަހު، ޖަމީލް މަގާމުން ވަކިކުރުމުން ރާއްޖެއިން ބޭރުގައި ދިގު މުއްދަތެއް ހޭދަ ކުރެއްވިއެވެ. އޭރު ޔާމީނަށް ކޮރަޕްޝަނާއި އަނިޔާގެ ތުހުމަތުތައް ކުރައްވައި ޖަމީލް އެ މަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

އެއަށްފަހު ޖުމްހޫރީ ޕާޓީގައި ހުންނަވައިގެން, ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރު ގެނައުމަށް ޖަމީލް މަސައްކަތްތަކެއް ކުރެއްވިއެވެ.

ނަމަވެސް، އެ ސަރުކާރަށް އަހަރެއްވަރުވީ ފަހުން ޖަމީލް އަލުން ޔާމީނާއެކު މަސައްކަތް ކުރައްވަން ފެއްޓެވިއެވެ. ޔާމީންގެ އިސް ގާނޫނީ ވަކީލުގެ ގޮތުގައި މަސައްކަތް ކުރައްވައި، މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެ މަނިކުފާނުގެ ރަނިންމޭޓަކަށް ވެސް ވެވަޑައިގަތީ ޖަމީލެވެ.

ނަމަވެސް ޔާމީން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ، އެ މަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވުނެވެ. އެ މަނިކުފާނުގެ ތާއިދާއެކު ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތް ނަމަވެސް، ދެ ބޭފުޅުންގެ ގުޅުން ގޯސްވުމުން ޔާމީން ވަނީ ޕީޕީއެމުން ވަކިވެވަޑައިގެންފައެވެ.

އެއަށްފަހު އެ މަނިކުފާނު އާ ޕާޓީއެއް އުފައްދަވަން ކުރައްވާ މަސައްކަތުގައި އެންމެ އިސްކޮށް ހުންނަވާ އެއް ބޭފުޅަކީ ޖަމީލެވެ.

comment ކޮމެންޓް