ހާލަންޑުގެ ދެ ލަނޑާ އެކު ސިޓީން އެއްވަނައާ ގާތަށް ޖެހިލައިފި

ސިޓީގެ ފޯވަޑް ހާލަންޑް އެވަޓަންގެ ގޯލަށް ދެވަނަ ލަނޑު ޖަހަނީ / ފޮޓޯ: ބެންކޮކް ޕޯސްޓް

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން އެވަޓަން ބަލިކޮށް، ތާވަލުގެ އެއްވަނައާ ގާތަށް ޖެހިލައިފިއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 2-0 އިންނެވެ.

މެޗުގެ 71 ވަނަ މިނެޓުގައި ސިޓީއަށް ލިބުނު ކޯނަރެއް އެވަޓަންއަށް ރަނގަޅަށް ދިފާއުނުކުރެވުމުގެ ނަތީޖާއަކަށްވީ، ކުޅަދާނަ ފޯވާޑު އާލިން ހާލަންޑު މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރުމެވެ. ސިޓީގެ ދެވަނަ ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި ޖަހައިދިނީ ވެސް ހާލަންޑެވެ.

މިއީ އޭނާ މި ފަހަރުގެ ޕްރިމިއާ ލީގުގައި ކާމިޔާބުކުރި 16 ވަނަ ލަނޑެވެ. މިއާއެކު ލަނޑު ލިސްޓްގެ އެންމެ ކުރީގައި އުޅެނީ ވެސް ހާލަންޑެވެ.

މި ނަތީޖާއާ އެކު ސިޓީން ވަގުތީ ގޮތުން ކުޑައިރުކޮޅަކަށް ތާވަލުގެ އެއްވަނައަށް އެރިތަން ފެނިގެންދިޔައެވެ. ނަމަވެސް ލިވަޕޫލް ރޭ ކުޅުނު މެޗު ކާމިޔާބުކުރުމާ އެކު ސިޓީ މި ވަގުތު އުޅެނީ ތާވަލުގެ ދެވަނައިގައެވެ. އެއީ، ކުޅުނު 23 މެޗުން ލިބިފައިވާ 52 ޕޮއިންޓާ އެކުއެވެ. ލިވަޕޫލް އެއްވަނައިގާ އުޅެނީ އެއް މެޗު އިތުރަށް ކުޅެ ލިބިފައިވާ 54 ޕޮއިންޓާ އެކުއެވެ. އަދި، އެވަޓަން އުޅެނީ 19 ޕޮއިންޓާ އެކު ތާވަލުގެ 18 ވަނައިގައެވެ.

comment ކޮމެންޓް