ބާންލީ ބަލިކޮށް، ލިވަޕޫލް އެނބުރި އެއްވަނައަށް

ލިވަޕޫލްގެ ކުރިއަށް ކުޅުނު ތިން ކުޅުންތެރިން ކަމަށްވާ ޖޮޓާ، ނޫނޭޒް އަދި ޑިއާޒް ވަނީ ރޭގެ މެޗްގައި ލަނޑު ޖަހާފައި / ފޮޓޯ: ޓީއެންޓީ ސްޕޯޓްސް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން ބާންލީ ބަލިކޮށް، ތާވަލުގެ އެއްވަނައަށް އަނެއްކާ ވެސް އަރައިފިއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 3-1 އިންނެވެ.

މެޗުގެ 31 ވަނަ މިނެޓުގައި ފުރަތަމަ ލަނޑު ޖަހައި ލިވަޕޫލަށް ލީޑު ނަގައިދިނީ ޑިއޮގީ ޖޮޓާއެވެ. އެކަމަކު، ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޑާރާ އޯޝެއާ ޖެހި ލަނޑާއެކު ބާންލީއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.

މެޗުގެ 52 ވަނަ މިނެޓްގައި ލިވަޕޫލުން ވަނީ ލުއިސް ޑިއާޒް ކާމިޔާބު ކޮށްދިން ލަނޑާ އެކު ދެވަނަ ފަހަރަށް މެޗުގައި ލީޑު ނަގައިފައެވެ. ލިވަޕޫލްގެ ތިންވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 79 ވަނަ މިނެޓްގައި ޑާވިން ނޫނޭޒެވެ.

މި މެޗު ބަލަން ރިކޯޑު އަދަަދަކަށް ކުޅިބެލުންތެރިން ވަނީ ވަދެފައެވެ.

މި ނަތީޖާއާ އެކު ލިވަޕޫލް މިހާރު ވަނީ ކުޅުނު 24 މެޗުން ލިބިފައިވާ 54 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައަށް އަރައިފައެވެ. މި މެޗު ކުޅުމުގެ ކުރިން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އެ ޓީމުގެ މެޗު ކާމިޔާބުކުރުމާ އެކު ތާވަލްގެ އެއްވަނަ މަގާމު ކުޑަ ގަޑިއިރު ކޮޅަކަށް ލިވަޕޫލަށް ގެއްލިގެން ދިޔައެވެ.

ނަމަވެސް ލިވަޕޫލުން ވަނީ ސިޓީއަށް ވުރެ އެއް މެޗު އިތުރަށް ކުޅެފައިކަމުން ސިޓީ ނުކުޅެ އޮތް މެޗު ކާމިޔާބު ކުރުމުން ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ސިޓީއަށް ލިބިގެންދާނެއެވެ. މެޗުން ބަލިވުމުން ބާންލީ އަދިވެސް އުޅެނީ 13 ޕޮއިންޓާ އެކު ތާވަލުގެ 19 ވަނައިގައެވެ.

comment ކޮމެންޓް