އެންމެ ބޮޑު ހަދިޔާއަކީ މިނިވަންކަން، އެއަށް ރައްކާތެރިވާންޖެހޭ: ސިޔާމް

އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު ---

ދިވެހީންނަށް ލިބިފައި އޮތް އެންމެ ބޮޑު ހަދިޔާއަކީ މިނިވަން ގައުމެއްގެ ގޮތުގައި އޮތް އޮތުން ކަމަށާއި މިނިވަންކަމަށް ރައްކާތެރިވުމަކީ ކޮންމެ ދިވެއްސެއްގެ ބޮލުގައި އެޅިފައި އޮތް ނުހަނު ބޮޑު ޒިންމާއެއް ކަމަށް އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިތާބެއްގައި ސިޔާމް ވަނީ ދުވަހުގެ ތަހުނިޔާ އެންމެހައި ދިވެހި ރައްޔިތުންނަށް ފޮނުއްވައިފައެވެ. އަދި، އިސްލާމް ދީނާއި މި ގައުމުގެ ދިފާއުގައި ޤުރުބާންވި އަބުތާލުންނަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ލެއްވުން އެދި ދުއާ ދަންނަވައިފައެވެ.

ޝަހީދުންގެ ދުވަހު ފާހަގަކުރަނީ ޕޯޗުގީޒުން މާލެ އަރައި، އަލި ރަސްގެފާނު ޝަހީދު ކުރި ހިތާމަވެރި ޒިކުރާއެވެ. އަދި، މި ދުވަހަކީ ނުވަވަނަ ހަސަން ރަސްގެފާނު ދީން ދޫކޮށްލައްވަައި ނަޞާރާދީނުގެ ޒުވާން އަންހެން ކުއްޖަކައި ހިތްޕުޅާވެ، ގައުމަށް ވެވަޑައިގެން ބޮޑު ޚިޔާނާތުގެ ހިތްދަތި ނަތީޖާގެ އިބުރަތްތެރި ފިލާވަޅުތައް ލިބިގަންނަ ދުވަހެއް ކަމަށް ވެސް ސިޔާމްގެ ޚިތާބުގައި ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ ބޮޑު ހަދިޔާއަކީ، އެތައް ޒަމާންތަކެއް ވަންދެން މި ދިވެހި ގައުމު މިނިވަން ގައުމެއްގެ ގޮތުގައި ދެމި އޮތް އޮތުމެވެ،" ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ސިޔާމްގެ ބަޔާނުގައި ވެއެވެ.

އެ މަނިކުފާނު ވިދާޅުވީ، މިނިވަންކަމުގެ ހަދިޔާއަށް ރައްކާތެރިވެ، އެތެރެއާއި ބޭރުން މި ގައުމުގެ މިނިވަންކަމަށް އަންނަ ކޮންމެ ލޮޅުމަކުން ގައުމު ސަލާމަތްކުރުމަކީ އެންމެންގެ މައްޗަށް ވާޖިބު ވެގެންވާ ކަމެއް ކަމަށެވެ. އަދި، އެއީ އެންމެހައި ދިވެހީންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ސިޔާމް ވިދާޅުވީ، ގައުމުގެ ސިޔާސަތު އެކަށައަޅަން ވާނީ ގައުމު ހަލަބޮލި ނުވެ، ސަލާމަތުން ދެމި އޮތުމުގެ މައްޗަށް ކަމަށެވެ. އަދި، ގައުމު ދެކެ ލޯބިވާ، ގައުމާ މެދު ފަހުރުވެރިވާ ދަރިންތަކެއް އުފައްދަން މަސައްކަތްކުރަންޖެހޭ ކަން އެ މަނިކުފާނުގެ ޚިތާބުގައި ވަނީ ފާހަގަކުރައްވައިފައެވެ.

އެ މަނިކުފާނުގެ ޚިތާބު ނިންމަވައިލައްވަމުން ވަނީ އެންމެން އެކުގައި ކުރާ މަސައްކަތުގައި ބަރަކާތް ލައްވައި، ގައުމާއި ރައްޔިތުންނަށް ބާއްޖަވެރި ދުވަސްތަކެއް މިންވަރު ކުރައްވާތޯ ދުޢާ ދަންނަވައިފައެވެ.

ޝަހީދުންގެ ދުވަސް ފާހަގަކުރަނީ ޤައުމަށްޓަކައި ޝަހީދުވެ ގޮސްފައިވާ ޤައުމީ އަބުޠާލުންގެ ޚިދުމަތްތަކުގެ ހަނދާންކޮށް އެ އަބުޠާލުންގެ ޒިކުރާ އާލާކުރުމަށެވެ.

މި ދުވަސް ނިސްބަތްވެގެންވަނީ އިސްލާމްދީނާއި ޤައުމުގެ ދިފާޢުގައި ޕޯޗްގީޒުންނާ ހަނގުރާމަ ކުރައްވައި ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށެވެ. އެއީ، ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ އެއްވަނަ ދުވަހެވެ.

comment ކޮމެންޓް