މިރާހު މި ހޯދައިދެނީ އަންހެން އާޓިސްޓުންނަށް ފުރުސަތެއް

މިއުޒިކް ޕްރޮޑިއުސަރު މިރާހު އަލީ

މިރާހު އަލީ ނުވަތަ ސްޓޭޖް ނަމުން ނަމަ "ޑިޖިޓަލް ފްލޮކް" އަންނަނީ ދިވެހި މިއުޒިކް ސީންގައި ވަރަށް ބިޒީކޮށް މަސައްކަތް ކުރަމުންނެވެ. އެންމެ ފަހުން މި ފެށި ޕްރޮޖެކްޓަކީ މިއުޒިކް އުފައްދަން ބޭނުންވެފައި ފުރުސަތެއް ނުލިބި ތިބި އަންހެން އާޓިސްޓުންނަށް ވަރުގަދަ ފުރުސަތެކެވެ.

މިއުޒިކް ޕްރޮޑިއުސަރު ޑިޖިޓަލް ފްލޮކް ވަނީ ދާދި ފަހުން ލަވަކިޔުންތެރިޔެއް ކަމަށްވާ އިގްޔާން ރަފީގާއެކު ކޮލެބޮރެޓިވް އެސްޓެންޑެޑް ޕްލޭ ނުވަތަ "އީޕީ" އެއް ނެރެފައެވެ. މިއީ ދެ މީހުން ދިމާ ވެސް ނުވެ ތައްޔާރުކޮށްފައިވާ ތިން ލަވައިގެ އީޕީއެކެވެ. މި އީޕީއަށް އާންމުންގެ ފަރާތުން މަގުބޫލުކަމެއް އަންނަނީ ލިބެމުންނެވެ.

މި ފަހަރު މިރާހު މަސައްކަތް ކުރަމުން އަންނަނީ ތަފާތު ޕްރޮޖެކްޓެއްގައެވެ. އެއީ، އެހީއަށް ބޭނުންވެފައިވާ އަންހެން އާޓިސްޓުންނަށް މިއުޒިކް ޕްރޮޑިއުސް ކޮށްދީ ފުރުސަތުތައް ހޯދައިދިނުމަށެވެ.

މިރާހު ގަބޫލު ކުރާގޮތުގައި ރާއްޖޭގެ މިއުޒިކް ސީންގައި އަންހެން އާޓިސްޓުންނަށް ބައިވެރިވެވޭ ވަރު ކުޑައެވެ. އެއީ އެކަމަށް ލިބޭ ފުރުސަތުތައް ވެސް މަދުވީމައެވެ.

"އަހަރެންނަށް ފާހަގަކުރެވުނު ގޮތުގައި ސްޕޮޓިފައިއިން ވެސް ފެނުނީ އެންމެ ފަސް ވަރަކަށް އަންހެން ލޯކަލް އާޓިސްޓުން،" މިރާހު ފާހަގަކުރިއެވެ.

އެއާއެކު މިރާހު ބޭނުންވަނީ ދިވެހި އަންހެން އާޓިސްޓުން އިތުރު ކުރާށެވެ. މި މަސައްކަތަށް ބާރު ދިނުމުގެ ގޮތުން އަންހެން އާޓިސްޓެއް ނަމަ އެ އާޓިސްޓުގެ މިއުޒިކް ހިލޭ ޕްރޮޑިއުސް ކޮށްދޭނެ ކަމަށް މިރާހު ފާހަގަކުރިއެވެ. އެހެންވީމާ މިއުޒިކް އުފައްދައި ރިލީޒް ކުރަން ބޭނުވާ އަންހެން އާޓިސްޓެއް ވާނަމަ މިރާހަށް ކޮންޓެކްޓް ކޮށްލުމަށް އޭނާ ވަނީ އެދިފައެވެ.

އަންހެން އާޓިސްޓުންގެ ތެރެއިން ހަމައެކަނި ތިން ޝަރުތެކެވެ. އެއީ ސްޕޮޓިފައިގައި މިއުޒިކް ރިލީޒްކޮށްފައިވާ އާޓިސްޓަކަށް ނުވުމާއި އަމިއްލަ ޑެމޯއެއް ލިޔެ ރެޑީވެފައި އޮތުމެވެ. އޭގެ އިތުރުން އާޓިސްޓު އަމިއްލައަށް މިއުޒިކް ޕްރޮމޯޓު ކުރަން ތައްޔާރުވެ ބޭނުންވެފައި ހުރި އާޓިސްޓަކަށް ވާން ޖެހޭނެ ކަމަށް ވެސް މިރާހު ފާހަގަކުރެއެވެ.

މިރާހު ފާހަގަކޮށްފައިވާ ގޮތުގައި މިހާތަނަށް ވަނީ ހަ އާޓިސްޓުން އޭނާއަށް ކޮންޓެކްޓު ކޮށްފައެވެ. އެއާއެކު އެދެވޭ ސަމާލުކަމެއް މިކަމަށް ހުރި ކަމަށާއި ގިނަ އަންހެން އާޓިސްޓުން މިއުޒިކް ރިލީޒް ކުރުމަށް ބޭނުންވެފައި ތިބިކަން ފާހަގަވެގެންދާ ކަމަށް އޭނާ ބުންޏެވެ. މިއީ އަންހެން އާޓިސްޓުންނަށް ރަނގަޅު ފުރުސަތެކެވެ.

comment ކޮމެންޓް