ސެކްރަމެންޓޯ ކިންގްސްއިން ޑެންވާ ނަގެޓްސްގެ މައްޗަށް ކުރި ހޯދައިފި

ޑޮމަންޓާސް ސަބޮނިސް (ވާތް ފަރާތުގަ) މިސީޒަންގައި މިހާތަނަށްވަނީ 16 ޓްރިޕްލް ޑަބަލް ހަދައިފަ / ފޮޓޯ: ޓީއެސްއެން

އެންބީއޭ ބާސްކެޓް ބޯޅަ މުބާރާތުގައި ސެކްރަމެންޓޯ ކިންގްސް އިން އެންމެ ފަހުގެ ޗެމްޕިއަން ޑެންވާ ނަގެޓްސްގެ މައްޗަށް ކުރި ހޯދައިފިއެވެ.

ސެކްރަމެންޓޯގެ ގޯލްޑެން ވަން ސެންޓާގައި ކުޅުނު މިމެޗު ކިންގްސް އިން ކާމިޔާބު ކޮށްފައިވަނީ 135 ޕޮއިންޓް 106 ޕޮއިންޓުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ކިންގްސްގެ ޑޮމަންޓާސް ސަބޮނިސްވަނީ 17 ޕޮއިންޓް ހޯދައިދީ 17 ރީބައުންޑް ނަގައިދީ 10 އެސިސްޓްކޮށް މިމެޗުގައި ޓްރިޕްލް ޑަބަލް އެއް ހަދާފައެވެ. އަދި ނަގެޓްސްއަށް މިމެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 23 ޕޮއިންޓް ހޯދައިދީ އަށް ރީބައުންޑް ނަގައިދީ ހަތް އެސިސްޓް ދިން ނިކޮލާ ޔޮކިޗްއެވެ.

މިމުބާރާތުގައި ބޮސްޓަން ސެލްޓިކްސް އާއި ވޮޝިންޓަން ވިޒަޑްސް ބައްދަލުކުރި މެޗު 133 ޕޮއިންޓް 129 ޕޮއިންޓުން ކާމިޔާބު ކުރީ ސެލްޓިކްސްއެވެ. މިއީ މިސީޒަންގައި ސެލްޓިކްސްއިން ކާމިޔާބު ކުރި 40 ވަނަ މެޗެވެ.

މިމެޗުގައި ސެލްޓިކްސްގެ ޖޭސަން ޓެޓުމްވަނީ 35 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގައިދީ އަށް އެސިސްޓް ކޮށްފައެވެ. އަދި ވިޒަޑްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 24 ޕޮއިންޓް ހޯދައިދީ 11 ރީބައުންޑް ނަގައިދީ ހަތަރު އެސިސްޓް ދިން ޑެނީ އަވްޑިޔާއެވެ. މީގެއިތުރުން މިލްވައުކީ ބަކްސް އާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރި މެޗު 120 ޕޮއިންޓް 84 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ބަކްސްއެވެ.

މިމެޗުގައި ބަކްސްގެ ޑާމިއަން ލިލާޑްވަނީ 26 ޕޮއިންޓް ހޯދައިދީ ހަތަރު ރީބައުންޑް ނަގައިދީ އަށް އެސިސްޓް ކޮށްފައެވެ. އަދި ހޯނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 16 ޕޮއިންޓް ހޯދައިދީ 11 ރީބައުންޑް ނަގައިދިން ނިކް ރިޗަޑްސްއެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު އެޓްލާންޓާ ހޯކްސް އާއި ފިލަޑެލްފިއާ ސެވަންޓީ ސިކްސާސް ބައްދަލުކުރި މެޗު 127 ޕޮއިންޓް 121 ޕޮއިންޓުން ހޯކްސް ކާމިޔާބު ކުރިއިރު ޓޮރޮންޓޯ ރެޕްޓާސް އާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރި މެޗު 107 ޕޮއިންޓް 104 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ރޮޕްޓާސްއެވެ. އަދި ލޮސް އެންޖަލިސް ލޭކާސް އާއި ނިއުއޯލިއަންސް ޕެލިކަންސް ބައްދަލުކުރި މެޗު 139 ޕޮއިންޓް 122 ޕޮއިންޓުން ކާމިޔާބު ކުރީ ލޭކާސްއެވެ.

comment ކޮމެންޓް