އަޔަލޭންޑްގެ ބާސްކެޓް ބޯޅަ ޓީމުން އިސްރާއީލު ޓީމާ ސަލާމެއް ނުކުރި

އަޔަލޭންޑު ޓީމުން ގައުމީ ސަލާން ކީ ބެންޗުގައި ތިބެގެން. ފޮޓޯ/ބީބީސީ

ލަޓްވިއާގެ ރީގާގައި ކުޅުނު ޔޫރޯ ބާސްކެޓް 2025 ކޮލިފައިން މެޗުގައި އަޔަލޭންޑްގެ އަންހެން ބާސްކެޓް ބޯޅަ ޓީމުން އިސްރާއީލު ޓީމާ ސަލާން ކުރަން ދެކޮޅު ހަދައިފިއެވެ.

ބުރާސްފަތި ދުވަހު ކުޅުނު ފީބާ ވިމެންސް ޔޫރޯ ބާސްކެޓް 2025 ކޮލިފައިން މެޗުގެ ކުރިންވެސް ދެ ޓީމުގެ ދެމެދުގައި އޮތީ ހަމަނުޖެހުން އުފެދިފައެވެ. އެގޮތުން އިސްރާއީލުގެ ބާސްކެޓް ބޯލް އެސޯސިއޭޝަނުން ވަނީ ކުޅުންތެރިޔާ ޑޯ ސާރްއަށް ދިން އިންޓަވިއުއެއް އާންމުކޮށްފައެވެ.

އެ އިންޓަވިއުގައި އޭނާ ވަނީ އަޔަލޭންޑު ޓީމަކީ ޔަހޫދީންނަށް ތަފާތު ކުރުންތައް ގެންގުޅޭ ބައެއްގެ ގޮތުގައި ތުހުމަތުކޮށްފައެވެ.

ނަމަވެސް އަޔަލޭންޑު ބާސްކެޓްބޯޅައިން ވަނީ އެ ތުހުމަތު ދޮގުކޮށްފައެވެ. އަދި އެކަން ފީބާ އަށް ރިޕޯޓުވެސް ކޮށްފައެވެ. ފީބާއަކީ ޔޫރަޕްގެ ބާސްކެޓްބޯޅައިގެ އިދާރާއެވެ.

އަޔަލޭންޑު ޓީމުން ވަނީ އެ ގައުމުގެ ގައުމީ ސަލާންވެސް ކޯޓުން ބޭރުގައިތިބެ ކިޔައިފައި ކަމަށް ބީބީސީން ރިޕޯޓުކުރެއެވެ.

އެ މެޗް އެންމެ ފުރަތަމަ ކުޅެން ހަމަޖެހިފައި އޮތީ އިސްރާއީލުގައި މިދިޔަ ނޮވެމްބަރު މަހުއެވެ. ނަމަވެސް އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާގައި އިސްރާއީލުން ކުރަމުންދަ ހަނގުރާމައިގެ ސަބަބުން ލަޓްވިއާގައި މެޗް ކުޅުމަށް ނިންމީއެވެ.

ހަނގުރާމައާ ގުޅިގެން އައިރިޝް ސްޕޯޓް ފޯ ފަލަސްތީންއިން ވަނީ އެ މެޗް ބޮއިކޮޓް ކުރުމަށްވެސް ގޮވައިލައިފައެވެ. ނަމަވެސް އިސްރާއީލާ ދެކޮޅަށްކުޅޭ މެޗްތައް ބޮއިކޮޓްކޮށްފިނަމަ އަޔަލޭންޑު ޓީމަށް ބޮޑެތި ޖޫރިމަނާތަކެއް އަންނާނެ ކަމަށް ބާސްކެޓްބޯލް އަޔަލޭންޑްގެ ޗީފް އެގްޒެކެޓިވް ޖޯން ފީހާން ވަނީ ވިދާޅުވެފައެވެ.

މީގެ 44 އަހަރު ކުރިން 1980 ވަނަ އަހަރު ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ރަސްމީކޮށް ގޮވާލި ފުރަތަމަ ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ގައުމަކީ އަޔަލޭންޑެވެ.

comment ކޮމެންޓް