ޣައްޒާގެ ރަފަހް ހުސްކުރަން ނަތަންޔާހޫ އަންގައިފި

އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ. ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

ތޮއްޖެހިފައިވާ ޣައްޒާގެ ރަފަހް ސިޓީގައި ތިބި އާންމުން ނެރެ ހަމާސްގެ މައްޗަށް ކުރި ހޯދުމަށް ބޭނުންވާ ޕްލޭންތައް ހެދުމަށް އިސްރާއީލުގެ ފައުޖުތަކަށް އެ ގައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަންގައިފިއެވެ.

ޣައްޒާއާއި މިސްރު ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ރަފަހް ސިޓީއަކީ އިސްރާއީލުގެ އަނިޔާވެރި އަމަލުތަކަށް ފިލަން ޣައްޒާގެ އެތައް ބަޔަކު ގޮސް ތިބި ސިޓީއެކެވެ. އެގޮތުން 2.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޣައްޒާގެ ރައްޔިތުންގެ ގާތްގަޑަކަށް ދެބައިކުޅަ އެއްބައި މީހުން ތިބީ ރަފަހް ސިޓީގައެވެ.

“ހަމާސް ނައްތައިލައިގެން ނޫނީ ހަނގުރާމައިގެ އަމާޒު ހާސިލް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން. އެހެންވެ، ރަފާހުގައި ވަރުގަދަ އަސްކަރީ ހަރަކާތްތަކެއް ހިންގުމުގައި އާންމުން އެ ސަރަހައްދުން ހުސްކުރަންޖެހޭ." އެކަމާ ގުޅިގެން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައިވެއެވެ.

ރަފަހްގައި އަސްކަރީ ހަރަކާތްތައް ވަރުގަދަކޮށް އާންމުން ބޭރުކުރުމަށް ނަތަންޔާހޫ އަންގާފައި ވަނީ ހަނގުރާމައިގައި ދެ ފަރާތުން ހިފަހައްޓައިފައިވާ އަސީރުން ދޫކޮށްލުމަށާއި ހަނގުރާމަ ހަނގުރާމަ ހުއްޓައިލުމަށް ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން ހުށަހެޅި ހުށަހެޅުން ބަލައިނުގަންނާނެ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

ނަތަންޔާހޫގެ އެ އެންގުވުމާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ ރަފަހްގައި ތިބި އާންމުންގެ ރައްކާތެރި ކަމަށް ރިއާޔަތް ނުކޮށް ފަށައި އެއްވެސް އަސްކަރީ އޮޕަރޭޝަނަކަށް އެމެރިކާއިން ތާއީދުނުކުރާނެ ކަމަށެވެ. އޭގެއިތުރުން އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް މިހާރު ހައްދު ފަހަނައަޅައި ގޮސްފައިވާ ކަމަށްވެސް ބައިޑެން ވިދާޅުވިއެވެ.

އިސްރާއީލު ސިފައިން ރަފަހް އަށް ވަދެއްޖެނަމަ، މަރުވެގެންދާނެ ފަލަސްތީނުގެ ރައްޔިތުންގެ އަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށާއި، އިންސާނީ އެހީގެ ދަތިކަން އިންތިހާއަށް ކުރިމަތިވާނެ ކަމަށް އެހީދޭ ޖަމާއަތްތަކުން ބުނެއެވެ.

comment ކޮމެންޓް