ޔުއޭފާގެ ރައީސް އިތުރު ދައުރަކަށް ވާދަނުކުރާން ނިންމައިފި

ޔުއޭފާގެ ރައީސް ކަމުގެއިތުރު ދައުރަކަށް ކުރިމަތި ނުލާން ސެފެރިން ނިންމައިފި / ފޮޓޯ: ޔޫރޯ ސްޕޯޓް

ޔޫރަޕްގެ ފުޓްބޯޅައިގެ މައި ޖަމްއިއްޔާ ކަމަށްވާ ޔުއޭފާގެ އާ ރައީސަކު ހޮވުމަށް 2027 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ވާދަ ނުކުރާނެކަން ޔުއޭފާގެ މިހާރުގެ ރައީސް އެލެގްޒެންޑާ ސެފެރިން ހާމަކޮށްފިއެވެ.

ސެފެރިން މިކަން ހާމަކޮށްފައި މިވަނީ ޔުއޭފާއިން އެޖަމްއިއްޔާގެ ގަވައިދުތަކަށް ބަދަލު ގެނައުމަށް ވޯޓު ނެގިފަހުންނެވެ. ޔުއޭފާގެ ގަވައިދުތަކަށް ގެނެވުނު މިބަދަލުތަކާއެކު އުމުރުން 56 އަހަރުގެ ސެފެރިންއަށް އިތުރު ދައުރަކަށް ކުރިމަތިލައި، 2031 ވަނަ އަހަރުގެ ނިޔަލަށް މަގާމުގައި ދެމިހުރުމުގެ ފުރުސަތު ލިބުނެވެ.

ޔުއޭފަގެ ގަވައިދުތަކަށް ބަދަލު ގެނައުމަށް ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ބޭއްވި ބައްދަލުވުމުގައި ރައީސްގެ ދައުރު އިތުރު ކުރުމުގެ ގަވައިދާ އެއްކޮޅަށް ވޯޓު ނުދިނީ އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން އެކަންޏެވެ. ޔުއޭފާ ގަވައިދުގައި ކުރިން އޮތް ގޮތުން އެޖަމްއިއްޔާގެ ރައީސްކަން ކުރެވޭނީ އެންމެ ގިނަ ވެގެން ހަތަރު އަހަރުގެ ތިން ދައުރަށެވެ. ނަމަވެސް ގަވައިދަށް ގެނައި ބަދަލާއެކު، ސެފެރިން އޭނާގެ މަގާމާ ހަވާލުވި ދައުރު ނުގުނާގޮތަށްވަނީ ހަމަޖެހިފައެވެ.

ސެފެރިން ޔުއޭފާގެ ރައީސްކަމާ ހަވާލުވެފައިވަނީ 2016 ވަނަ އަހަރު އޭރު އެމަގާމްގައި ހުރި މިޝޭލް ޕްލެޓިނީ ފީފާއިން ބޭން ކުރުމާ ގުޅިގެންނެވެ. އެހެންކަމުން ސެފެރިންއަށް އެދައުރުގެ ހަތަރު އަހަރުގެ ތެރެއިން އެއް އަހަރު ގެއްލެއެވެ.

ސެފެރިން ބުނި ގޮތުގައި ކުރިއަށް އޮތް ދައުރަށް އޭނާ ކުރިމަތިނުލާނެ ކަމަށް މީގެ ހައެއްކަ މަސް ކުރިން އޭނާ ވަނީ ނިންމައިފައެވެ. ނަމަވެސް މިވޯޓުގެ ކުރިން އެކަން ހާމަކުރަން ބޭނުންނުވީ ކަމަށްވެސް އޭނާ ބުންޏެވެ.

ސެފެރިން ބުނީ އޭނާ އިތުރު ދައުރަކަށް ކުރިމަތި ނުލާން ނިންމީ، ކޮންމެ ޖަމިއްޔާ ޖަމާއަތެއް ވެސް ރަނގަޅަށް ހިންގަން ބޭނުންވާކަމަށްވާނަމަ ދުވަސް ކޮޅަކަށްފަހު އާ ހިޔާލާއި މީހުން ގެންނަން ޖެހޭ ކަމަށް ގަބޫލުކުރާތީ ކަމަށެވެ. އަދި އާއިލާއާ ދުރުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރެވިފައިވުމުން މިހާރު ބޭނުންވަނީ އާއިލާއާ ގާތުގައި ވަގުތު ހޭދަކުރަން ކަމަށްވެސް އޭނާ ބުންޏެވެ.

ޔުއޭފާގެ އެ ނިންމުމަށް ބައެއް މީހުންގެ ފާޑު ކިޔުންވަނީ އަމާޒުވެފައެވެ.

މިބައްދަލުވުމުގައި ގަވައިދަށް ގެނައި އެހެން ބައެއް ބަދަލުތަކުގެ ތެރޭގައި ޔުއޭފާގެ އެގްޒެކެޓިވް ކޮމެޓީގައި މަދުވެގެން އަންހެން ދެމެންބަރުން ތިބުން ލާޒިމްކުރުން ހިމެނުނެވެ.

comment ކޮމެންޓް