މޮރީނިއޯއާއެކު ރެއާލް މެޑްރިޑުން ޗެމްޕިއަންސް ލީގުވެސް ފެށީ ގަދަކޮށް

ޔުއެފާ ޗެމްޕިއަންސް ލީގުގައި އިންޓަ މިލާނާއި ރެއާލް މެޑްރިޑު ބައްދަލުކުރި މެޗުގެ ތެރެއިން--

މޮރީނިއޯގެ އިރުޝާދުގެ ދަށުން ރެއާލް މެޑްރިޑުން މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި އިޓަލީގެ އިންޓަ މިލާން 2-1 ގެ ނަތީޖާއަކުން ބަލިކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ފެށުމުގެ ކުރިން ޔުއެފާއިން ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑު ރެއާލްގެ އާދާ ގުލާއަށް އަދި އެންމެ ގިނަ ގޯލު ޖަހައިގެން ދޭ ރަން ބޫޓު ކީލިއަން އެމްބާޕޭއާ ހަވާލުކޮށްފައެވެ.

މެޗުގެ 64 އިންސައްތަ ބޯޅަ ކޮންޓްރޯލްކޮށްގެން އިންޓަ މިލާނުން ރަނގަޅަށް ކުޅުނު ނަމަވެސް، ރެއާލުން ވަނީ އިންޓަގެ ޑިފެންސުން ހެދި ގޯސްތަކުގެ ފައިދާ ނަގައި މެޗުގެ ލީޑު ނަގައިފައެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި އިންޓަ މިލާނާއި ރެއާލް މެޑްރިޑު ބައްދަލުކުރި މެޗުގެ ތެރެއިން--

އެގޮތުން މެޗުގެ 14 ވަނަ މިނިޓުގައި އިންޓަގެ ބިސެކް އަތުން ބޯޅަ ހޯދައި، ބްރަހިމް ޑިއާޒް ތަނަވަސްކޮށްދިން ފުރުސަތަކުން ރެއާލަށް ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ އެމްބާޕޭއެވެ. އޭގެ ފަހުން، އިންޓަގެ ކީޕަރު މާޓިނޭޒް ހެދި ގޯހެއްގެ ފައިދާ ނަގައި، ރެއާލްގެ ކެޕްޓަން ފެޑެރީކޯ ވަލްވާޑޭ ޖެހި ހިތްގައިމު ގޯލާއެކު ފުރަތަމަ އަހާފު ނިމުނީ 2-0 އިން ރެއާލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި އިންޓަ އިން ކުޅުން އިތުރަށް ވަރުގަދަކޮށް، މެޗުގެ 77 ވަނަ މިނިޓުގައި ލައުޓާރޯ މާޓިނޭޒްގެ އެހީތެރިކަމާއެކު ކާލޯސް އޮގަސްޓޯ ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި އިންޓަ މިލާނާއި ރެއާލް މެޑްރިޑު ބައްދަލުކުރި މެޗުގެ ތެރެއިން--

ނަމަވެސް އިންޓަ މިލާނުން ފޮނުވާލި ނުރައްކާތެރި ހަމަލާތައް ހުއްޓުވުމުގައި ރެއާލްގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

ކޯޗު މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅޭ ރެއާލް މެޑްރިޑުން ޗެމްޕިއަންސް ލީގުގައި ދެންވެސް ނުކުންނާނީ އިޓަލީގެ ޓީމަކާ ދެކޮޅަށެވެ. އެގޮތުން އަންނަ މަހުގެ 15 ވަނަ ދުވަހު ރެއާލް ނުކުންނާނީ ރޯމާގެ ދަނޑުގައި އެ ޓީމާ ދެކޮޅަށެވެ.

comment ކޮމެންޓް