ފައިލޭރިއާއަށް ޓެސްޓުކުރުން ހިމަނައި، ބިދޭސީންގެ މެޑިކަލް ހެދުމުގެ އާ އުސޫލެއް

ބިދޭސީންގެ މެޑިކަލް ހެދުމުގެ ނިޒާމަށް ގެނައި ބަދަލުތައް އިފްތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --ފޮޓޯ/ހެލްތް މިނިސްޓްރީ

ރާއްޖޭގައި ދިގު މުއްދަތަކަށް ދިރިއުޅުމަށް އަންނަ ބިދޭސީންގެ މެޑިކަލް ހެދުމުގެ އާ އުސޫލެއް މިއަދު ތައާރަފުކޮށްފިއެވެ.

އެ އުސޫލު ތަޢާރަފުކޮށްދެއްވީ ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހޯމް މިނިސްޓަރު އަލީ އިހްސާނެވެ.

އެ އުސޫލުގައި ވަނީ، ރާއްޖޭގައި ނައްތާލެވުނު ނަމަވެސް ދާދި ފަހުން ބިދޭސީންތަކެއްގެ ފަރާތުން ފެނުނު ފައިލޭރިއާ ބައްޔަށް، އެ ބަލި ފެތުރޭ ގައުމުތަކުން އަންނަ ބިދޭސީން ޓެސްޓު ކުރުމަށް ހިމަނައިފައެވެ.

އެ އުސޫލުގައިވާ ގޮތުން ފައިލޭރިއާއަށް ޕޮޒިޓިވް ވެއްޖެނަމަ، މެޑިކަލް ދޫކުރާނީ ފައިލޭރިއާއަށް ބޭސް ކެއުމަށްފަހުގައެވެ.

ހެލްތް މިނިސްޓްރީން ބުނީ މި އުސޫލުގެ މަޤުސަދަކީ ރާއްޖޭގައި ގައިން ގަޔަށް އަރާ އެކިއެކި ބަލިތައް ކޮންޓްރޯލް ކުރުމާއި، އެ ބަލިތައް ފެތުރުނަ ނުދިނުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް، ޓޫރިސްޓުން ފިޔަވާ ރާއްޖޭގައި ދިގުމުއްދަތަކަށް އުޅޭ އެންމެހައި ބިދޭސީންނަކީ ސިއްޙަތު ރަނގަޅު، ދުޅަހެޔޮ އަދި އުފެއްދުންތެރި ބައެއްކަން ކަށަވަރުކުރުން ކަމަށެވެ.

ބިދޭސީންގެ މެޑިކަލް ހެދުމުގެ ނިޒާމަށް ގެނެވުނު ބަދަލުތައް އިފްތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ހެލްތް މިނިސްޓްރީ

މީގެ އިތުރުން ވާކް ވިޒާގައި އަންނަ މީހުންނާއި، އަދި ޑިޕެންޑެންޓް ވިޒާ، ސްޓުޑެންޓް ވިޒާ، ރެސިޑެންޓް ވިޒާ ކޯޕަރޭޓް ރެސިޑެންޓް ވިޒާގައި ތިބޭ ފަރާތްތަކުން ރާއްޖެ ފުރަތަމަ އަންނަ އިރާއި އަހަރަކު އެއްފަހަރު މެޑިކަލް ހަދަން ޖެހެއެވެ. އަދި ބިޒްނަސް ވިޒާގައި ތިބޭ މިހުން ވިޒާ އެކްސްޓެންޑް ކުރާއިރު މެޑިކަލް ހަދަންޖެހޭނެއެވެ.

މީގެ އިތުރުން މެރިޖްވިޒާއަށް ފުރަތަމަ އެދޭއިރު މެޑިކަލް ހަދަން ޖެހޭނެއެވެ.

މިއުސޫލުގެ ދަށުން ހަދާ މެޑިކަލްގައި ކޮންމެހެން ހަދަންޖެހޭ ޓެސްޓުތަކާއި ބަލަންޖެހޭ ކަންތައްތަކުގެ ތަފުސީލް އުސޫލުގައި ހިމަނާފައިވާ ކަމަށް ހެލްތު މިނިސްޓްރީއިން ބުންޏެވެ.

މިފަހުން ފައިލޭރިއާގެ ކޭސްތަކެއް ފުރަތަމަ ފެނުނީ މިދިޔަ ޑިސެމްބަރު މަހުގެ 14ގައި ކުޅުދުއްފުށި ސިޓީންނެވެ. އެއީ އެ ސިޓީގައި ކުރިއަށްގެންދިޔަ މައިގްރެންޓް ހެލްތު ސްކްރީނިން ޕްރޮގްރާމެއްގެ ތެރެއިންނެވެ. އޭގެ ފަހުން މާލެ ސަރަހައްދުން ވެސް ބިދޭސީންތަކެއް ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފައެވެ.

ޕޮޒިޓިވްވި މީހުން ރާއްޖެ އައިސްފައިވަނީ ފައިލޭރިއާ އާއްމުކޮށް ފެންނަ 'އެންޑެމިކް' ގައުމު ތަކުންކަން ފާހަގަ ކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

comment ކޮމެންޓް