އައިއެމްއެފުން އިގްތިޞާދީ ސިޔާސަތު ބަލައިގެންފި، އިންވެސްޓަރުން ލިބޭނެ: ރައީސް

ތ. އަތޮޅަށް ރައީސް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އޮމަދޫގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

އިއްޔެ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ރާއްޖެއާ ގުަޅޭގޮތުން ނެރުނު ރިޕޯޓަކީ ސަރުކާރުގެ އިގްތިޞާދީ ސިޔާސަތު އެ އިދާރާއިން ފުރިހަމައަށް ބަލައިގަންނަކަން ހާމަވާ ކަމެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އައިއެމްއެފްއިންވަނީ ރާއްޖެއިން އަޅަން ނިންމައިފައިވާ މާލީ އިސްލާހީ ފިޔަވަޅުތަކަށް، މަރުހަބާ ކިޔައިފައެވެ.

ތ. އަތޮޅަށް ރައީސް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދަކީ ފަހު ދުވަހެވެ. މިއަދުގެ ފުރަތަމަ ރަށްކަމަށްވާ އޮމަދުއަށް ވަޑައިގެން ރައީސް ވިދާޅުވީ އިއްޔެ އައިއެމްއެފްއިން ރާއްޖެއާ ގުޅޭގޮތުން ނެރުނު ރިޕޯޓަކީ ވަރަށް ރަނގަޅު ރިޕޯޓެއް ކަމަށެވެ.

އެ ރިޕޯޓުން ހާމަވީ ސަރުކާރުން ކަނޑައަޅައިފައި އޮތް އިގްތިޞާދީ ސިޔާސަތު އައިއެމްއެފްއިން ބަލައިގަތްކަން ކަމަށް ރައީސް ވިދާޅުވިއެވެ.

https://sun.mv/188409

"އެއީ އެ ކަންކަން ކުރަންވީ ގޮތަކީ. ޕީއެސްއައިޕީ މަޝްރޫއުތައް ވެސް ތަރުތީބުކޮށްލައިގެން، ދެންހުރި އެކިކަހަލަ ސަބްސިޑީތަކާއި އެ ކަންކަން ވެސް ވަކި އުސޫލަކުން ހަމައަކަށް ފައްތައިގެން ޚަރަދު ދެކޮޅު ޖައްސައިގެން އާމްދަނީ އިތުރުކުރުމަށްޓަކައި އިގްތިޞާދީ ކަންކަން ފުޅާކުރަން އަޅުގަނޑުމެން ފަށަން ނިންމައިފައި ހުރި ކަންކަން ފަށައިގެން ކުރިއަށް ދާން،"

"އެ މަގުން ދާން އަޅުގަނޑުމެން އަމިއްލައަށް ނިންމި ނިންމުން އަޅުގަނޑުމެންގެ އަމިއްލަ ސިޔާސަތުގެ ތެރެއިން ނިންމި ނިންމުން އައިއެމްއެފުން އެ އޮތީ ބަލައިގެންފައި،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އައިއެމްއެފްއިން ރާއްޖޭގެ ސިޔާސަތު ބަލައިގަތުމަކީ ލިބޭ ވަރަށް ބޮޑު ހެޔޮ މެސެޖެއް ކަމަށެވެ. އޭގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ލިބި، މަޝްރޫއުތައް ހިންގަން އިންވެސްޓަރުން ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އޮމަދޫގެ ރައްޔިތުން އެދުނު ކަންކަން ހައްލުކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށެވެ.

ރައީސް ވިދާޅުވީ ކޮންމެ ރަށަކުން ވެސް ފާހަގަވާ ކަންކަމަކީ، ޖުމްލަ ގޮތެއްގައި ރާއްޖޭގެ ހުރިހާ ރަށަކުން ވެސް ފާހަގަކުރާ ކަންކަން ކަމަށެވެ.

އެ މަނިކުފާނު ވަނީ އޮމަދޫ ކައުންސިލުގެ ފަރާތުން އެދުނު ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި، އެ މަނިކުފާނަކީ ވެވަޑައިގަންނަވާނެ ވައުދުތައް ފުއްދަވައި، އެ ކަމަށް ފަރުވާތެރިވެވަޑައިގަންނަވާނެ ބޭފުޅެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އޮމަދޫ ސްކޫލުގައި ހުރި މައްސަލަތަކަށް އަލިއަޅުއްވައިލައްވައި ރައީސް ވިދާޅުވީ، ސްކޫލުގެ ޖާގައިގެ މައްސަލައާއި ބައެއް މައްދާތަކުން ޓީޗަރުން ނެތް މައްސަލައާއި އެ ނޫން މައްސަލަތައް ހައްލުކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.

އެންމެ އިސްކަންދެއްވާނީ ސްކޫލުގެ މައްސަލައަށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އިގްތިޞާދީ ގޮތުން އޮމަދޫ ތަރައްގީކުރުމަށް ޓަކައި ކުރެވެން ހުރި ކަންކަމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެ ކަމަށެވެ.

ހަމައެއާއެކު ފެނާއި ނަރުދަމާގެ މަސައްކަތަށް އިސްކަން ދެއްވުމާއެކު ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމަކީ ވެސް ސަރުކާރުން ކުރާނެ ކަމެއްކަމަށް ފާހަގަކުރެއްވިއެވެ.

"މި ކަންކަން އަޅުގަނޑު ކުރަން ބޭނުން ޕީއެސްއައިޕީ މަޝްރޫއުތައް ތަރުތީބުކޮށްލައިގެން،" ރައީސް ވިދާޅުވިއެވެ.

މި ރަށުގައި ވެސް އެ މަނިކުފާނު ވަނީ އިގްތިޞާދީ ގޮތުން މި ވަގުތު ރާއްޖެ އޮތް ހާލަތަށް އަލިއަޅުއްވައިލައްވައިފައެވެ. އެއާއެކު ރައީސްވަނީ މި ރަށުގައި ވެސް ރައްޔިތުން އެދޭ ގޮތަށް އެންމެ އިސްކަންދޭ މަޝްރޫއުތައް ތަރުތީބުކުރުމަށް އެދިވަޑައިގެންފައެވެ.

comment ކޮމެންޓް