ހަމަލާތައް ހުއްޓާނުލާނަން، ޣައްޒާގައި ފުރިހަމަ ކާމިޔާބީއެއް ލިބޭނެ: ނަތަންޔާހޫ

އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ --

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމެއް ހެދުމަށް ހަމާސްއިން ހުށަހެޅި ނަމަވެސް، ހަމަލާތައް ހުއްޓާލަން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެކޮޅުހައްދަވައި، ހަމާސްއާ ދެކޮޅަށް ފުރިހަމަ ކާމިޔާބީއެއް ހޯދާނެ ކަމަށް ވިދާޅުވެއްޖެއެވެ.

އިސްރާއީލާއި ހަމާސްއިން ހަމަލާތައް ހުއްޓާލުމާ ގުޅޭ ގޮތުން މިސްރާއި ގަތަރު މެދުވެރިކޮށް ވާހަކަ ދައްކައި، ހަމާސްއިން އިއްޔެ ވަނީ އެ ޖަމާއަތުގެ ޝަރުތުތަކެއް ހުށަހަޅައިފައެވެ.

މިއަދު ނަތަންޔާހޫ ވިދާޅުވީ ހަމާސްއާ ކުރަމުންދާ މަޝްވަރާތަކުން ނަތީޖާއެއް ނުނެރެވޭ ކަމަށާއި އެ ޖަމާއަތުން ހުށަހަޅާފައިވަނީ ބަލައިގަނެވޭނެ ޝަރުތުތަކެއް ނޫން ކަމަށެވެ.

"ފުރިހަމަ ކާމިޔާބީއެއް ނޫން އިތުރު ހައްލެއް މިކަމަކަށް ނެތް. ޣައްޒާގައި ހަމާސް ހަރަކާތްތެރިވާނަމަ، [އެ ޖަމާއަތުން] އަނެއްކާވެސް ގަތުލްއާންމެއް ހިންގާނެ،" ނަތަންޔާހޫ ވިދާޅުވިއެވެ.

އިސްރާއީލް ސަރުކާރުން އެ މޭރުމުން ވާހަކަދެއްކުމުން، މެދުއިރުމަތީގައި ހަމަނުޖެހުން އުފައްދަމުން ދިޔުމަށް އެ ސަރުކާރުން ބޭނުންވާކަން ހާމަވާ ކަމަށް ހަމާސްއިން ބުންޏެވެ.

ހަމާސްއިން އެ ޖަމާއަތުގެ ޝަރުތުތައް ހުށަހެޅިީ ގަތަރާއި މިސްރު މެދުވެރިކޮށެވެ. އެ ޖަމާއަތުން ހުށަހަޅާފައިވަނީ، އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ އެތައް ސަތޭކަ މީހުން ދޫކޮށްލުމުން، ހަމާސްއިން ހިފަހައްޓާފައިވާ އިސްރާއީލުގެ މީހުން ދޫކޮށްލާނެ ކަމަށެވެ.

ޣައްޒާގައި ވެރިކަން ކުރާ ހަމާސްއިން އިސްރާއީލަށް މިދިޔަ އޮކްޓޯބަރު މަހުގެ ހަތެއްގައި ދިން ހަމަލާތަކާ ގުޅިގެން އިސްރާއީލުން ދަނީ ޣައްޒާއަށް ވައިގެ މަގުންނާއި އެއްގަމުން ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެ ހަމަލާތަކުގައި މިހާތަނަށް 27,585 މީހަކު ޝަހީދުކޮށްފައިވާއިރު އޭގެ ތެރޭގައި 11,500 ކުޑަކުދިން ހިމެނެއެވެ.

comment ކޮމެންޓް