ދަރަނި ބޮޑުވުމުން، ރާއްޖެއަށް ލިބޭ ކުރިއެރުންތަކުން ފައިދާ ހޯދަން ހުރަސް އެޅޭނެ: ވޯލްޑް ބޭންކް

މާޓިން ރެއިސާ ރައީސްއާ ބައްދަލުކުރެއްވުން: އޭނާ ވަނީ ދައުލަތުން ކުރާ ހޭދަތައް ބޮޑު ކަމަށް ވިދާޅުވެ އިސްލާހުތަކެއް ގެނައުމަށް ލަފާ ދެއްވާފައި -- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއިން އެކި ދާއިރާތަކުން ކުރިއެރުން ހޯދި ނަމަވެސް، ބޭރުގެ އެކިއެކި ފަރާތްތަކަށް އަދާ ކުރަންޖެހޭ ދަރަނި ބޮޑުވުމުގެ ސަބަބުން މި ކުރިއެރުންތަކުގެ ފައިދާ ލިބުމަށް ހުރަސްތައް މެދުވެރިވެދާނެ ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

ވޯލްޑް ބޭންކުގެ ފަރާތުން އެފަދައިން ވިދާޅުވީ، ދެކުނު އޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ނައިބު ރައީސް މާޓިން ރެއިސާއެވެ. އޭނާ ރާއްޖެއަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރު މިއަދު ވަނީ ނިންމަވަލައްވައިފައެވެ.

މި ދަތުރުގައި އޭނާ ވަނީ، ރާއްޖޭގެ ތަރައްގީގެ އެޖެންޑާއަށް ވޯލްޑް ބޭންކުން ދެމުންދާ އެހީ އާއި އެއްބާރުލުން މެދުކެނޑުމެއްނެތި އެ ބޭންކުން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

މީގެއިތުރުން، ދައުލަތުން ކުރާ ހޭދަތައް މަތިވުމާއި، ބޭރުފައިސާގެ ރިޒާވްގެ މަދުކަމާއި، ދަރަނި ބޮޑު ވުމާއި ދުނިޔޭގެ މާލީ ވުޒާރާތަކުގެ އިންޓަރެސްޓް ރޭޓު މަތިވުމާ ގުޅިގެން ކުރިމަތިވެދާނޭ ނުރައްކާތަކަށް ރިއާޔަތްކޮށް އަވަހަށް ފިސްކަލް ރިފޯމްތައް ގެނައުން މުހިންމު ކަމަށް ރެއިސާ ވިދާޅުވިއެވެ.

އޭނާ ލަފާ ދެއްވީ، ވަކި ކަމަކަށް އަމާޒުކުރުމެއް ނެތި ކުރާ ޚަރަދުތައް މަދުކުރުމަށާއި އާމްދަނީ އިތުރުކޮށް ދަރަނި ބެލެހެއްޓުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް ސަރުކާރުން އެޅުމަށެވެ. އަދި، ކުރަންހުރި މުހިންމު ހޭދަތައް ތަރުތީބުކޮށްގެން ހޭދަކުރުމަށާއި ބޭނުންޖެހިފައިވާ ފަރާތްތައް ދެނެގަނެ އެފަރާތްތަކަށް އެކަނި ސަބްސިޑީ ދިނުމަށާއި ރަށްރަށުން ލިބެން ހުންނަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަކީ ރާއްޖޭގެ ކުރިއެރުމަށްޓަކައި ކަށަވަރުކުރަންޖެހޭ ކަންކަން ކަމަށް ރެއިސާ ވިދާޅުވިއެވެ.

އެ މަސައްކަތުގައި ވޯލްޑް ބޭންކް ގްރޫޕްގެ މާލީ އަދި ފަންނީ އެހީ ރާއްޖެއަށް ފޯރުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވޯލްޑް ބޭންކުގެ އެހީގައި މިވަގުތު ރާއްޖޭގައި 10 މަޝްރޫއެއް ހިނގަމުން ދާއިރު، މި ޕްރޮޖެކްޓުތަކުގެ ޖުމުލަ އަގަކީ 217 މިލިޔަން ޑޮލަރެވެ.

މި ޕްރޮޖެކްޓުތައް ޚާއްޞަކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި ހަކަތަ، ކޮމްޕެޓިޓިވްނެސް އެންޑް ގްރޯތް، ޔޫތް ރެސިލިއެންސް އަދި ޒުވާނުންނަށް ވަޒީފާ ހޯދައިދިނުން، ޑިޖިޓަލް ޑިވެލޮޕްމަންޓް، އާބަން ޑިވެލޮޕްމަންޓް، ކުނި މެނޭޖްކުރުން، ކޮވިޑް 19ގެ އިޖާބީ މަސައްކަތްތައް، މަސްވެރިކަން، މަސައްކަތްތެރިން، ސިއްހީ ނިޒާމު، ތައުލީމީ ނިޒާމުގެ އިތުރުން އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާ ހިމެނެއެވެ.

comment ކޮމެންޓް