ރާއްޖެއަށް މިނިވަންކަން އަމިއްލައަށް ދެމެހެއްޓޭނެކަން ރައީސް ސާބިތުކޮށްދެއްވައިފި: ޒަމީރު

ފޮރިން މިނިސްޓަރު މޫސާ ޒަމީރު: ރާއްޖެއަށް މިނިވަންކަން އަމިއްލައަށް ދެމެހެއްޓޭނެކަން ރައީސް ސާބިތުކޮށްދެއްވައިފައިވާ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއަކީ މިނިވަންކަން އަމިއްލައަށް ދެމެހެއްޓޭނެ ގައުމެއްކަން ރައީސް ޑރ. މުހައްމަދު މުއިއްޒު, އެހެން ގައުމުތަކަށް ސާބިތުކޮށްދެއްވައިފި ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.

ތ. އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގައި އެ މަނިކުފާނާއެކު އެ އަތޮޅު މަޑިފުއްޓަށް ވަޑައިގެން ޒަމީރު ވިދާޅުވީ، 24 ގަޑިއިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން ރައީސް ނިންމަވާފައި ވާކަމަށެވެ. އެއީ މީގެ ކުރިން އެއްވެސް ވެރިއަކު ޚިޔާލު ވެސް ކޮށްފައި ނުވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން، މީގެ ކުރިން ވިސްނިފައި އޮންނަނީ އަބަދު ވެސް މިނިވަންކަމަށް ބަޔަކަށް ބަރޯސާ ވާންޖެހޭނެ ކަމަށް ކަމަށާއި އެ ވިސްނުން ރައީސް ފޮހެލައްވައިފިކަމަށް އޭނާ ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ ރައީސް ވެރިކަމާ ހަވާލުވެ ވަޑައިގަން ފަހުން ދޭދޭ ގައުމުތަކާއެކު އޮންނަ ގުޅުން އިތުރުވެފައި ވާކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކެބިނެޓުގައި ރައީސާއެކު މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތް ކަމަށާއި ރައީސް ވެވަޑައިގައިތީ އިންޖިނިއަރަކުން ޑިޕްލޮމެޓަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އޭރު އަޅުގަނޑަށް ފާހަގަ ކުރެވިފައި އޮންނަނީ ވަރަށް ކުޅަދާނަ އިންޖިނިއަރެއް، ވަރަށް ކުޅަދާނަ ހިންގުންތެރި ބޭފުޅެއް ޕްރޮޖެކްޓްތައް ހިންގުމުގައި..،" ޒަމީރު ވިދާޅުވިއެވެ.

ނަމަވެސް، ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް ފެންނަނީ މާ ފުރިހަމަކޮށް ޑިޕްލޮމެޓްކަން ކުރައްވާތަން ކަމަށް ޒަމީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިކަން ހާމަވަނީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ކަންތައް ކުރެއްވި ގޮތާއި ދޭދޭގައުމުތަކާ އެކު ގުޅުން ބަދަހި ކުރެވިފައިވާ މިންވަރުން ކަމަށެވެ.

"އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ ޑިޕްލޮމެޓިކް ދާއިރާގަ ދޭދޭ ގައުމުތަކުގެ ގުޅުމުގައި މިހާރު ރާއްޖެ އޮތީ ވަރަށް ކުރީގައޭ. އެއީ ރައީސްގެ ދުރު ވިސްނުމާ ރައީސް ދެއްވާ އިންސްޓްރަކްޝަން،" މިނިސްޓަރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރު ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި އިއްޔެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ، ރާއްޖޭގެ ޚާއްޞަ އިގުތިސާދީ ސަރަހައްދު 24 ގަޑިއިރު ބެލެހެއްޓޭނެ ގާބިލްކަން ދިވެހި އަސްކަރިއްޔާގައި ގާއިމްކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

އެ މަނިކުފާނު ވިދާޅުވީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ރައްކާތެރިކުރުމާއެކު، ގައުމުގެ ކަންކަން ހިންގުމުގައި ހިފަހައްޓާނެ އެންމެ މައިގަނޑު އުސޫލަކީ، ދިވެހީންނަށާއި ދިވެހި ގައުމަށް އިސްކަން ދިނުން ނުވަތަ 'ޕްރޯ މޯލްޑިވްސް'ގެ ސިޔާސަތު ކަމަށެވެ.

ރައީސް އެފަދައިން ވިދާޅުވިއިރު، މިދިޔަ ހަފުތާގެ ތެރޭ، ރާއްޖޭގެ ޚާއްޞަ އިގްތިޞާދީ ސަރަހައްދުގެ ތެރޭ މަސްވެރިކަން ކުރަމުން ދިޔަ ދޯނިތަކަކަށް، ރާއްޖޭގެ ސަރަހައްދުގެ ތެރެއަށް ހުއްދަ ނުނަގައި ވަދެ އޮތް އިންޑިއާ ސިފައިންގެ މަނަވަރަކުން ސިފައިން ދޯނިތަކަށް އެރި މައްސަލަ ވަނީ ފެންމަތިވެފައެވެ.

އެ ކަމާ ގުޅިގެން ވެސް ސަރުކާރުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެެ. އަދި ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުން އިތުރަށް ހަރުދަނާ ކުރާނެކަމަށް ބުނެފައެވެ.

ރައީސް ވެރިކަމަށް ވަޑައިގެންނެވީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ 'އިންޑިއާ އައުޓް' ހަރަކާތުގައި އުޅުއްވައި، އެ ސިފައިން އަނބުރާ ފޮނުވާލާނެ ކަމުގެ ވައުދުފުޅާއެކުގައެވެ. އެ ހަރަކާތާއި ސަރުކާރާ އޮތް ގުޅުމުގެ ސަބަބުން މި ސަރުކާރަކީ އިންޑިއާއާ ދެކޮޅު ސަރުކާރެއް ކަމަށް ސިފަކޮށްފައިވީ ނަމަވެސް ރައީސް ވަނީ މި ސަރުކާރުގެ ސިޔާސަތަކީ 'ޕްރޯ މޯލްޑިވްސް' ސިޔާސަތު ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

comment ކޮމެންޓް