ރައީސް، ރަސްގެފާނު ޗާލްސްއަށް ހިތްވަރުގެ މެސެޖެއް ފޮނުއްވައިިފި

ކޮޕް28ގެ ހަވާސާގައި ރައީސާއި ރަސްގެފާނު ޗާލްސް: ރައީސް ވިދާޅުވީ، ޗާލްސް އާލާސްކަންފުޅާ އުޅުއްވާ ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސްއަށް ކެންސަރު ބަލި ޖެހުމުން، ރަސްގެފާނަށް އަވަސް ޝިފާއަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ރަސްގެފާނު ޗާލްސް ތިން ވަނައަށް ކެންސަރު ބަލި ޖެހިފައިވާކަން އިއުލާންކުރީ އިއްޔެއެވެ.

މިކަމާ ގުޅިގެން ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަސްގެފާނު ޗާލްސްގެ އާލާސްކަންފުޅުގެ ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކު ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ރަސްގެފާނު ޗާލްސް ކެންސަރުގެ ބަލިމަޑުކަމާ ކުރިމަތިލައްވާނީ ކެތްތެރިކަމާއި އަޒުމާއެކުގައިކަން ޔަގީންކުރައްވާ ކަމަށެވެ. އަދި ރަސްގެފާނު ދުޅަހެޔޮ ސިއްހަތަކަށް ރުޖޫއަވުމަށް އެ މަނިކުފާނާއި ހުރިހާ ދިވެހިން ވެސް އެދޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރަސްގެފާނުގެ އިދާރީ މައި އޮފީސް، ބަކިންހަމް ޕެލެސްއިން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ މަނިކުފާނުގެ ޕްރޮސްޓޭޓް ދުޅަވުމާ ގުޅިގެން މިދިޔަ މަހު ހޯއްދެވި ފަރުވާގެ ތެރެއިން، ތަފާތު ސިއްހީ މައްސަލައެއް ފާހަގަކުރެވުނެވެ.

އެ މައްސަލަ ހޯދުމަށް ޓަކައި ހެދި ޓެސްޓުތަކުން، 75 އަހަރުގެ ރަސްގެފާނަށް ކެންސަރު ޖެހިފައިވާކަން ހާމަވި ކަމަށް ގަނޑުވަރުން ބުންޏެވެ. ނަމަވެސް އެއީ ކޮން ބާވަތެއްގެ ކެންސަރެއް ކަމާއި ބަލީގެ ސްޓޭޖެއް ބަކިންހަމް ޕެލެސްއިން ނުބުނެއެވެ.

އެ ބަޔާނުގައިވާ ގޮތުން އިއްޔެ ރަސްގެފާނު ވަނީ ބައްޔަށް ފަރުވާ ހޯއްދަވަން ފައްޓަވައިފައެވެ. އަދި ފަރުވާ ހޯއްދަވާ މުއްދަތުގައި ރަސްގެފާނަށް އާންމުންނާ ބައްދަލުނުކުރެއްވޭނެ ނަމަވެސް، ފަރުވާ ހޯއްދަވައިގެން އާންމު މަސްއޫލިއްޔަތުތަކަށް ވީހާވެސް އަވަހަށް ރުޖޫއަވެވޭނެ ކަމަށް ރަސްގެފާނު އުއްމީދު ކުރައްވާ ކަމަށް ގަނޑުވަރުން ބުންޏެވެ.

comment ކޮމެންޓް