ހޫޘީން އަނެއްކާ ވެސް އެމެރިކާއާއި އިނގިރޭސިވިލާތުގެ އާގު ބޯޓުތަކަކަށް ހަމަލާދީފި

ހޫޘީންގެ ހަމަލާއެއް އަމާޒުވެފައިވާ އާގުބޯޓެއް

ސަންއާ (6 ފެބްރުއަރީ 2024): ރަތްކަނޑުގައި ދަތުރުކުރަމުން ގެންދިޔަ އެމެރިކާއާއި އިނގިރޭސިވިލާތުގެ ދެ އާގު ބޯޓަކަށް ޔަމަންގެ ޙޫޘީ ޖަމާއަތުން މިއަދު ހަމަލާތަކެއް ދީފިއެވެ.

ހޫޘީ ޖަމާއަތުގެ ތަރުޖަމާނު ކާނަލް ޔަހްޔާ ސަރީއު ވިދާޅުވި ގޮތުގައި މިއީ އެމެރިކާއާއި އިނގިރޭސިވިލާތުން ދާދިފަހުން ޔަމަނަށް ދިން ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން އަމިއްލަ ނަފުސުގެ ދިފާއުގައި ދިން ޙަމަލާތަކެކެވެ. ރިޕޯޓްތައް ބުނާގޮތުން ހޫޘީންގެ ހަމަލާތައް އެރި އެމެރިކާގެ އާގު ބޯޓަކީ "ސްޓާނާސިއާ"އެވެ. އިނގިރޭސިވިލާތުގެ ބޯޓަކީ "މޯނިންގް ޓައިޑް"އެވެ. މި ދެ ބޯޓަށް ހޫޘީންގެ މިސައިލްތައް އަރާފައިވަނީ ސީދާގޮތެއްގައި ވަރަށް އެކިއުރޭޓްކޮށް ކަމަށް ވެއެވެ.

ފާއިތުވި ދުވަސްތަކުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ޔަމަންގެ ވެރިރަށް ސަންއާއަށާއި އެ ގައުމުގެ އެކި ސަރަހައްދުތަކަށް ގިނަ އަދަދެއްގެ ހަމަލާތައްވަނީ ދީފައެވެ. ހޫޘީންގެ ހަމަލާތައް އެރި އެ ދެ ބޯޓަށް ގެއްލުންތަކެއް ލިބުނު ނަމަވެސް އެ ދެ ބޯޓުގެ ފަޅުވެރިއަކަށް ގެއްލުން ލިބުނުކަމެއް އެނގިފައެއް ނުވެއެވެ.

ބާބުލް މަންދަބް ކަނޑުއޮޅިއާއި ރަތްކަނޑު ހުރަސްކޮށް ދަތުރުކުރާ އިސްރާއީލުގެ އާގު ބޯޓުތަކަށް ހޫޘީން ހަމަލާތައް ދޭންފެށީ އިސްރާއީލުން ޣައްޒާގެ އާންމުންނަށް ހަމަލާދީ ގަތުލުއާންމުތައް ހިންގަމުން ގެންދާތީ އެ ކަމަށް ބަދަލުހިފުމުގެ ގޮތުންނެވެ.

ހޫޘީންގެ ހަމަލާތައް ފުރަތަމަ އަމާޒުކުރީ ހަމައެކަނި އިސްރާއީލުގެ އާގު ބޯޓުތަކަށެވެ. މީގެ ތެރޭގައި އިސްރާއީލުގެ މަހުޖަނުންނާއި އިސްރާއީލުގެ މަސްލަހަތުތައް އޮންނަ ކުންފުނިތަކަށް ނިސްބަތްވާ އާގުބޯޓުތައް ހިމެނެއެވެ. ހޫޘީންގެ މި ހަމަލާތަކަށް ބަދަލުދޭން ފެށީ އިސްރާއީލުގެ ބަދަލުގައި އެމެރިކާއާއި އިނގިރޭސިވިލާތުންނެވެ.

ޣައްޒާގައި ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ގަތުލު އާންމު ހިންގުމަށް އިސްރާއީލަށް އެންމެ ބޮޑަށް ވާގިވެރިވާ ދެ ގައުމަކީ އެމެރިކާއާއި އިނގިރޭސިވިލާތެވެ. ހޫޘީންގެ ހަމަލާތައް ހުއްޓުވުމުގެ ނަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ފުރަތަމަ މަސައްކަތް ފެށީ ރަތްކަނޑުގައި ދަތުރުކުރާ އާގުބޯޓުތައް ހިމާޔަތްކުރުމުގެ ނަމުގައި އަސްކަރީ ޖަމާއަތެއް ހެދުމަށެވެ.

ނަމަވެސް މި ޖަމާއަތުގައި ބައިވެރިވުމަށް ސަރަހައްދުގެ ގައުމުތައް ފަސްޖެހުމުން އެމެރިކާއަށް ޖެހުނީ ނޭޓޯގެ ބައެއްގައުމުތަކާއި ސްރިލަންކާ ފަދަ ކުދި ބައެއް ގައުމުތައް ބަލިކަށި ޖަމާއަތެއް އުފައްދާށެވެ. އެމެރިކާގެ އެހީއަށް ބަރޯސާވާ މަދު ގައުމުތަކެއް ވައްދައިގެން އެމެރިކާ މި ޖަމާއަތް ހެދި ނަމަވެސް ހޫޘީން އިސްރާއީލުގެ އާގު ބޯޓުތަކަށް ދެމުންގެންދާ ހަމަލާތައް ހުއްޓުވުމުގައި މި ޖަމާއަތަށް ކާމިޔާބެއް ނުލިބުނެވެ.

ނަމަވެސް ބައިނަލްއަގުވާމީ ކަނޑުގެ ދަތުރުތައް ހިމާޔަތް ކުރުމުގެ ނަމުގައި އިސްރާއީލަށް ވާގިވެރިވުމަށްޓަކައި އެމެރިކާއާއި އިނގިރޭސިވިލާތުން ހޫޘީންގެ އަމާޒުތަކަށް ބޮންއަޅައި މިސައިލް ހަމަލާތައް ދޭން ފެށިއެވެ. މިއާއެކު ހޫޘީންވަނީ ރަތްކަނޑާއި ބާބުލްމަންދަބް ކަނޑުއޮޅީގައި ދަތުރުކުރާ އިސްރާއީލުގެ ބޯޓުތަކުގެ އިތުރުން މި ދެ ގައުމުގެ އާގު ބޯޓުތަކަށް ވެސް ހަމަލާތައް ދޭން ފަށާފައެވެ.

އެމެރިކާއާއި އިނގިރޭސީން ޔަމަނަށް ކިތަންމެ ވަރަކަށް ބޮންއެޅި ނަމަވެސް ހޫޘީންގެ ހަމަލާތައް ހުއްޓުވޭނެ އެއްވެސް ގޮތެއްވަނީ ނުވެފައެވެ. ހޫޘީންގެ ހަމަލާތަކާ އެކު ދެ ގައުމުގެ ބޯޓުތަކަށްވަނީ އިސްރާއީލުގެ ބޯޓުތަކެކޭ އެއްގޮތަށް ރަތްކަނޑަށް ވަނުމުގެ ބަދަލުގައި އެފްރިކާ ވަށާލައި ދަތުރުކުރަން މަޖުބޫރުވެފައެވެ. މިކަމުގެ ސަބަބުން ދަތުރުތަކުގެ މުއްދަތާއި ދަތުރުތަކުގެ އަގުތަކާއި އިންޝުއަރެންސް އަގުތައް އެތައް ގުނައެއް ބޮޑުވެ ދެ ގައުމަށްވަނީ އިގުތިސާދީ ގެއްލުންތަކެއް ތަހައްމަލް ކުރަންޖެހިފައެވެ.

އިސްރާއީލުން ޣައްޒާއަށް ހަމަލާދީ އާންމުންގެ އެތައް ސަތޭކަ ބަޔަކު ކޮންމެ ދުވަހަކު މަރަމުން ގެންދިޔުމަކީ އެމެރިކާއާއި އިނގިރޭސިވިލާތަށް މައްސަލައަކަށް ނުވެއެވެ. އޭގެ ބަަދަލުގައި އެ ދެ ގައުމަށް މައްސަލައަކަށްވަނީ ހޫޘީން އިސްރާއީލުގެ އާގު ބޯޓުތަކަށް ދޭ ހަމަލާތަކެވެ.

comment ކޮމެންޓް