އީރާނުން ދިން ހަމަލާތަކުގެ 99 އިންސައްތަ ވީ ނާކާމިޔާބު: އިޒްރޭލް

އިޒްރޭލަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ރޭ ފޮނުވައިލި ޑްރޯންއާއި މިސައިލް ހަމަލާތަކުގެ 99 އިންސައްތަ ނާކާމިޔާބުކޮށްލެވިފައިވާ ކަމަށް އިޒްރޭލުން މިއަދު ބުނެފިއެވެ.

އިޒްރޭލަށް އަމާޒުކޮށް އީރާނުން ވަނީ ޑްރޯންއާއި މިސައިލްގެ 300 އެއްހައި ހަމަލާ ފޮނުވާލައިފައެވެ. އެކަމަކު، އިޒްރޭލުން ބުނީ އެ ހަމަލާތަކުގައި އަސްކަރީ މަރުކަޒަކަށް ކުދި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އެ ހަމަލާތަކުގައި ޒަޚަމުވެފައިވަނީ އެންމެ މީހެއް ކަމަށް ވެސް އިޒްރޭލުން ބުނެއެވެ.

އިޒްރޭލުގެ އަސްކަރީ ތަރުޖަމާނު ޑެނިއަލް ހަގާރީ ބުނި ގޮތުގައި އީރާނުން ފޮނުވައިލި 300 އެއްހައި ހަމަލާގެ ތެރެއިން 99 އިންސައްތަ ހަމަލާ ވަނީ ނާކާމިޔާބުކޮށްލައިފައެވެ.

މިހާރު އިޒްރޭލުގެ އެއާޕޯޓްސް އޮތޯރިޓީން ވަނީ އެ ގައުމުން ބަންދުކުރި ވައިގެ ސަރަހައްދު ވެސް އަލުން ހުޅުވާލިކަން ހާމަކޮށްފައެވެ.

އީރާނުން އިޒްރޭލަށް އަމާޒުކޮށް ފޮނުވައިލި ހަމަލާތައް -- ފޮޓޯ/ އޭޕީ

އެ ކަމުގައި އިޒްރޭލަށް އެހީތެރިވެފައިވާ ކަމަށް އެ މީހުންނަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ވިދާޅުވެފައެވެ. އަދި، އިޒްރޭލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ފޯނުން ގުޅުއްވައި، އިޒްރޭލުގެ ދިފާއުގައި އެމެރިކާއިން ދެމިއޮންނާނެކަމުގެ ޔަގީންކަން ވެސް ބައިޑަން ވަނީ އަރުވައިފައެވެ.

އެމެރިކާއިން ވަނީ އީރާނާ މެދު ފިޔަވަޅު އަޅައި، އިތުރު އަސްކަރީ ހަމަލާއެއް ނުދޭނެކަން ކަށަވަރުކުރަން ވެސް ގޮވާލައިފައެވެ.

ހަމަލާތައް ފޮނުވައިލުމަށް ފަހު އީރާނުން އދ. ގެ ސަލާމަތީ މަޖިލީހަށް ފޮނުވި ސިޓީއެއްގައި ވަނީ އެ ގައުމުން މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްކުރަން ނޭދޭކަން ހާމަކޮށްފައެވެ. އަދި، ރޭ ފޮނުވައިލި ހަމަލާތަކަކީ ސީރިއާގައި ހުންނަ އެ ގައުމުގެ އެމްބަސީއަށް ދިން ހަމަލާގެ ރައްދު ހަމަލާތަކެއް ކަމަށް ވެސް އީރާނުން ވަނީ ބުނެފައެވެ.

އެމެރިކާގެ ސެކެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވެސް ވަނީ އެ ގައުމުން ވެސް މެދުއިރުމަތީގެ ހާލަތު ގޯސްކުރަން ނޭދޭ ކަމަށް ވިދާޅުވެފައެވެ. އެކަމަކު، އިޒްރޭލުގެ ދިފާއަށް އެހީތެރިވުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން ބްލިންކެން ވެސް ވަނީ އަރުވައިފައެވެ.

އިޒްރޭލުގެ ދިފާއުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން ދިން ނަމަވެސް އެމެރިކާއިން ވަނީ އީރާނާ ދެކޮޅަށް ދޭ ހަމަލާއެއްގައި ބައިވެރިނުވާނެ ކަމަށް ވެސް ބުނެފައެވެ. އެފަދަ ހަމަލާއެއްގައި އެމެރިކާއިން ބައިވެރިނުވާނެ ކަމަށް އެމެރިކާގެ ރައީސް ބައިޑެން ނަތަންޔާހޫއަށް ވެސް ދަންނަވާފައިވާ ކަމަށް އަލްޖަޒީރާ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

އެހެން ގައުމެއްގެ ވައިގެ ތެރޭގައި އުދުހުމުގެ ފުރުސަތު ނުލިބި އަދި އެހެން ގައުމެއްގެ ވައިގެ ޖައްވުގައި ތެޔޮ އެޅުމުގެ ފުރުސަތު ނުލިބި އިސްރާއީލުގެ ޖެޓްތަކަށް އީރާނަށް ބޮމެއް ނޭޅޭނެއެވެ. އެއީ، އީރާނާއި އިސްރާއީލާ ދެމެދު 2،000 ކިލޯމީޓަރުގެ ދުރުމިން ހުންނާތީއެވެ.

comment ކޮމެންޓް