މިނިސްޓަރުން ގާނޫނާ ހިލާފުވި ކަމަށް ބުނާ މައްސަލަ ކޮމިޓީއަށް

ހޯމް މިނިސްޓަރު އިހުސާން (ކ). މިނިސްޓަރު މާރިޔާ (މ) އަދި މިނިސްޓަރު ސައީދު (ވ): ތިން މިނިސްޓަރުން ގާނޫނާ ހިލާފުވި ކަމަށް ބުނެ މަޖިލީހަށް ވަނީ މައްސަލައެއް ހުށަހަޅާފައި

ސަރުކާރުގެ ތިން މިނިސްޓަރަކު ގާނޫނު އަސާސީއާ ޚިލާފުވެފައިވާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި މައްސަލަ ދިރާސާކޮށް، ގޮތެއް ނިންމަން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލައި ކޮމިޓީއަށް ފޮނުވަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ތިންވަނަ ޖަލްސާއަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވަނީ މައްސަލައެއް ހުށަހަޅައިފައެވެ. އެއީ، ވަޒީފާއާ ބެހޭ ގާނޫނަށް މި ސަރުކާރުން އަމަލުނުކޮށް، އެ ގާނޫނާ ހިލާފަށް ކަންތައްތައް ކުރިއަށް ގެންދާ ކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ. އެ މައްސަލައިގައި ބުނެފައިވަނީ ތިން މިނިސްޓަރަކު ގާނޫނު އަސާސީއާ ހިލާފުވެފައިވާ ކަމަށެވެ. އެއީ،

  • ހޯމް މިނިސްޓަރު އަލީ އިހުސާން
  • އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު
  • ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ

ހިސާން ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ރާއްޖޭގައި މަސައްކަތްކުރަން ބިދޭސީން ގެންނަން ކޯޓާ ދޫކުރުމާއި ބިދޭސީން ގެނައުމަށް ހުއްދަ ދިނުމާއި އެ ކަމާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގުމަކީ ހޯމް މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަމެއް ކަމަށެވެ.

އެކަމަކު، ގާނޫނު ތަންފީޒުކުރަން މިނިސްޓްރީން ހަދަންޖެހޭ ގަވާއިދުތައް ހެދުމަކީ މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވޮލޮޕްމަންޓުގެ މެންޑޭޓުގައި ހިމެނޭ ކަމެއް ކަމަށް ސަރުކާރުން ބަޔާންކޮށްފައިވާ ކަމަށް އެ މައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ.

https://sun.mv/188362

އެހެންވެ، ހިސާންގެ މައްސަލައިގައި ބުނެފައިވަނީ އެ ގާނޫނުގެ ދަށުން އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް ދެ މިނިސްޓްރީ ދޭތެރޭ ބަހާލައިގެން އަދާނުކުރެވޭނެ ކަމަށާއި ވަޒީފާއާ ބެހޭ ކަންތައްތައް ރެގިއުލޭޓު ކުރުމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެ ވަގުތެއްގައި ހަވާލުކުރެވިފައި އޮންނަ މިނިސްޓްރީއަކަށް ލިބިދީފައިވާ ބާރެއް އެހެން މިނިސްޓްރީއަކަށް ނުވަތަ މިނިސްޓަރަކަށް ހަވާލެއް ނުކުރެވޭނެ ކަމަށެވެ.

އެ ގަވާއިދު ހޯމް މިނިސްޓްރީއަށް ނުހެދޭނެ ކަމަށް އެ މައްސަލައިގައި ވަނީ ބުނެފައެވެ. އަދި، ބިދޭސީން ވަޒީދާ އަދާކުރަން އެއް ގައުމަކުން އެންމެ ގިނައިން ގެނެވޭނީ 100،000 މީހުން ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާއިރު މި ސަރުކާރުން ބަންގްލަދޭޝް މަސައްކަތްތެރިން ގެންނަން ހުއްދަ ދިނީ އެ އަދަދު 139،220 ގައި ހުއްޓައި ކަމަށް ވަނީ ބުނެފައެވެ.

އެ މައްސަލަ ފެންމަތިވުމުން އިކޮނަމިކް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައި އޮތް ބިދޭސީ މަސައްކަތްތެރިންގެ ތަފާސްހިސާބު ފުހެލާފައިވަނީ ނުނިއަތެއް އޮވެގެން ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

މިނިސްޓަރު މާރިޔާ ގާނޫނާ ހިލާފުވި ކަމަށް ބުނެފައިވަނީ އެ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަމެއް ހޯމް މިނިސްޓްރީއާ ހަވާލުކުރުމުންނެވެ. މިނިސްޓަރު އިހުސާން ގާނޫނާ ހިލާފުވި ކަމަށް ބުނެފައިވަނީ ބަންގްލަދޭޝް މަސައްކަތްތެރިން ގެންނަން ހުއްދަ ދިނުމާ ގުޅިގެންނެވެ. އަދި، މިނިސްޓަރު ސައީދު ގާނޫނާ ހިލާފުވި ކަމަށް ބުނެފައިވަނީ ބިދޭސީ މަސައްކަތްތެރިންގެ ތަފާސްހިސާބުތައް ފުހެލި ކަމަށް ބުނާ މައްސަލައިގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފައިލް ފޮޓޯ/ މަޖިލިސް

މި މައްސަލައަށް ތާއީދުކުރައްވައި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވަނީ މައްސަލަ ކޮމިޓީއަށް ފޮނުވަން ހުށަހަޅައިފައެވެ. ކޮމިޓީއަށް ފޮނުވުމާ މެދު މިއަދު ނެގި ވޯޓުގައި ޖުމުލަ 32 މެންބަރުން ބައިވެރިވެވަޑައިގަތެވެ. އޭގެ ތެރެއިން 29 މެންބަރުންގެ ވޯޓާ އެކު ވަނީ މައްސަލަ ކޮމިޓީއަށް ފޮނުވަން ނިންމައިފައެވެ.

ކޮމިޓީއަށް މައްސަލަ ފޮނުވަން ނުފެންނަ ކަމަށް ތިން މެންބަރުން ވޯޓުދެއްވިއެވެ.

މީގެ ކުރިން ހޯމް މިނިސްޓަރު އިހުސާން ވިދާޅުވެފައިވަނީ ބަންގްލަދޭޝް މަސައްކަތްތެރިން ގެންނަން ފުރުސަތު ހުޅުވައިލީ ބަންގްލަދޭޝް މަސައްކަތްތެރިންގެ އަދަދު 90،000 އަށް ތިރިވެފައިވާތީ ކަމަށެވެ. އަދި، ތަފާސްހިސާބުތައް ގެއްލުނު މައްސަލައިގައި ކަންހިނގާދިޔަ ގޮތް އޮޅުންފިލުވައި، އެ މައްސަލަ ބައްލަވާނެ ކަމަށް މިނިސްޓަރު ސައީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ތިން މިނިސްޓަރަކު ގާނޫނާ ހިލާފުވި ކަމަށް ބުނެ މަޖިލީހަށް މައްސަލައެއް ހުށަހަޅާފައިވާއިރު، މި ސަރުކާރުގެ ތިން މިނިސްޓަރަކަށް މަޖިލީހުން ރުހުން ވެސް ނުލިބުނެވެ. އެއީ،

  • އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  • ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު
  • ބަންޑާރަނައިބު އަހުމަދު އުޝާމް

އެކަމަކު، ރުހުން ނުލިބުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ތިން ބޭފުޅުން އަލުން، ހަމަ އެ ވުޒާރާތަކަށް އައްޔަންކުރައްވައިފައެވެ.

comment ކޮމެންޓް