ޝަމީމަށް ދިން ހަމަލާއާ ގުޅިގެން ބައިނަލްއަގުވާމީ ޕްރޮސެކިއުޓަރުންގެ ޖަމިއްޔާގެ ކަންބޮޑުވުން

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް (ވ) ރިޔާސީ ބަޔާން އިއްވެވި ޖަލްސާއަށް ވަޑައިގަންނަވަނީ -- ފޮޓޯ/ މަޖިލިސް

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް މިދިޔަ ހަފުތާގައި ދިން ހަމަލާއާ ގުޅިގެން ބައިނަލްއަގުވާމީ ޕްރޮސިކިއުޓަރުންގެ ޖަމިއްޔާ (އައިއޭޕީ)ން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށް އެ ޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީ ރޯއެލް ޑޯނާ، ޕީޖީ ޝަމީމަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.

އެ ސިޓީގައި އެ މައްސަލައިގެ އެކަށީގެންވާ އަވަސް ތަހުގީގެއް ހިންގުމަށާއި ހަމަލާ ދިނުމުގައި ބައިވެރިވި މީހުންނަށް ފިޔަވަޅު އެޅުމަށް ރާއްޖޭގެ ކަމާ ބެހޭ އިދާރާތަކަށް އެ ޖަމިއްޔާއިން ގޮވައިލާފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

އެ ޖަމިއްޔާއިން ވަނީ ޕީޖީ ޝަމީމާއި އެހެނިހެން ޕްރޮސިކިއުޓަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން މުހިންމު ކަމަށާއި ރާއްޖޭގެ ޕްރޮސެކިއުޓަރުންގެ ރައްކާތެރިކަމާ މެދު ކަންބޮޑުވާކަން ފާހަގަކޮށްފައެވެ.

ބައިނަލްއަގުވާމީ ޕްރޮސެކިއުޓަރުންގެ ޖަމިއްޔާގައި ރާއްޖެ ތަމްސީލުކުރާއިރު ޕީޖީ ޝަމީމަކީ އެ ޖަމިއްޔާގެ މެންބަރެކެވެ.

ސައިކަލެއްގައި އައި ދެ މީހަކު މިދިޔަ ބުދަ ދުވަހުގެ ހެނދުނު ވަނީ ޝަމީމަށް ހަމަލާދީ، އަތް ޒަޚަމުކޮށްލައިފައެވެ. ހަމަލާއަށް ފަހު، ސިފައިން މިހާރު ވަނީ އޭނާގެ ސެކިއުރިޓީ ވެސް ވަރުގަދަކޮށްފައެވެ.

ޝަމީމްގެ ވާއަތުގައި ރެނދުލާފައިވާއިރު، ސަރުކާރުން ވަނީ އެ މައްސަލައިގައި ހުރިހާ ވަސީލަތަކާއި އިޚުތިޔާރެއް ބޭނުންކުރާނެކަމުގެ ޔަގީންކަން އަރުވައިފައެވެ.

އެ މައްސަލައިގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ދެ މީހަކު ވަނީ ބަންދުކޮށްފައެވެ.

ފުލުހުން މީގެ ކުރިން ބުނި ގޮތުގައި ޝަމީމަށް ހަމަލާދިންއިރު އޭނާއަށް ސެކިއުރިޓީ ފޯރުކޮށްދެމުންނެއް ނުދެއެވެ.

comment ކޮމެންޓް