ރަސްގެފާނު ޗާލްސްއަށް ކެންސަރު ޖެހި، ފަރުވާ ހޯއްދަވަން ފައްޓަވައިފި

ރަސްގެފާނު ޗާލްސްއާއި ރާނީ ކެމިލާ: ރަސްގެފާނަށް ކެންސަރު ޖެހިފައިވާކަން ބަކިންހަމް ޕެލެސްއިން ވަނީ އިއުލާންކޮށްފައި -- ފޮޓޯ/ އޭޕީ

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިން ވަނައަށް ކެންސަރު ބަލި ޖެހިފައިވާކަން މިއަދު އިއުލާންކޮށްފިއެވެ.

ރަސްގެފާނުގެ އިދާރީ މައި އޮފީސް، ބަކިންހަމް ޕެލެސްއިން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ މަނިކުފާނުގެ ޕްރޮސްޓޭޓް ދުޅަވުމާ ގުޅިގެން މިދިޔަ މަހު ހޯއްދެވި ފަރުވާގެ ތެރެއިން، ތަފާތު ސިއްހީ މައްސަލައެއް ފާހަގަކުރެވުނެވެ.

އެ މައްސަލަ ހޯދުމަށް ޓަކައި ހެދި ޓެސްޓުތަކުން، 75 އަހަރުގެ ރަސްގެފާނަށް ކެންސަރު ޖެހިފައިވާކަން ހާމަވި ކަމަށް ގަނޑުވަރުން ބުންޏެވެ. ނަމަވެސް އެއީ ކޮން ބާވަތެއްގެ ކެންސަރެއް ކަމާއި ބަލީގެ ސްޓޭޖެއް ބަކިންހަމް ޕެލެސްއިން ނުބުނެއެވެ.

އެ ބަޔާނުގައިވާ ގޮތުން މިއަދު ރަސްގެފާނު ވަނީ ބައްޔަށް ފަރުވާ ހޯއްދަވަން ފައްޓަވައިފައެވެ. އަދި ފަރުވާ ހޯއްދަވާ މުއްދަތުގައި ރަސްގެފާނަށް އާންމުންނާ ބައްދަލުނުކުރެއްވޭނެ ނަމަވެސް، ފަރުވާ ހޯއްދަވައިގެން އާންމު މަސްއޫލިއްޔަތުތަކަށް ވީހާވެސް އަވަހަށް ރުޖޫއަވެވޭނެ ކަމަށް ރަސްގެފާނު އުއްމީދު ކުރައްވާ ކަމަށް ގަނޑުވަރުން ބުންޏެވެ.

އިނގިރޭސި ދައުލަތުގެ ވެރިޔާގެ މަގާމުގައި ހުންނަވާ ރަސްގެފާނު ޗާލްސް، އާންމުންގެ ތެރެއަށް ނުކުމެވަޑައިނުގަތް ނަމަވެސް، ރަސްމީ މަސައްކަތްތައް ކުރައްވަމުން ގެންދަވާނެ ކަމަށް ވެސް ބަކިންހަމް ޕެލެސްގެ ބަޔާނުގައިވެއެވެ.

އިނގިރޭސި ގާނޫނުގައި އޮންނަ ގޮތުން، ދައުލަތުގެ ވެރިޔާއަށް މަގާމުގެ ޒިންމާތައް އަދާނުކުރެއްވޭ ހާލަތުގައި، ރަސްގެފާނުގެ ބަދަލުގައި އެ ޒިންމާތަކާ ހަވާލުވެވަޑައިގަންނަވާނެ ''ކައުންސެލާސް އޮފް ސްޓޭޓް'' އައްޔަންކުރެވޭނެއެވެ. އެގޮތުން މިވަގުތުު އައްޔަން ކުރެއްވޭނެ ބޭފުޅުންގެ ތެރޭގައި ރަސްގެފާނުގެ އަނބިކަނބަލުން ރާނީ ކެމިލާ، ދަރިކަލުން ޕްރިންސް ވިލިއަމް، ކޮއްކޯފުޅު ޕްރިންސެސް އޭން އަދި ކޮއްކޯފުޅު ޕްރިންސް އެޑްވާޑް ހިމެނެއެވެ.

ޗާލްސްގެ ދެވަނަ ދަރިކަލުން ޕްރިންސް ހެރީ، ޝާހީ އާއިލާގެ އިސް މެންބަރު ކަމުންނާއި މަސައްކަތްތަކުން 2020ގައި އެކަހެރިވެވަޑައިގެންފައިވާތީ، ޕްރިންސް ހެރީއަށް އެ މަގާމު އަދައެއް ނުކުރެވޭނެއެވެ.

ރަސްގެފާނު ޗާލްސްގެ އިސްތަށިފުޅުގައި ރަސްކަމުގެ ތާޖު އަޅުވައި، ތަޚުތުގައި ރަސްމީކޮށް ވެޑުވީ މިދިޔަ އަހަރުގެ މެއި މަހުގެ ހަޔެއްގައެވެ. އެއީ މަންމާފުޅު ރާނީ އެލިޒަބެތު ދެވަނަ އޭގެ ކުރީ އަހަރުގެ ސެޕްޓެމްބަރު މަހުގެ އަށެއްގައި އަވަހާރަވުމާ ގުޅިގެންނެވެ.

comment ކޮމެންޓް