ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މިއަދު މާލެ ވަޑައިގެންފިއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަކީ އިނގިރޭސިވިލާތުގެ ރަސްގެފާނު، ހިޒް މެޖަސްޓީ ޗާލްސް ތިންވަނައިގެ އިސްނެންގެވުމުގެ ދަށުން އިންތިޒާމްކުރެވުނު "ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން" ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
މި ބައްދަލުވުމުގައި، ބައިނަލްއަގްވާމީ ޑިވެލޮޕްމަންޓް ބޭންކުތަކާއި (އެމްޑީބީ) ޕްރައިވެޓް ފައިނޭންސް ފޯރުކޮށްދޭ އިންސްޓިޓިއުޝަންތަކުގެ އިސްވެރީން ބައިވެރިވެވަޑައިގެން، ދެމެހެއްޓެނިވި ތަރައްގީއަށާއި، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ހަލުވިކުރުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
އަދި މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ "ޑެޓް ފޯ ކްލައިމެޓް" އަދި "ޑެޓް ފޯ ނޭޗާ" މަޝްރޫޢު ކުރިއެރުވުމަށާއި، ތިމާވެއްޓާ ރައްޓެހި ޕްރައިވެޓް ފައިނޭންސް ފޯރުކޮށްދޭ މަރުކަޒުތަކުގެ އެއްބާރުލުން އިތުރުކުރުމާގުޅޭ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންފައެވެ.
އެގޮތުން، ދިވެހިރާއްޖެއަށާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި މާލީ އެހީތެރިކަމުގެ ބޭނުންތައް ފާހަގަކުރައްވައި، އެކަންކަމަށް ހައްލު ހޯދުމަށް މަގުފަހިކުރެވިދާނެ ގޮތްތަކެއް ރައީސް ވަނީ ހުށަހަޅުއްވާފައެވެ.
މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި މަތީ ފެންވަރުގެ ބައިވެރިންނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށްފައިވެއެވެ. އަދި ދުނިޔޭގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ އެއްގޮތަށް، އިންސާފުވެރި އަދި ދެމެހެއްޓެނިވި މާލީ އެހީއަށް ރާއްޖެއިން ކުރާ ވަކާލާތު އިތުރަށް ވަރުގަދަކުރުމަށް ވަރަށް މުހިންމު ފުރުސަތެއް ލިބިގެންދިޔަ ކަމަށް ރައީސް އޮފީހުން ބުންޏެވެ.