ގިނަ ބަޔަކު ހައިރާންކޮށްލައި، ވުލްވްސްއިން ޗެލްސީ ބަލިކޮށްފި

ޗެލްސީ އާއި ދެކޮޅަށް ހެޓްރިކް ހެދި ކޫންޔާ ލަނޑެއް ކާމިޔާބު ކުރަނީ / ފޮޓޯ: ދި ސްޓާ

އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވަހެމްޕްޓަން ވޮންޑަރާސްއިން ޗެލްސީ ބަލިކޮށް، ގިނަ ބަޔަކު ހައިރާންކޮށްލައިފިއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗު ވުލްވްސްއިން ކާމިޔާބު ކޮށްފައިވަނީ 4-2 އިންނެވެ.

މެޗުގެ 19 ވަނަ މިނެޓުގައި ޗެލްސީއަށް ލީޑު ނަގައިދިނީ ކޯލް ޕާމައެވެ. އެކަމަކު، އޭގެ ތިން މިނެޓު ފަހުން ވުލްސްގެ މެތިއުސް ކޫންޔާ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު ވުލްވްސްއިން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. އެއީ ޗެލްސީގެ އެލެކްސް ޑިސާސީގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.

ވުލްސްއިން ވަނީ 63 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. އަދި، މެޗުގެ 82 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކޫންޔާ ވަނީ އޭނާގެ ތިންވަނަ ލަނޑު ޖަހައި މެޗުގައި ހެޓްރިކް ވެސް ފުރިހަމަ ކޮށްފައެވެ.

މެޗުގައި ޗެލްސީން ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ 86 ވަނަ މިނެޓްގައި ޖަހައިދިނީ ތިއާގޯ ސިލްވާއެވެ.

މި ނަތީޖާއާ އެކު މި ސީޒަންގައި ލީގުގައި ކުޅުނު ދެ މެޗުން ވެސް ވުލްވްސްވަނީ ޗެލްސީ ބަލިކޮށްފައެވެ. މިކަން އެންމެ ފަހުން ވުލްވްސްއަށް ކުރެވިފައިވަނީ 1974-75 ވަނަ ސީޒަންގައެވެ. އަދި އެންމެ ފަހުން ޗެލްސީގެ ދަނޑުގައި ވުލްވްސްއަށް ކާމިޔާބު ހޯދިފައިވަނީ ވެސް 1979 ވަނަ އަހަރެވެ.

ވުލްވްސް މިހާރު ވަނީ ކުޅުނު 23 މެޗުން ލިބިފައިވާ 32 ޕޮއިންޓާ އެކު ތާވަލުގެ 10 ވަނައަށް ކުރިއަށް ޖެހިލައިފައެވެ. އަދި، ޗެލްސީވަނީ 31 ޕޮއިންޓާ އެކު ތާވަލުގެ 11 ވަނައަށް ފަހަތަށް ޖެހިލައިފައެވެ.

comment ކޮމެންޓް