އާސެނަލްއިން ލިވަޕޫލް ބަލިކޮށް، ދެޓީމްގެ ފަރަގު ކުޑަކޮށްފި

އާސެނަލްގެ ދެވަނަ ލަނޑު ޖަހާދިން މާޓިނެއްލީ ލަނޑު ޖެހުމަށްފަހު އުފާފާޅު ކުރަނީ / ފޮޓޯ: ދި ޓެލެގްރާފް

އިންގްލިޝް ޕްރިމިއާ ލީގުގައި އާސެނަލްއާއި ތާވަލްގެ އެއްވަނައިގައި އުޅޭ ލިވަޕޫލް ބައްދަލުކުރި މެޗު އާސެނަލްއިން ކާމިޔާބުކޮށް، ދެ ޓީމްގެ ދެމެދުގައިވާ ފަރަގު ކުޑަކޮށްފިއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމް ކާމިޔާބުކޮށްފައިވަނީ ތިން ލަނޑު އެއް ލަނޑުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު އެ މެޗުގައި ގިނައިރު ލިވަޕޫލުން ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލްއިންނެވެ.

އެ މެޗު އާސެނަލްއިން ފަށާފައިވަނީ ވަރަށް ފޯރިއާއެކު ހަމަލާއަށް އިސްކަން ދީގެންނެވެ. މިގޮތުން މެޗުގެ ކުރީކޮޅު އާސެނަލްއިން ވަނީ ފުލުފުލުގައި ގިނަ ހަމަލާތަކެއް އުފައްދަފަައެވެ. މިގޮތުން އުފެއްދި ހަމަލާއެއްގައި އާސެނަލްއިން މެޗުގެ 14 ވަނަ މިނެޓްގައި މެޗުގެ ލީޑު ނެގިއެވެ.

އެ ލަނޑު އެޓީމަށް ޖަހައިދިނީ އާސެނަލްގެ ކައި ހަވާޓްޒް ގޯލަށް ފޮނުވާލި ހަމަލާއެއް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ދިފާއުކުރި ވަގުތު ލިބުނު ރީބައުންޑްގައި ބުކާޔޯ ސާކާއެވެ. މިލަނޑާއެކު އާސެނަލްއިން ބޮޑަށް ހަމަޖެހިލިއިރު ލިވަޕޫލް ފެނުނީ އިތުރު ހާސް ކަމެއްގެ ތެރެއަށް ވެއްޓުނު ތަނެވެ. އެގޮތުން ޑިފެންސްގައި ހެދެމުންދިޔަ ގޯސް އިތުރުވެ ލަނޑު ޖަހާނެ އިތުރު ފުރުސަތު އާސެނަލްއަށް މިހާފުގައި ލިބުނެވެ. ނަމަވެސް މިއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއްނުވިއެވެ.

އެ މެޗުގައި ލިވަޕޫލްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކާމިޔާބު ކުރިއިރު މިލަނޑަކީ އާސެނަލްގެ ޑިފެންސްގައި ވިލިއަމް ސަލީބާ އާއި ކީޕާ ޑޭވިޑް ރާޔާއަށް ހެދުނު ގޯހެއްގެ ސަބަބުން ގެބްރިއަލް އަތުގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ.

އެ މެޗުގައި ދެވަނަ ހާފަށް ލިވަޕޫލުން ނުކުތީ ފުރަތަމަ ހާފުގައި ހެދުނު ގޯސްތައް ރަނގަޅުކޮށްގެންނެވެ. މިގޮތުން މިހާފުގައި ރަނގަޅަށް ކުޅުނުތަން ފެނުނީ ލިވަޕޫލުންނެވެ. އަދި ލަނޑެއް ޖެހުމާއިވެސް ވަރަށް ގާތަށް ދެތިން ފަހަރެއްގެ މަތިން ދިޔައެވެ.

އެ ހާފްގައި އާސެނަލްއިން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 67 ވަނަ މިނެޓްގައި ލިވަޕޫލްގެ ކީޕާ އެލިސަން އާއި އެޓީމްގެ ކެޕްޓަން ވާޖިލް ވެން ޑައިކްގެ މެދުގައި އެރި އޮޅުމެއްގެ ފައިދާ ނަގާ ގެބްރިއެެލް މާޓިލެއްލީއެވެ. ލިވަޕޫލުން މިލަނޑާއެކުވެސް ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް ލިވަޕޫލުން ކުރަމުންދިޔަ މަސައްކަތަށް އިތުރަށް ހުރަސް އެޅުނީ އެޓީމްގެ ޑިފެންޑަރި އިބްރާހީމާ ކޮނާޓޭއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކުމުންނެވެ. އަދި މިމެޗުގައި އާސެނަލްގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓްގައި ޖަހައިދިނީ ބަދަލު ކުޅުންތެރިޔާ ލިއާންޑްރޯ ޓްރޮސާޑްއެވެ.

އެ ލަނޑު ލިވަޕޫލް ގޯލަށް ވަނުމުގައިވެސް އެލިސަންގެ މިސްޓޭކް އޮތް ކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މިކާމިޔާބީއާއެކު އާސެނަލް އިން މިހާރު އުޅެނީ ކުޅުނު 23 މެޗުން ލިބިފައިވާ 49 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އަދި އެއްވަނައިގައި 51 ޕޮއިންޓާއެކު އުޅޭ ލިވަޕޫލާއި އާސެނަލްއާ ދެމެދުގައި މިހާރު އޮތީ ދެ ޕޮއިންޓްގެ ތަފާތެވެ.

ތިންވަނައިގާ އުޅޭ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ މިހާރު ނުކުޅެ އޮތް ދެ މެޗުކާމިޔާބުކޮށްފި ނަމަ އެޓީމަށް ލިވަޕޫލް ފަހަތަށް ޖައްސާލައި ތާވަލްގެ އެއްވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

comment ކޮމެންޓް