އެމްޑީޕީ ޕްރައިމަރީ: 149 ކެންޑިޑޭޓުން، 25،000 މީހުންނަށް ވޯޓުލެވޭ

އެމްޑީޕީން 2020 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގެ ތެރެއިން: އަންނަ މާޗު މަހު ބާއްވާ މަޖިލިސް ޕްރައިމަރީގައި 40 ދާއިރާއަކަށް ކެންޑިޑޭޓުން ހޮވާނެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިދިކޮޅު އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕްރައިމަރީގައި 149 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވީ، ޕްރައިމަރީ ބާއްވަނީ 40 ދާއިރާއަކުން ކަމަށާއި އެ ދާއިރާތަކުން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 25،325އަށް އަރާ ކަމަށެވެ.

އޭނާ ވިދާޅުވީ މި ޕްރައިމަރީއަށް 95 ރަށެއްގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށާއި މާލޭގައި 27 ފޮށި ބަހައްޓާނެ ކަމަށެވެ. އޭގެ ތެރެއިން މާލޭގެ ފޮށިތައް ބަހައްޓާނީ މަޖީދިއްޔާ ސްކޫލާއި ޖަމާލުއްދީން ސްކޫލްގައި ކަމަށް ފަލާހު ވިދާޅުވިއެވެ.

އެ ޕާޓީން ހުޅުމާލޭ ތިން ދާއިރާގެ ޕްރައިމަރީ ބާއްވާއިރު، ހުޅުމާލޭ އުތުރު ދާއިރާގެ ފޮށި ހުންނާނީ ދެވަނަ ފިޔަވަހީގެ ކާމިލްދީދީ ޕްރީސްކޫލުގައެވެ. އަދި ހުޅުމާލޭ މެދާއި ދެކުނު ދާއިރާގެ ފޮށި ހުންނާނީ މުޙައްމަދު ގާސިމް ޕްރީސްކޫލުގައި ކަމަށް ފަލާހު ވިދާޅުވިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ދ. ކުޑަހުވަދޫ ދާއިރާ ރައީސް ޝާތިރު އަބްދުއްރަހްމާން ވިދާޅުވީ މި ޕްރައިމަރީގައި ބޭނުންކުރާ ވޯޓު ކަރުދާހުގެ ސައްހަކަން ކަށަވަރު ކުރުމަށް ސެކިއުރިޓީ ފީޗާއެއް ހުންނާނެ ކަމަށެވެ.

"މިސާލަކަށް އެހެން މީހަކު ގެނައި ކަރުދާސް ކޮޅަކުން މީހަކު ވޯޓުލީ ކަމަށް ޝަކުވާއެއް އައިސްފި ކަމަށްވަންޏާ، އެ ކަރުދާސްކޮޅު އަޅުގަނޑުމެންނަށް ވެރިފައި ކުރެވޭނެ. އަޅުގަނޑުމެންގެ ވޯޓު ކަރުދާސް ޕްރިންޓްކުރިއިރު ސެކިއުރިޓީ ފީޗާއެއް ލާފަ ހުންނާނީ،" އޭނާ ވިދާޅުވިއެވެ.

އެމްޑީޕީން މީގެ ކުރިންވަނީ، އެންމެ ކެންޑިޑޭޓަކު ކުރިމަތިލި ދާއިރާތަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ކަށަވަރުވެފައިވާކަން ހާމަކޮށްފައެވެ. އެގޮތުން ފުރަތަމަ 36 މެންބަރެއްގެ އިއުލާންކޮށް ފަހުން 10 މެންބަރެއްގެ ނަން އިއުލާންކޮށްފައިވެއެވެ.

މީގެ އިތުރުން މިއަދުވެސް ތިން މެންބަރަކަށް ޓިކެޓް ކަށަވަރުވިކަން އެ ޕާޓީން އިއުލާންކުރިއެވެ. އެއީ ދިއްދޫ ދާއިރާއިން އަބްދުﷲ ވަހީދާއި ކުޅުދުއްފުށީ އުތުރު ދާއިރާއިން ޔާސިރު އަބްދުއްލަތީފާއި މާފަންނު އުތުރު ދާއިރާއިން އިފްހާމް ހުސައިނަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފަލާހު ވިދާޅުވީ، މިހާރު ކެންޑިޑޭޓުން ހަމަނުވާ ދާއިރާތަކަށް އެ ޕާޓީން ކެންޑިޑޭޓުން ހޯދާނެ ކަމަށެވެ. އެގޮތުން ބާކީވާ ދާއިރާތަކަށް ކުރިމަތިލާން ޝައުގުވެރިވާ މީހުން ތިބިކަން ފާހަގަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ޕްރައިމަރީ ނިމުނީމަ އަޅުގަނޑުމެން ކެންޑީޑޭޓުން އިއުލާން ކުރާއިރުގައި، އެތަން ވެސް ފިލްވެގެންދާނެ،" ފަލާހު ވިދާޅުވިއެވެ.

މިހާރު ކުރިއަށްދާ މަޖިލީހަކީ އެމްޑީޕީގެ ތާރީޚުގައި ވެސް އެ ޕާޓީއަށް އެންމެ ބޮޑު އަގުލަބިއްޔަތެއް ލިބުނު މަޖިލީހެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބު ވެފައިވާއިރު ސިޔާސީ ގޮތުން ބާރުވެރިވުމަށް މަޖިލީހުގެ ގިނަ ގޮނޑިތަކެއް އެ ޕާޓީން ހޯދަން ޖެހެއެވެ.

މަޖިލިސް އިންތިޚާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މާޗު މަހުގެ 17ގައެވެ. އެ ދުވަސް ރޯދަ މަހާ ދިމާވާތީ، އެމްޑީޕީން އަންނަނީ ރޯދައިގެ ފަހަށް އިންތިޚާބު ފަސް ކުރެވޭތޯ މަޖިލީސް މެދުވެރިކޮށް މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް