އުފަންދުވަހު އަލްވަރޭޒްގެ ދެ ލަނޑާ އެކު، ސިޓީ ދެވަނައަށް

ސިޓީއަށް ދެލަނދު ޖަހާދިން ހޫލިއަން އަލްވަރޭޒް / ފޮޓޯ: ޓީއެންޓީ ސްޕޯޓްސް

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ބާންލީގެ މައްޗަށް ކުރި ހޯދައި، ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކޮށްފައިވަނީ 3-1 އިންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑު ނަގާފައިވަނީ ސިޓީންނެވެ. މި ލަނޑު މެޗުގެ 16 ވަނަ މިނެޓްގައި އެ ޓީމަށް ކަމިޔާބު ކޮށްދިނީ 24 ވަނަ އުފަންދުވަސް ފާހަގަ ކުރަމުންދިޔަ ހޫލިއަން އަލްވަރޭޒްއެވެ. އަދި، އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 22 ވަނަ މިނެޓްގައި ޖަހައި ލީޑު ފުޅާކޮށްދިނީ ވެސް އަލްވަރޭޒެވެ.

ސިޓީގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށިތާ ފުރަތަމަ މިނެޓުގެ ތެރޭގައި ޖަހައިދިނީ ރޮޑްރީއެވެ. މެޗުގެ ދެވަނަ ހާފުގައި ސިޓީގެ ނުރައްކާތެރި ފޯވަޑް އާލިން ހާލަންޑް ވަނީ ކުޅެން އަރައިފައެވެ. މިއީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ގިނަ ދުވަސްތަކެއް ހުރުމަށްފަހު އެނބުރި އައިސް އޭނާ ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގައި ބާންލީން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓްގައި އެ ޓީމަށް ކާމިޔަބު ކޮށްދިނީ އަލް ދާހިލްއެވެ.

މި ނަތީޖާއާ އެކު ސިޓީ މިހާރު އުޅެނީ ކުޅުނު 21 މެޗުން ލިބިފައިވާ 46 ޕޮއިންޓާ އެކު ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފައެވެ. ތާވަލުގެ ތިންވަނައިގައި އޮތް އާސެނަލަށް ވެސް މި އަދަދަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ފައިދާ ގޯލުގެ ތަފާތުން ކުރި ލިބެނީ ސިޓީއަށެވެ. އަދި، އާސެނަލް ވަނީ އިތުުރު އެއް މެޗު ވެސް ކުޅެފައެވެ.

ސިޓީއާއި ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލާ ދެމެދު މިހާރު ފަސް ޕޮއިންޓްގެ ތަފާތު އެބަހުއްޓެވެ. ނަމަވެސް ސިޓީން ނުކުޅެ އިން މެޗު ކާމިޔަބު ކުރެވިއްޖެނަމަ މި ތަފާތު ދެ ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު އެ ޓީމަށް ލިބިގެންދާނެއެވެ.

މެޗުން ބަލިވުމުން ބަންލީ މިހާރު އޮތީ 12 ޕޮއިންޓާ އެކު ތާވަލުގެ 19 ވަނައިގައެވެ.

comment ކޮމެންޓް