ނަޝީދު ވިދާޅުވީ މޯދީއަށް ކުޑައިމީސް ކުރާނަމަ އަދި މާ ގޮތްގޮތް ވާނެ ކަމަށް

ނޮވެމްބަރ 17، 2018: ރައީސް ނަޝީދު މޯދީއާ އެކު: ނަޝީދު ވިދާޅުވީ މޯދީއަށް ކުޑައިމީސްކުރާނަމަ އަދި މާ ގޮތްގޮތް ވާނެ ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮތް ކަމަށް ބުނާ މަސް ދޯންޏަކަށް ބޭރުގެ ސިފައިންތަކެއް އެރި ކަމަށް ބުނާ މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިވެހި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އުތުރު ކަނޑުގައި އޮތް ތިން މަސްދޯންޏަކަށް އިއްޔެ ވަނީ ބޭރު ސިފައިން އަރައިފައެވެ. އެއީ، އިންޑިއާ ސިފައިންކަން ޔަގީންނުވާ ކަމަށް ސިފައިން ބުނި ނަމަވެސް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއިން ވަނީ އެ ދޯނިތަކަށް އެރީ އިންޑިއާ ސިފައިން ކަމަށް ބުނެފައެވެ.

އެ މައްސަލައިގައި އިންޑިއާ ނުރުހުން އަމާޒުކޮށް އާންމުންގެ މީހަކު އެކްސްގައި ކުރި ޕޯސްޓަކަށް ރިޕްލައި ދެއްވަމުން ނަޝީދުގެ ނުރަސްމީ އެކްސް އެކައުންޓު 'އެމްއެން އަން އޮފިޝަލް'އިން ލިޔުއްވާފައިވަނީ މި މައްސަލައިގައި ރަނގަޅަން ވިސްނަން ޖެހޭ ކަމަށެވެ.

އެގޮތުން، އިންޑިއާ ކަނޑަށް ޗައިނާގެ 'ސްޕައި' ބޯޓުފަހަރު ގެނައި ކަމަށް އެ މަނިކުފާނު ތުހުމަތުކުރެއްވިއެވެ. އަދި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް "ހިތުހުރި އެއްޗެއް" ގޮވީމާ އަދި މާ ގިނަ ގޮތްގޮތް ވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

"ނުފޯރާ ފޮތިން ފޫގެޅީމާ ފެންނާނީ އޮރިޔާން،" އިންޑިއާއާ އެކު ވަރަށް ގާތް ގުޅުމެއް ބާއްވާ ނަޝީދު ވިދާޅުވިއެވެ.

https://sun.mv/188153

އިންޑިއާ ކަނޑަށް ސްޕައި އުޅަނދެއް ގެނައި ކަމަށް އެ މަނިކުފާނު އެ ވިދާޅުވަނީ ޗައިނާގެ ރިސާޗު އުޅަނދެއް ކަމަށްވާ "ޝިއަންގް ޔަންގް ހޮންގް 3" ރާއްޖޭގައި ބަނދަރުކުރަން ސަރުކާރުން ހުއްދަ ދިނުމާ ގުޅިގެންނެވެ. އެ އުޅަނދަށް ރާއްޖޭގައި ބަނދަރު ކުރުމުގެ ހުއްދަދިންއިރު އަވައްޓެރި ސްރީލަންކާއިން ވެސް ވަނީ އިންޑިއާގެ ޕްރެޝަރާ ހެދި އެ އުޅަނދު ވަންނަން ހުއްދަ ދޭން ދެކޮޅު ހަދައިފައެވެ.

ދިވެހި ސަރުކާރުން ބުނެފައިވަނީ ބަނދަރު ކުރުމުގެ ހުއްދަ ދިން ނަމަވެސް ޗައިނާގެ އުޅަނދުން ރާއްޖޭގައި އެއްވެސް ދިރާސާއެއް ނުކުރާނެ ކަމަށެވެ. އެއީ، ޗައިނާގެ އަސްކަރީ އުޅަނދެއް ނޫން ނަމަވެސް އެ އުޅަނދުން އެއްކުރާ މައުލޫމާތު އަސްކަރީ ކަންކަމުގައި ބޭނުންކުރާ ކަމަށް އިންޑިއާއިން ތުހުމަތު ކުރެއެވެ.

ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އދ. މަހިބަދޫގެ މަސްދޯންޏެއް ކަމަށްވާ "އަސުރުމާ 3" ދޯނި ހއ. ތުރާކުނުގެ އިރުމަތިން 72 މޭލު ބޭރުގައި ބޮޑުކަންނެލީގެ މަސްވެރިކަން ކުރަމުން ދަނިކޮށް، ބޭރު ގައުމެއްގެ އަސްކަރީ އުޅަނދަކުން ސިފައިން އެ ދޯންޏަށް އަރައި ފަޅުވެރިންނާ ސުވާލުކޮށްފައި ވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެ މައްސަލައިގެ ރިޕޯޓު ލިބުމާ އެކު ދިވެހި ސިފައިން ވަނީ އެ ސަރަހައްދަށް ދަތުރުކޮށްފައެވެ.

comment ކޮމެންޓް