ވިނަރެސް ފްލެޓުތައް ކައިރިއަށް ބަސް ސްޓޮޕެއް އިތުރުކޮށް، މާދާމާ ޚިދުމަތް ފަށަނީ

އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކަށް އަލަށް ގެނައި ބަސްތައް، މި ބަސްތައް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މާލެއާއި، ހުޅުމާލޭ ދެވަނަ ފިޔަވައްސާ ދެމެދު --- ސަންފޮޓޯ/ ނާއިލް ހުސައިން

ހުޅުމާލެ ފޭސް ދޭއްގެ، ވިނަރެސް ފްލެޓުތައް ސަރަހައްދުގައި އައު ބަސް ސްޓޮޕެއް އިތުރުކޮށް، މާދަމާ އެ ސަރަހައްދަށް އާރުޓީއެލް ބަހުގެ ޚިދުމަތްދޭން ފަށާނެ ކަމަށް އެމްޓީސީއިން މިއަދު ބުނެފިއެވެ.

އެމްޓީސީއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެސަރަހައްދުގައި އައު ބަސް ސްޓޮޕެއް އިތުރުކުރަން ނިންމީ ވިނަރެސް ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބަހުގެ ޚިދުމަތް ހޯދުމަށް ލުއި ފަސޭހަތަކެއް ހޯދައިދިނުމަށް ކަމަށެވެ.

އެހެންވެ އެސަރަހައްދުގައި އާރުޓީއެލް ބަހުގެ ޚިދުމަތްދިނުމަށް ގާއިމުކޮށްފައިވާ ސްޓޮޕުގައި މާދަމާ ޚިދުމަތްދޭން ފަށާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ހަމައެއާއެކު، ހުޅުމާލެ ފޭސް ދެއަކަށް ދަތުރުކުރާ އާރް-6 (ހުޅުމާލެ ފޭސް 1- ފޭސް 2) ބަހާއި އާރް-7(ހުޅުމާލެ ފޭސް 2- ވެސްޓް ޕާކް) ބަހާއި އާރް-8(ހުޅުމާލެ ފޭސް 2- ކާނިވަލް) ބަހުގެ އިތުރުން އާރް-9(ހުޅުމާލެ ފޭސް 2- އެއާޕޯޓް) ބަހުން އަލަށް ގާއިމުކުރި ސްޓޮޕުން ޚިދުމަތްދެވޭ ގޮތަށް ރޫޓުތައް ބަދަލުކޮށްފައިވާ ކަމަށް އެމްޓީސީއިން ބުނެއެވެ.

އެމްޓީސީއިން ބުނީ ޚިދުމަތުގެ ފެންވަރު އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން އާރް-8 ,އާރް-7 އަދި އާރް-9 ރޫޓުތަކަށް ވެސް ބަދަލުތަކެއް އަންނާނެ ކަމަށެވެ.

އެކުންފުނީގެ ބަހުގެ ޚިދުމަތާއި ގުޅޭ އިތުރު މައުލޫމާތާއި އެހެނިހެން މައުލޫމާތު އެމްޓީސީގެ ވެބްސައިޓު މެދުވެރިކޮށް ނުވަތަ އާރުޓީއެލް އެޕު މެދުވެރިކޮށް ބަލައިލެވޭނެ ކަމަށް އެމްޓީސީއިން ބުނެއެވެ. އަދި އެ ކުންފުނީގެ މައުލޫމާތު ހޯދުމަށް ހޮޓްލައިން 1650 ގުޅުމުން ލިބޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

comment ކޮމެންޓް