ވަޒީރުން އަލުން އައްޔަންކުރުމަކީ މަޖިލީހަށް ގޮންޖެހުން ކަމަށް ބުނެ ގަރާރެއް

ގަލޮޅު އުތުރު ދާއިރާގެ ޑިމޮކްރެޓްސްގެ މެންބަރު އީވާ އަބްދުﷲ: ވަޒީރުން އަލުން އައްޔަންކުރުމުން ސަރުކާރަށް އިތުބާރު ގެއްލޭނެ ކަމަށް ބުނެ މަޖިލީހަށް ގަރާރެއް ވަނީ ހުށަހަޅާފައި --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން އަލުން އެ މަގާމުތަކަށް އައްޔަންކުރުމަކީ މަޖިލީހުގެ ގާނޫނީ ބާރުވެރިކަމަށް ގޮންޖެއްސެވުން ކަމަށް ބުނެ، މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފިއެވެ.

މަޖިލީހުގައި ގުޅިގެން މަސައްކަތް ކުރަމުން އަންނަ އިދިކޮޅު އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން މިދިޔަ ހޯމަ ދުވަހު އޮތް ޖަލްސާގައި ރުހުން ނުދިނީ، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދާއި ބަންޑާރަނައިބު އަހުމަދު އުޝާމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށެވެ. ނަމަވެސް، އެރޭ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެ ބޭފުޅުން އަލުން އެ މަގާމުތަކަށް އައްޔަންކުރައްވައިފައެވެ.

އެ ނިންމެވުމާ ގުޅިގެން، ގަލޮޅު އުތުރު ދާއިރާގެ ޑިމޮކްރެޓްސްގެ މެންބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ގަރާރުގައިވަނީ އެއީ ގާނޫނުއަސާސީސާއާއި ގާނޫނާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއް ކަމަށެވެ.

އެއީ ގާނޫނު އަސާސީގައި މީހަކު މަގާމަކަށް އިސްކުރުމަށްޓަަކައި ނުވަތަ މަގާމުން ވަކިކުރުމަށް ޓަކައި އެކަން ފާސްކުރުމަށް މަޖިލީހަށް ހުށަހަޅައިފިނަމަ، އެ ހުށަހެޅުމެއް ފާސްކުރުމާއި ފާސްނުކޮށް ދޫކޮށްލުމަށް މަޖިލީހަށް ދީފައިވާ ބާރު ކަނޑުވައިލުން ކަމަށް ވެސް ގަރާރުގައި ބުނެފައިވެއެވެ. އަދި އެއީ ވެރިކަން ހިންގުމުގެ ބާރުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީކުރުވުމަށް މަޖިލީހަށް ދީފައިވާ ބާރު ނިގުޅައިގެންދާފަދަ އަމަލެއް ކަމަށް ވެސް ގަރާރުގައިވެއެވެ.

ރައީސް އެގޮތަށް އަމަލުކުރެއްވުމުން، ދިވެހި ރައްޔިތުން ދައުލަތަށާއި ސަރުކާރަށް ކުރާ އިތުބާރު ނެތިގެންދާނެ ފަދަ އުނދަގޫ ހާލަތަކަށް ހިނގައިދާނެ ކަމަށް ގަރާރުގައި ބުނެފައިވެއެވެ.

އެހެންވެ، ގަރާރު ހުށަހަޅަނީ، ދިވެހި ގައުމުގެ މަސްލަހަތު އިސްކޮށްދެއްވައި އެކަމާ މެދު އަލުން ވިސްނާވަޑައިގެން، ގާނޫނު އަސާސީއަށް އިހުތިރާމް ކުރައްވައި ގާނޫނުއަސާސީއާ އެއްގޮތަށް އަމަލުކުރެއްވުމަށް ގޮވާލައި ކަމަށް އީވާ ވިދާޅުވެފައިވެއެވެ.

އެ މައްސަލައާ ގުޅިގެން މީގެ ކުރިން ޑިމޮކްރެޓްސްއިން ނެރުނު ބަޔާނެއްގައިވަނީ، ރުހުން ނުލިބޭ ވަޒީރުން އަލުން އައްޔަން ކުރުމަކީ ގާނޫނު އަސާސީއަށް ކުޑައިމީސްކުރުމުގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އެމްޑީޕީން ވަނީ، އެކަމާ ގުޅިގެން ގާނޫނީ ލަފާ ހޯދައިފައެވެ.

https://sun.mv/188086

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން އިއްޔެ ބުނި ގޮތުގައި، ރުހުން ނުދިން ވަޒީރުންގެ ނަން އަލުން މަޖިލީހަށް ނުފޮނުވޭނެ ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް