ރުހުން ނެތް ވަޒީރުން އައްޔަން ކުރުމަކީ ގާނޫނު އަސާސީއަށް ކުޑައިމީސްކުރުން: ޑިމޮކްރެޓްސް

ދި ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު: ޑިމޮކްރެޓްސްއިން ވަނީ ރުހުން ނެތް ވަޒީރުން އަލަށް އައްޔަންނުކުރެވޭނެ ކަމަށް ބުނެފައި -- ފޮޓޯ/ ރައީސް އޮފީސް

ރައްޔިތުން މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތުން ރުހުން ނުދިން ވަޒީރުންތަކެއް އަލުން އެ މަގާމަށް އައްޔަން ނުކުރެވޭނެ ކަމަށާއި އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގާނޫނު އަސާސީއަށް ކުޑައިމީސްކުރުން ކަމަށް ދަ ޑިމޮކްރެޓްސްއިން މިއަދު ބުނެފިއެވެ.

ސަރުކާރު ކެބިނެޓްގެ މިނިސްޓަރުންނަށް ރުހުން ދިނުމަށް އިއްޔެ ވަނީ ދައުރުން ބޭރުން މަޖިލިސް ޖަލްސާއެއް ބާއްވާފައެވެ. މި ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓު ނެގިއިރު ތިން ވަޒީރަކަށް ރުހުން ލިބިފައެެއް ނުވެއެވެ.

މަޖިލީހުގެ ނިންމެވުމަށް ފަހު ރައީސް މުއިއްޒު ވަނީ ރުހުން ނުލިބުނު ތިން ވަޒީރުން އަލުން މަގާމަށް އައްޔަންކުރައްވައިފައެވެ. އަދި، އެ ބޭފުޅުން އިއްޔެ ވަނީ މަގާމުގެ ހުވައި އަލުން ކުރައްވައިފައެވެ.

އެކަން ކުށްވެރިކޮށް، ޑިމޮކްރެޓްސްއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ރުހުން ނުލިބުނު ވަޒީރުންގެ ނަން ރައްޔިތުންގެ މަޖިލީހަށް އަލުން އަނބުރާ ނުފޮނުވޭނެ ކަމަށެވެ.

އަދި، ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ބަންޑާރަނައިބަކު ހައިސިއްޔަތާ އަމިއްލަ ޒާތީ ތައައްސުބުގެ ދެމެދުގައި ތާށިވެ ހުރެގެން، ގާނޫނުއަސާސީގެ އިންތަކާއި މިންތަކުން ބޭރުން ގާނޫނީ ލަފަޔާއި ރައުޔުތައް ނެރި، ދައުލަތް ތަމުސީލެއް ނުކުރެވޭނެ ކަމަށް އެ ބަޔާނުގައިވެއެވެ.

ޑިމޮކްރެޓްސްއިން ބުނީ، ރައީސް މުއިއްޒުގެ އަމަލުތައް ބަލައި ނުގަންނަ ކަމަށެވެ. އަދި، ގާނޫނުއަސާސީގެ ހުރުމަތާއި، ދުނިޔޭގެ ޑިމޮކްރެޓިކް ހަމަތަކާއި، ގާނޫނީ ދައުލަތްތަކުގެ ނިޒާމުތައް ރޭވިފައި އޮންނަ އެންމެ އަސާސީ މަފުހޫމުތަކަށް ކުޑައިމީސް ނުކުރެއްވުމަށް އެ ޕާޓީން ވަނީ އެދިފައެވެ.

މިކަމާ ގުޅިގެން އެމްޑީޕީން މިއަދު ބުނީ، މަޖިލީހުން ރުހުންނުދޭން ފާސްކުރި ތިން ވަޒީރުންނަށް ރުހުމެއް ނެތް ކަމަށާއި، އެ ބޭފުޅުން އަލުން އެ މަގާމުތަކަށް އައްޔަންކުރެއްވިދާނެތޯ ގާނޫނީ ލަފާ ހޯދަމުން އަންނަ ކަމަށެވެ.

އިއްޔެ މަޖިލީހުން ރުހުންނުދިން ތިން ވަޒީރުންނަކީ:

  • ބަންޑާރަނައިބު އަހުމަދު އުޝާމް
  • އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  • ބޯހިޔާވަހިކަމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު

އެ ތިން ބޭފުޅުންނަކީ ވެސް މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ރުހުންނުދޭން ނިންމާފައިވާ މެންބަރުންނެވެ.

އެކަމަކު، އިއްޔެ އިރުއޮއްސުނުއިރު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ރައީސް މުއިއްޒު ވަނީ އެ ތިން ބޭފުޅުން އަލުން މަގާމަށް އައްޔަންކުރައްވައިފައެވެ. އެހެންވެ، އެ ތިން ބޭފުޅުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ހުސްނުއްސުއޫދުގެ ކުރިފުޅުމަތީގައި ވަޒީރުކަމުގެ ހުވައި އަލުން ކުރައްވައިފައެވެ.

comment ކޮމެންޓް