މިދިޔަ މަހު ކުޑަކުދިންނަށް އަނިޔާކުރުމުގެ 76 މައްސަލައެއް ހުށަހެޅި

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭ ޕޯސްޓަރުތަކެއް: މިދިޔަ މަހު ކުޑަކުދިންނަށް އަނިޔާކުރުމުގެ 76 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އާއިލާ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ މަހު ކުޑަކުދިންނަށް އަނިޔާކުރުމުގެ 76 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ.

އެ ވުޒާރާއިން މިއަދު އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި، ޖުމްލަ 199 މައްސަލައެއް މިދިޔަ މަހު ހުށަހަޅާފައިވާއިރު އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލައެވެ. އޭގެ ތެރެއިން އެންމެ ގިނައީ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ.

ތަފާސްހިސާބުން ދައްކާ ގޮތުގައި، އެ ބާވަތުގެ 26 މައްސަލައެއް ވަނީ އެވުޒާރާއަށް ހުށަހަޅާފައެވެ. މީގެ އިތުރުން ޖިންސީ އަނިޔާގެ 14 މައްސަލައަކާއި، އިހުމާލުގެ 11 މައްސަލައަކާއި، އެހެން ކުދިންގެ ފަރާތުން ގޯނާ ލިބުމާއި ފުރައްސާރަ ލިބުމުގެ 10 މައްސަލައެއް ހިމެނޭ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 37 މައްސަލަ މިދިޔަ މަހުގެ ތެރޭގައި ހުށަހަޅާފައިވާއިރު މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ނަފްސާނީ އަނިޔާ ކުރުން ނުވަތަ އަނގަ ބަހުން ކުރެވޭ އަނިޔާގެ މައްސަލަތައް ކަމަށް ތަފާސްހިސާބުން ދައްކައެވެ. އެގޮތުން، މިބާވަތުގެ 18 މައްސަލަ ވަނީ ހުށަހަޅައިފައެވެ.

މީގެއިތުރުން، ޖިސްމާނީ އަނިޔާ ކުރުމުގެ 16 މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ ދެ މައްސަލަ އަދި ގަދަކަމުން ޖިންސީ ގޯނާ ކުރުމުގެ އެއް މައްސަލަ ހުށަހަޅާފައިވާ ކަމަށް އާއިލީ ވުޒާރާއިން ބުންޏެވެ.

ހަމައެއާއެކު، ޢާއިލީ މައްސަލަތަކާ ގުޅުންހުރި 16 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި މިފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ މައްސަލަތަކުގެ ނުވަ މައްސަލަ އަދި ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ ހަތް މައްސަލަ ހިމެނޭ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

އަދި، އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 17 މައްސަލަ ޑިސެންބަރު މަހު އެވުޒާރާއަށް ވަނީ ހުށަހަޅާފައެވެ.

އެ ވުޒާރާއިން ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 22 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުތަކާއި ގުޅިގެން ދެ މައްސަލައެއް އެވުޒާރާއަށް ވަނީ ހުށަހަޅާފައެވެ.

ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި 20 މައްސަލައެއް ހުށައަޅާފައިވާއިރު، މީގެ ތެރޭގައި ގެއިން ނިކުމެގެން ދިއުމުގެ ފަސް މައްސަލައަކާއި ރުޅިގަދަވުން ނުވަތަ ރުޅި އިސްކުރުމުގެ ހަތަރު މައްސަލައާއި ސްކޫލަށް ދާން ބޭނުން ނުވުމުގެ ހަތަރު މައްސަލައިގެ އިތުރުން ސުލޫކީ މައްސަލައިގެ ތިން މައްސަލައާއި ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުތަކުގެ ދެ މައްސަލައެއް ހިމެނެއެވެ.

މިދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 159 ކަމަށް އާއިލީ ވުޒާރާއިން ބުންޏެވެ. އަދި އެ މުއްދަތުގައި ދައުލަތަށް އަލަށް ދެ ކުއްޖަކު ނަގާފައިވާއިރު، ފަސް ކުއްޖަކު އާއިލާއަށް ރީއިންޓާގްރޭޓްކޮށް، ދެ ކުއްޖަކު ފޮސްޓާކޮށްފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

comment ކޮމެންޓް