ވަޒީރުންނަށް ރުހުންދޭން ބާއްވާ ޖަލްސާ 1 ޖަހާއިރަށް ލަސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް: ވަޒީރުންނަށް ރުހުންދިނުމުގެ ޖަލްސާ ވަނީ 1:00 އަށް ފަސްކޮށްފައި -- ފޮޓޯ/ މަޖިލިސް

ސަރުކާރުގެ ވަޒީރުންނަށް ރުހުންދިނުމުގެ މަސައްކަތް ނިންމަން މިއަދު 11:00 އަށް ތާވަލުކުރި ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާ މިއަދު 1:00 އަށް ފަސްކޮށްފިއެވެ.

ވަޒީރުންނަށް ރުހުންދިނުމާ ގުޅޭ ގޮތުން ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުވައިލުމުން ކޮމިޓީން އަލުން ނިންމާފައި ފޮނުވި ރިޕޯޓަށް ވޯޓަށް އަހައި، ވަޒީރުންނަށް ރުހުންދިނުމުގެ ކަންކަން ނިންމަން ތާވަލުކޮށް، ދައުރުން ބޭރުގެ ޖަލްސާއެއް ފުރަތަމަ އެޖެންޑާކުރީ އިއްޔެއެވެ. އެކަމަކު، ހަމަނުޖެހުން ބޮޑުވެ، އިއްޔެ އެ މަސައްކަތް ނިންމިފައެއް ނުވެއެވެ.

އެހެންވެ، މިއަދު 11:00 އަށް ރޭ ވަނީ ޖަލްސާއެއް ތާވަލުކޮށްފައެވެ.

މިއަދު ހެނދުނު މަޖިލީހުގެ އިދާރާއިން ބުނީ، މިއަދު 11:00 އަށް ތާވަލުކުރި ދައުރުން ބޭރު ޖަލްސާ މެންދުރު 1:00 އަށް ލަސްކޮށްފައިވާ ކަމަށެވެ. އެކަމަކު، ޖަލްސާ ލަސްކުރި ސަބަބެއް މަޖިލީހުން ނުބުނެއެވެ.

އިއްޔެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ވަނީ ބަންޑާރަނައިބު ހިމެނޭހެން ހަތަރު ވަޒީރަކަށް ރުހުންނުދޭން ފާސްކޮށްފައެވެ. އެއީ،

  • އިގުތިސާދީ ކަންކަމާ ބެހޭ ވަޒީރު - މުހައްމަދު ސައީދު
  • އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު - ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  • ބޯހިޔާވަހިކަމާ ބެހޭ ވަޒީރު - ޑރ. އަލީ ހައިދަރު
  • ބަންޑާރަނައިބު - އަހުމަދު އުޝާމް

އެހެންވެ، ސަރުކާރަށް ތާއީދުކުރާ މެންބަރުން ވަނީ ޖަލްސާ ފެށިޔަ ނުދީ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކޮށްފައެވެ. ރޭ ވެސް ޖަލްސާ ފަށައި ވޯޓަށް އެހޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު، އިހުތިޖާޖާ ހެދި ޖަލްސާ ނުފެށިގެން އެންމެ ފަހުން ނިންމައިލީއެވެ.

comment ކޮމެންޓް