ޗައިނާ ސްޓޭޖުގައި އިންޝާގެ ލަވަ ކިޔާލީ މެންޑަރިންއިން!

ދުނިޔޭގެ ބޮޑެތި ސްޓޭޖުގައި ދިވެހި އާޓިސްޓުން ޕަފޯމް ކުރާ ވާހަކައަކީ އާ ކަމެއް ނޫނެވެ. އަދި, ތަފާތު އެކި ބަސް ބަހުން ލަވަ ކިޔުމަކީ ވެސް އާ ކަމެއް ނޫނެވެ. ނަމަވެސް މި ފަހަރު މިވަނީ ޗައިނާގެ އެންމެ ބޮޑު އެއް ޕްލެޓްފޯމުގައި ޒުވާން ދިވެހި ލަވަކިޔުންތެރިޔެއް މެންޑަރިންއިން ލަވަ ކިޔައި ޗައިނާ އާޓިސްޓަކާ ފައި ހަމަ ކޮށްލައިފައެވެ.

އިންޝާ އަހުމަދުު އޭ ބުނުމުން ގިނަ ބަޔަކަށް މިއީ ކާކު ކަމެއް ނޭނގިދާނެއެވެ. ނަމަވެސް ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދަމުން އަންނަ ބޭންޑު ކަމަށްވާ "ސްކައިރޮކް" އޭ ބުނެފި ނަމަ ގިނަ ބަޔަކަށް އެނގިދާނެއެވެ. މިއީ އެ ބޭންޑުގެ ލީޑު ވޯކަލިސްޓް އިންޝާއެވެ.

ޗައިނާގެ ގައުމީ ޓީވީ ޗެނަލް ކަމަށްވާ ސީސީޓީވީގެ ބޮޑު ޕްރޮގްރާމެއް ކަމަށްވާ "ދަ ބިއުޓީ އޮފް ޝެއާޑް އާޓްސް" ގައި އިންޝާ ވަނީ މެންޑަރިން ބަހުން ޗައިނީޒް ލަވަކިޔުންތެރިޔަކާ އެކު ލަވައެއް ކިޔާފައެވެ.

"އެކޮޅުން [ސީސީޓީވީ]އިން އެންމެ ފުރަތަމަ މެއިލް ކޮށްފައިވަނީ ގްރޫޕު ޕަފޯމް ކުރުމަށް ފުރުސަތު ދިން ކަމަށް ބުނެ. ދެން ފަހުން އެކޮޅުން ނިންމީ އެކަކު ލަވަކިޔުމަށް،" އިންޝާ ކިޔައިދިނެވެ.

އިންޝާއަށް ޕަފޯމް ކުރަން ފުރުސަތު ލިބުނުއިރު މި ދަތުރުގައި އެ ބޭންޑްގެ ލީޑް ގިޓަރިސްޓް ޒަޔާން ފައިސަލް ވެސް ވަނީ ބައިވެރި ވެފައެވެ. ލަވައިގެ މިއުޒިކްގެ މަސައްކަތުގައި ޒަޔާން ބައިވެރިވެފައިވެއެވެ. އަދި މިލަވައިގެ ވީޑިއޯގައި ވެސް ޒަޔާން ފެނެއެވެ.

އިންޝާއަކީ މެންޑަރިން ބަހުން އެއްވެސް އިރެއްގައި ވާހަކަ ވެސް ދައްކައި އުޅުނު ޒުވާނެއް ނޫނެވެ. އަދި، މެންޑަރިން ބަހުން ލަވަ ކިޔައި އުޅެފައިނުވި ނަމަވެސް ޕަފޯމް ކުރުމަށް އޭނާ ވަރަށް ބުރަކޮށް މަސައްކަތް ކުރިއެވެ. މާލޭގައި ހުއްޓައި ލަވަ ލިބުމާ އެކު ލަވަ އަޑު އަހައި އެ ރިހާސް ކުރެވޭތޯ މަސައްކަތް ކުރިއެވެ.

ނަމަވެސް ލަވަ ފައިނަލް ވެގެން ދިޔައީ މި މަހު 13 ގައި ޗައިނާއަށް ދިޔަ ފަހުންނެވެ. އެއަށް ފަހު ލަވަ އިތުރަށް ރަނގަޅުކޮށް، އެ ރެކޯޑު ކުރުމަށް ލިބުނީ ދުވަހެކެވެ. އަދި، އެއަށް ފަހު އެއް ދުވަހު ރިހާސަލް އަދި އަނެއް ދުވަހު ޕަފޯމް ކުރީއެވެ.

އިންޝާ ލަވަ ކިޔާފައިވަނީ ޗައިނީސް ލަވަކިޔުންތެރިޔާ ވަންގް ހައިޔީއާ އެކުގައެވެ. އިންޝާ ފާހަގަކުރި ގޮތުގައި މުޅި ދަތުރުގެ އެންމެ ބޮޑު އެހީއަކަށް ވެގެން ދިޔައީ ޓްރާންސްލޭޓް ކޮށްދިނުމަށް ހުރި މީހާއެވެ. ދަތުރުން ފެށިގެން މިއުޒިކު ރިކޯޑު ކުރުމުގައި ހުރިހާ ފިޔަވަޅެއްގެ ޕްރޮފެޝަނަލްކަމުގެ ވާހަކަ އޭނާ ފާހަގަކުރެއެވެ.

"ހުރިހާ އެންމެންގެ ފަރާތުން ވެސް ވަރަށް ބޮޑު އެހީއެއް ލިބިގެން ދިޔަ. ރެކޯޑު ކުރިއިރު ޕްރޮޑިއުސަރުންގެ ފަރާތުން ވެސް އެހީ ލިބުނު ބައެއް ބަސްތައް ޕްރޮނައުންސް ކުރުމާ ގުޅޭގޮތުން،" އިންޝާ ކިޔައިދިނެވެ.

މި ޝޯގައި އިންޝާ ކިޔާފައިވާ ލަވައަކީ ރާއްޖޭގެ ރީތި ކަމާ ގުޅޭ ލަވައެކެވެ. އެގޮތުން ރީތި މޫދުތަކާއި ގޮނޑުދޮށްތަކުގެ ވާހަކަ މި ލަވައިގައި ފާހަގަކުރެއެވެ.

"ދަ ބިއުޓީ އޮފް ޝެއާޑް އާޓްސް" ޕްރޮގްރާމަކީ ޗައިނާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުންތައް އޮންނަ ގައުމުތަކާއި ދެ ގައުމުގެ ދެމެދުގައި ހިއްސާވާ ގުޅޭ ޕްރޮޖެކްޓުތަކާއި މަސައްކަތްތަކަށް އަލި އަޅުވާލާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ރާއްޖޭގެ ފަރާތުން ފާހަގަ ކޮށްފައިވަނީ ޗައިނާ – ރާއްޖެ އެކުވެރި ކަމުގެ ބުރިޖު ނުވަތަ ސިނަމާލެ ބުރިޖުގެ ވާހަކައެވެ.

comment ކޮމެންޓް