އިމްރާން މަކުނުދޫ ދާއިރާއަށް ވާދަކުރައްވަނީ

ޑިސެމްބަރު 15، 2019: ކުރޮސްރޯޑުގައި ބޭއްވި "ވިއަވަތި ރާއްޖެ" ކައުންސިލަރުންގެ ކޮންފަރެންސްގެ ތެރެއިން: އެއިރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި އެ ޕާޓީގެ ރައީސް އަދި މިދިޔަ ސަރުކާރުގެ ހޯމް މިނިސްޓަރު، އިމްރާން އަބްދުالله މަކުނުދޫ ދާއިރާއަށް ވާދަކުރައްވާނެކަމަށް، އަދާލަތު ޕާޓީން މިއަދު އިއުލާނުކޮށްފިއެވެ.

އަދާލަތު ޕާޓީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް މެމްބަރުންނަށް ފުރުސަތު ހުޅުވައިލިކަމަށެވެ.

އަދި، އެ ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، ހަތަރު ބޭފުޅަކަށް ޕާޓީގެ ޓިކެޓު ދިނުމަށް އެ ޕާޓީގެ ތިންވަނަ ދައުރުގެ މަޝްވަރާ މަޖިލީހުގެ 33ވަނަ ބައްދަލުވުމުން ފާސްކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި އެ ޕާޓީގެ ރައީސް އަދި ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން ހިމެނެއެވެ.

ނިމުނު ރިޔާސީ އިންތިޚާބުގައި އިމްރާން ވަނީ އަދާލަތު ޕާޓީން ކޯލިޝަން ހަދައި ތާއީދުކުރި ކެންޑިޑޭޓް، ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ ކެމްޕެއިނުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައެވެ.

އިމްރާންގެ އިތުރުން، އަދާލަތު ޕާޓީގެ ފަރާތުން ވައިކަރަދޫ ދާއިރާއަށް ޙުސައިން ޘަޤީފް، ފުނަދޫ ދާއިރާއަށް އިސްމާޢީލް ޙަމީދު އަދި އިނގުރައިދޫ ދާއިރާއަށް އިސްމާއީލް އަލީ އެ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާނެއެވެ.

މިދިޔަ ރައްޔިތުންގެ މަޖިލީހުގައި މަކުނުދޫ ދާއިރާ ތަމްސީލުކުރެއްވި އަދި އޭރުގެ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމަށް އިއްޔެ ބޭއްވި ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމަރީގައި ހުރާ ދާއިރާގެ ޕާޓީ ޓިކެޓު ލިބިފައެއް ނުވެއެވެ.

comment ކޮމެންޓް