އުތުރުގެ ހަތަރު ރަށެއްގައި ޕޮލިސް ޕޯސްޓު ހުޅުވައިފި

މާޅޮހު ޕޮލިސް ޕޯސްޓު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ މޯލްޑިވްސް ޕޮލިސް ސާވިސް

ރާއްޖޭގެ އުތުރުގެ ހަތަރު ރަށެއްގައި ޕޮލިސް ޕޯސްޓު ހުޅުވައި ފުލުހުންގެ ޚިދުމަތް ދޭން ފަށައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ އުތުރުގެ ހަތަރު ރަށެއްގައި ޕޮލިސް ޕޯސްޓު އަޅައި މިހާާރު އެ ރަށްރަށުގައި ފުލުހުން ގާއިމުވެ ތިބޭނެ ކަމަށެވެ. އަދި މިހާރު އެ ރަށްރަށުގައި ފުލުހުން ޚިދުމަތްދޭން ފެށީ ރައްޔިތުންނާ ގާތުން ކަމަށް ވެސް ބުނެފައިވެއެވެ.

އަލަށް ޕޮލިސް ޕޯސްޓު ގާއިމުކޮށް ޚިދުމަތްދޭން ފެށި ރަށް ތަކުގެ ތެރޭގައި ހިމެނެނީ:

  • ބ. މާޅޮސް
  • ބ.ކިހާދޫ
  • ނ.ޅޮހި
  • ނ. ހެނބަދޫ

މާޅޮހުގައި ޕޮލިސް ޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ޕޯސްޓު ހުޅުވައިދެއްވީ، ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އާއި މާޅޮހު ކައުންސިލު ރައީސް އަބްދުﷲ ޝުޖާއުއެވެ.

ކިހާދޫ ޕޮލިސް ޕޯސްޓު، ހުޅުވައިދެއްވީ ޕޮލިސް ކޮމިޝަނަރާއި ކިހާދޫ ކައުންސިލު ރައީސް ހުސައިން ޝާފިއުއެވެ.

ޅޮހީގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، އެ ރަށު ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ވެސް ޕޮލިސް ކޮމިޝަނަރުގެ އިތުރުން ޅޮހީ ކައުންސިލު ރައީސް އިބްރާހީމް މުޙައްމަދެވެ.

ހެނބަދޫ ޕޮލިސް ޕޯސްޓު މިދިޔަ ބުރާސްފަތި ދުވަހު ހުޅުވައިދެއްވީ ޕޮލިސް ކޮމިޝަނަރާއި އެ ރަށު ކައުންސިލު ރައީސް ހުސައިން އަބޫބަކުރެވެ.

މި ރަށްތަކުގައި ޕޮލިސް ޕޯސްޓު ހުޅުވުމަށްފަހު އެ ތަނުގައި ވަނީ ގައުމީ ދިދައާއި ފުލުހުންގެ ދިދަ ނަގާފައެވެ.

ޕޮލިސް ޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި އެހެނިހެން ފުލުހުންގެ އިތުރުން އެ ރަށްރަށުގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި އެހެނިހެން އިދާރާތަކުގެ މުވައްޒަފުން ވެސް ވަނީ ބައިވެރިވެލައްވައިފައެވެ.

comment ކޮމެންޓް