ލިވަޕޫލުގެ ވާހަކަތަކަށް ޑި ޒާބީގެ ރައްދު: ވިސްނުން ހުރީ ބްރައިޓަނަށް

ބްރައިޓަންގެ ކޯޗު ރޮބާޓޯ ޑި ޒާބީ -- ފޮޓޯ/ ގެޓީ

ވިސްނުން ހުރީ ބްރައިޓަނަށް ހާއްސަ ސަމާލުކަން ދީގެން ކުރިއަށް ދާން ކަމަށްބުނެ، ލިވަޕޫލާ ގުޅެން އުޅޭ ވާހަކަތަކަށް ކޯޗު ރޮބާޓޯ ޑި ޒާބީ ރައްދުދީފިއެވެ.

މި ސީޒަނަށްފަހު ލިވަޕޫލު ދޫކޮށްލަން ކޯޗު ޔާގަން ކްލޮޕް އިއްޔެ އިއުލާންކުރުމާއެކު އެ މަގާމަށް އަންނަ ސީޒަނުގައި ހަވާލުވާނީ ބްރައިޓަންގެ ކޯޗު ޑި ޒާބީކަމަށް ރިޕޯޓުތައް ބުނަމުންދިޔައެވެ.

އެ ވާހަކަތަކަށް ރައްދުދެމުން ޑި ޒާބީ ބުނެފައިވާ ގޮތުގައި، މި ވަގުތު ފޯކަސްކުރަން ބޭނުންވަނީ އަމިއްލަ ޓީމަށެވެ.

"އަހަރެންނަށް ލިވަޕޫލުގެ ހުށަހެޅުމެއް ނާދޭ. އަހަރެންގެ އަމާޒު ހުރީ ސީޒަނުގެ ފަހު ބަޔަށް. މިދިޔަ ސީޒަނެކޭ އެއްގޮތަށް ބްރައިޓަނުން މި ސީޒަނުގެ ޕްރިމިއާ ލީގުގައި ވެސް މި ވާދަކުރަނީ ޔޫރޮޕާ ލީގުގެ ޖާގައެއް ކަށަވަރުކުރަން. އަހަރެމެން ޔޫރޮޕާ ލީގުގައި ގަދަ 16ގައި ވާދަކުރާނަން. އަދި އެފްއޭ ކަޕްގައި ވާދަކުރާނީ މިދިޔަ ސީޒަނުގެ ފައިނަލުގައި ލިބުނު ނާކާމިޔާބީ ހަނދާންކޮށްގެން،" ނޫސްވެރިންނާ ވާހަކަދައްކަމުން ޑި ޒާބީ ބުންޏެވެ.

ނުވަ އަހަރަށްފަހު ލިވަޕޫލުގެ ކޯޗުކަމާ ދުރަށް ދާން ކްލޮޕް ނިންމާފައި މިވަނީ އެ ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމަށްފަހުއެވެ.

ލިވަޕޫލަށް 2020 ވަނަ އަހަރު ޕްރިމިއާ ލީގު ކާމިޔާބުކޮށްދީ، 30 އަހަރުގެ ދިގު އިންތިޒާރަށް ނިމުމެއް ގެނެސްދިނީ ވެސް ކްލޮޕެވެ.

އޭނާ ވަނީ ލިވަޕޫލަށް ޔޫއެފާ ޗެމްޕިއަންސް ލީގެއް ކާމިޔާބުކޮށްދީ، ދެ ސީޒަނެއްގެ ރަނަރަޕްކަން ވެސް ހޯދައިދީފައެވެ. އޭގެ އިތުރުން ކްލޮޕް ވަނީ އެފްއޭ ކަޕާއި ކަރަބާއޯ ކަޕް ވެސް ކާމިޔާބުކޮށްދީފައެވެ.

ކްލޮޕްގެ ކޯޗުކަމުގެ ދަށުން ލިވަޕޫލް ކުޅުނު 466 މެޗުގެ ތެރެއިން 283 މެޗު ވަނީ ކާމިޔާބުކޮށްފައެވެ. އަދި މެޗުތަކުގައި ލިވަޕޫލުން ވަނީ 972 ގޯލު ކާމިޔާބުކޮށްފައެވެ. އޭނާ ހިމެނިގެންދާނީ ލިވަޕޫލުގެ ތާރީހުގައި އެންމެ ކާމިޔާބު އެއް ކޯޗަށެވެ.

comment ކޮމެންޓް