އެންސްޕާއިން މި މަހު ބޭހަށް ދާން 1922 ޓިކެޓު ދޫކުރި، 97 އިންސައްތަ އިންޑިއާއަށް

ވީއައިއޭ: މި މަހު އެކަނި ބޭސްފަރުވާއަށް 1922 ޓިކެޓު އެންސްޕާއިން ދޫކުރި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިއްޔެއާ ހަމައަށް މި މަހު މިހާތަނަށް ބޭސްފަރުވާއަށް އިންޑިއާއަށް ދާން 1922 ޓިކެޓު ދޫކޮށްފައިވާ ކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

ހީނާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ބޭސްފަރުވާކުރަން އެދި ހުށަހަޅާ ފަރާތްތަކަށް އެ އޮންނަ އުސޫލުގެ ތެރެއިން އެކަން ހަމަޖައްސައި ދެނީ އެންސްޕާ ނުވަތަ އާސަންދައިން ކަމަށެވެ. އެ ކޭސްތަކަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވާ އުސޫލެއް ނޯންނަ ކަމަށް ހީނާ ވިދާޅުވިއެވެ.

އޭނާ އެފަދައިން ވިދާޅުވީ، ބޭހަށް ދިވެހީން އިންޑިއާއަށްދާން ސަރުކާރުން ނުރުހޭ ކަމަށް ބުނެ، ބައެއް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކަށް ޖަވާބުދެއްވަމުންނެވެ.

އޭނާ ވިދާޅުވީ، މި މަހު ދޫކުރި 1922 ޓިކެޓުގެ ތެރެއިން 97.2 ޕަސަންޓަކީ އިންޑިއާއަށް ދިއުމަށް ދޫކޮށްފައިވާ ޓިކެޓު ކަމަށެވެ.

ރާއްޖޭގެ ސިއްހީ ފަރުވާގެ ނިޒާމު އެންމެ ފުރިހަމަނުވުމުގެ ސަބަބުން ކޮންމެ އަހަރަކު ވެސް އެތައް މިލިއަން ރުފިޔާއިން ދިވެހީން ބޭސްފަރުވާއަށް ބޭރު ގައުމުތަކަށް ހޭދަކުރެއެވެ. މިހާރު ބޭރު ގައުމުތަކުގެ ތެރެއިން އާސަންދަ ލިބެނީ ލަންކާއާއި އިންޑިއާގައި އެކަންޏެވެ. އެހެންވެ، ގިނަ ދިވެހީން ބޭސްފަރުވާއަށް ދަނީ އިންޑިއާއަށެވެ.

އެކަމަކު، އިންޑިއާއަށް ބަރޯސާވާ މިންވަރު ކުޑަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެޅުއްވި ފިޔަވަޅުތަކުގެ ތެރެއިން އެ މަނިކުފާނު ވަނީ ތައިލޭންޑާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ން ވެސް އާސަންދަ ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ވިދާޅުވެފައެވެ.

މި ސަރުކާރުން ވަނީ ދަރިމައިނުވުމުގެ މައްސަލަ އާއި އަންހެނުންނަށް ކުރިމަތިވާ ޕޮލިސިސްޓިކް އޯވަރީ ސިންޑްރޮމް (ޕީސީއޯއެސް) ފަދަ ބަލިތަކަށް ވެސް އާސަންދައިން ފަރުވާ ހޯދޭނެ އިންތިޒާމު ހަމަޖައްސާފައެވެ.

މީގެ އިތުރުން، އުމުރުން 50 އަހަރުންމަތީގެ މީހުންނަށް އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ވެސް ހެދޭނެ ކަމަށް މި ސަރުކާރުން ވަނީ ނިންމާފައެވެ.

comment ކޮމެންޓް