މަސްތުގެ ހާލުގައި މަގުމަތީ ގިނައިން އުޅެނީ ފަރުވާއަށް ހުކުމްކޮށްފައި ތިބި މީހުން: ސީޕީ

މަގުތަކާއި މައިދާންތައް ޑުރަގު ބޭނުންކުރާ މީހުންގެ ތަންމަތި ތަކަކަށް: ގައުމީ ދާރުލްއާސާރު ކުރިމަތީގައި ހުންނަ ޕާކުގައި ދެ މީހަކު ނިދާފައި -- ސަން ފޮޓޯ/މުހައްމަދު ހައްޔާން

މަސްތުގެ ހާލުގައި މަގުމަތީ ގިނަވެފައި އުޅޭތީ ގިނައިން ފެންނަނީ ފަރުވާއަށް ހުކުމްކޮށްފައި ތިބި މީހުން ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

މި ފަހަކަށް އައިސް މަގުމަތީގައި ފައްތާލައިގެންނާއި ސައިކަލުތައް މަތީގައި މަސްތުގެ ހާލުގައި ތިބޭ މީހުން ފެނެއެވެ. ދޭތެރެއަކުން ފުލުހުން އައިސް އެ މީހުން ގެންދަން ވެސް ގެންދެއެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ މަގުމަތީގައާއި މާލޭގައި ހުންނަ ފިނި މައިޒާންތަކުގައި ނިދާ މީހުންނެވެ.

ކޮމިޝަނަރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު 'ސަން'އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި ކޮމިޝަނަރު ވިދާޅުވީ، މަގުމަތީގައި މަސްތުގެ ހާލުގައި އުޅޭ މީހުންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް އެ މީހުން ގެނެވޭ ހިސާބުން ދެން ކުރަންޖެހޭ ކަންކަން ތަރުތީބުވެގެން އަންނަން ޖެހޭ ކަމަށެވެ.

"މިހާރު މީގެ ތެރެއިން ހަމަ ގިނަ މީހުންނަކީ ފަރުވާއަށް ހުކުމްކޮށްފައި ތިބި މީހުން. ނޫނިއްޔާ ފަރުވާގެ ނިޒާމަށް ދާންޖެހޭ މީހުން،" ޝުޖާއު ވިދާޅުވިއެވެ.

ފުލުސް ކޮމިޝަނަރު އަލީ ޝުޖާއު "ސަން"އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއު: މަސްތުގެ ހާލުގައި މަގުމަތީ އުޅޭ މީހުންގެ މައްސަލަ ހައްލުކުރާނެ ކަމަށް ސީޕީ ވިދާޅުވި -- ފޮޓޯ: އިންފިނިޓް މޯމެންޓްސް/ މުޙައްމަދު ޝާތިއު އަބްދުﷲ

އޭނާ ވިދާޅުވީ، އެ މައްސަލަ ހައްލުކުރަން ޝަރުއީ ނިޒާމުގެ ތެރެއިން ހުރި ފުށުއެރުންތައް ހައްލުކުރުމަށް މިހާރު ވެސް ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެހެންވެ، މަގުމަތީގައި މަސްތުގެ ހާލުގައި އުޅޭ މީހުން، ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ފަހު، ދެން ކުރަން ޖެހޭ ކަންކަން ތަރުތީބުވެގެން ދިއުމުން މި މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.

"ފުލުހުން މި ދެންނެވި ފަރާތްތައް ނަގައިގެން ދެން ކުރަންޖެހޭ ކަންތައްތައް ތަރުތީބުވެގެން ދިޔައީމާ މިކަން ހައްލުވެގެންދާނެ. މި ކަމަށްޓަކައި ވެސް ވަށައިޖެހޭ ހައްލެއް ގެނައުމަށްޓަކައި މަސައްކަތްތަކެއް މި ވަގުތު ވެސް އެބަކުރެވޭ،" ޝުޖާއު ވިދާޅުވިއެވެ.

"މި ކަހަލަ ކަންތައްތަކުގައި އުޅޭ މީހުންނާ ދޭތެރޭގައި ދާއިމީ ހައްލެއް ގެނައުމަށްޓަކައި މި ކުރާ މަސައްކަތުން، ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި މި ކަމަށް ވެސް ހައްލެއް އަންނާނެ،"

ކޮމިޝަނަރުގެ އަމާޒަކީ ހުރިހާ މައްސަލައަކަށް ވެސް ވަށައިޖެހޭ ހައްލެއް ހޯދުމެވެ. މި ދައުރުގައި މި ފަދަ މައްސަލަތައް ހައްލުކުރަން ފުލުހުން އެކަށޭނެ މަސައްކަތެއް ކުރަމުން އަންނަތަން ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ، މަގުތަކުގައި މަސްތުގެ ހާލުގައި އުޅޭ މީހުންގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ކޮމިޝަނަރު ވަނީ އަރުވައިފައެވެ.

comment ކޮމެންޓް