ސިޓީއަށް ފިޔަވަޅު އަޅަން ކުރިން ނިންމީ ރަނގަޅަށް: ޔޫއެފާގެ ރައީސް

ޔޫއެފާގެ ރައީސް އެލެކްސެންޑާ ޗެފެރިން -- ފޮޓޯ/ ގެޓީ

ކުޅުންތެރިންގެ ޓްރާންސްފާގެ ކަންތައްތަކުގައި ފައިނޭންޝަލް ފެއާ ޕްލޭ (އެފްއެފްޕީ)ގެ ގަވާއިދުތަކާ ހިލާފުވުމުން، މީގެ ކުރިން މެންޗެސްޓާ ސިޓީއަށް ފިޔަވަޅު އަޅަން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ޔޫއެފާގެ ރައީސް އެލެކްސެންޑާ ޗެފެރިން ވިދާޅުވެއްޖެއެވެ.

އެފްއެފްޕީގެ ގަވާއިދުތަކާ ހިލާފުވީ މައްސަލައިގައި ސިޓީއަށް ފިޔަވަޅު އަޅަން ޔޫއެފާއިން ނިންމީ 2020 ވަނަ އަހަރުއެވެ. ނަމަވެސް އޭގެ ފަހުން ކޯޓު އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްގައި ސިޓީން އެ މައްސަލަ އިސްތިއުފާނުކުރުމުން، އެ ކޯޓުން ވަނީ މައްސަލަ ބާތިލުކޮށްފައެވެ. ޗެފެރިން އަދިވެސް ގަބޫލުކުރައްވަނީ ސިޓީން ފިޔަވަޅު އަޅަން އޭރު ވެސް ޔޫއެފާ އިން ނިންމީ ރަނގަޅަށް ކަމަށެވެ.

"އަހަރެމެންނަށް އެނގޭ އަހަރެމެންގެ އެ ނިންމުން ރަނގަޅުކަން. އަހަރެމެން އެހެން ނޫން ނަމަ، އެގޮތަކަށް ނުނިންމާނަން. ވަކީލެއްގެ ގޮތުގައި 25 އަހަރު މަސައްކަތްކުރުމުން ބައެއް ފަހަރު ކޭސްތަކުން މޮޅުވާނެ، ބަލިވެސް ވާނެ. އެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ގަބޫލުކުރިޔަސް، ކޯޓުން ނިންމާ ނިންމުމަށް އިހުތިރާމުކުރަން ޖެހޭނެ،" 'ދަ ޓެލެގްރާފް'އަށް ޗެފެރިން ދިން އިންޓަވިއުއެއްގައި ވިދާޅުވިއެވެ.

ޗެފެރިން ވިދާޅުވީ އިނގިރޭސިވިލާތުގައި ސިޓީއާ ދެކޮޅަށް އޮތް މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަން ބޭނުންނުވާ ކަމަށާއި ނަމަވެސް ޔޫއެފާއިން ސިޓީއާ ދެކޮޅަށް ނިންމުން ނިންމާފައިވަނީ އެފްއެފްޕީގެ ގަވާއިދާ ހިލާފުވި މައްސަލަ ރަނގަޅަށް ބެލުމަށްފަހު ކަމަށެވެ.

ޕްރިމިއާ ލީގުން ވެސް މިހާރު ބަލަމުންދާ މައްސަލައަކީ އެފްއެފްޕީގެ ގަވާއިދުތަކާ ހިލާފުވިކަމުގެ ތުހުމަތުގައި ބަލަމުންދާ މައްސަލަތަކެކެވެ. ސިޓީއާ ދެކޮޅަށް ވަނީ 115 ދައުވާއެއް އުފުލައިފައެވެ.

ޕްރިމިއާ ލީގުގެ ޗީފް އެގްޒެކެޓިވް ރިޗާޑް މާސްޓާސް ވަނީ މައްސަލައިގެ އަޑުއެހުންތައް ފަށަން ތާރީހެއް ކަނޑައަޅާފައިވާކަން ދާދިފަހުން ކަށަވަރުކޮށްދެއްވައިފައެވެ. ނަމަވެސް ތާރީހު ހާމަކުރެވެން ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް