ޗެލްސީ، ކަރަބާއޯ ކަޕުގެ ފައިނަލަށް

ޗެލްސީގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ -- ފޮޓޯ/ ބީބީސީ

ކަރަބާއޮ ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލުން ޗެލްސީ ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލުން ޗެލްސީން ޖާގަ ހޯދީ ސެމީފައިނަލްގައި މިޑިލްސްބްރާއާ ބައްދަލުކޮށް ކުޅުނު ދެ ލެގު ހަ ލަނޑު ދެ ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ. ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު ބޮރޯގެ ދަނޑުގައި ކުޅެ 1-0 އިން ކާމިޔާބު ކޮށްފައިވަނީ ބޮރޯއެވެ.

ނަމަވެސް ޗެލްސީގެ ދަޑުގައި ރޭ ކުުޅުނު ދެވަނަ ލެގު ޗެލްސީން ވަނީ 6-1 އިން ކާމިޔާބުކޮށްފައެވެ.

ފުރަތަމަ ހާފުގައި ޗެލްސީން ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ ފުރަތަމަ ލަނޑަކީ ބޮރޯގެ ޖޮނީ ހޯސަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ޗެލްސީނަ ފުރަތަމަ ފަހަރަށް ލީޑު ނަގައިފާވަނީ މެޗުގެ 29 ވަނަ މިނެޓުގައި އެންޒޯ ފެނާންޑޭޒް ކާމިޔާބުކުރި ލަނޑުންނެވެ. އެ ލަނޑު ޖެހިތާ ހަތް މިނެޓު ފަހުން ޗެލްސީން މެޗުގައި ކާމިޔާބު ކުރި ތިންވަނަ ލަނޑު ޖަހައިދިނީ އެކްސެލް ޑިސާސީއެވެ. އެ ޓީމުން ކާމިޔާބު ކުރި ހަތަރުވަނަ ލަނޑު މެޗުގެ 42 ވަނަ މިނެޓްގައި ޖަހައިދިނީ ކޯލް ޕާމާއެވެ.

ޗެލްސީގެ ފަސްވަނަ ލަނޑު މެޗުގެ 77 ވަނަ މިނެޓުގައި ޖަހައިދިނީ ހަތަރުވަނަ ލަނޑު ވެސް ޖަހައިދިން ޕާމާއެވެ. އަދި، އެޓީމުގެ ފަހު ލަނޑު މެޗުގެ 81 ވަނަ މިނެޓުގައި ޖަހައިދިނީ ނޯނީ މަޑުއެކާއެވެ. މެޗުގައި ބޮރޯއިން ކާމިޔަބު ކުރި ހަމައެކަނި ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި ޖަހައިދިނީ މޯގަން ރޮޖާސްއެވެ.

މި ކާމިޔާބީއާ އެކު ޗެލްސީން މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައިވާއިރު ފައިނަލުގައި ބައްދަލުކުރާ ޓީމެއް އެނގޭނީ ލިވަޕޫލާއި ފުލަމްގެ މެދުގައި ކުޅޭ ސެމީފައިނަލަށް ފަހުއެވެ. މި ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު 2-1 އިން ކާމިޔާބު ކޮށްފައިވަނީ ލިވަޕޫލުންނެވެ. ދެވަނަ ލެގުގެ މެޗު ކުޅެން ހަމަޖެހިފައިވަނީ މިރެއެވެ.

comment ކޮމެންޓް