މަގަށް ދަތިވާގޮތަށް ޕާކުނުކުރަން ފުލުހުން އިލްތިމާސްކޮށްފި

ބޮޑުތަކުރުފާނު މަގުގެ ދެ ފަޅީގައި ކާރުތައް ޕާކުކޮށްފައި -- ސަން ފޮޓޯ/ އަހުމަދު އިނާހު

މަގަށް ދަތިވާ ގޮތަށް ގަވައިދާ ޚިލާފަށް ވެހިކަލް ޕާކުކޮށްފައި ނުބެހެއްޓުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.

މާލޭ ސަރަހައްދުގައި ޕާކުކުރާނެ އިތުރު ޖާގަތައް ގާއިމްކުރެވެންދެން ޕާކިން ސްޓިކާ ޖެހުން މި ވަގުތަށް މަޑުޖައްސައިލުމާއެކު، ވެހިކަލް ޕާކުކުރުމުގައި އެއްވެސް ހަމައެއް ނެތި، މަގުގެ ކޮންމެ ހިސާބެއްގައި ވެސް އަންނަނީ ޕާކުކުރަމުންނެވެ.

އެގޮތުން ބޮޑުތަކުރުފާނު މަގާއި، އަމީނީ މަގުގެ ދެ ފަރާތުގައި ވެސް މިހާރު ޕާކުކޮށްފައި ހުރެއެވެ. އެއްވެސް ހަމައެއް ނެތި މިހެން ޕާކުކޮށްފައި ހުރުމުން މަގުގައި ދުއްވާ އެހެން މީހުންނަށް ގިނަ ދަތިތަކާ އަންނަނީ ކުރިމަތިވަމުންނެވެ.

މި ކަމާ ގުޅިގެން 'ސަން' އާ ވާހަކަ ދައްކަމުން ފުލުހުންގެ މީޑިއާއިން ބުނީ ގަވައިދާ ޚިލާފަށް ޕާކު ކުރަމުންދާ މީހުންނަށް ނަސޭހަތްތެރި ވަމުން އަންނަކަމަށެވެ. އަދި ހުރިހާ އެންމެން ވެސް ގަވައިދާ އެއްގޮތަށް އަމަލު ކުރުމަށް އެދޭކަމަށް ފުލުހުން ބުންޏެވެ.

ހަމައެއާއެކު މަގު ބޭނުންކުރާ މީހުންނަށް ދަތިވާހެން ޕާކު ކޮށްފައި ހުންނަ އުޅަނދު ތަކަށް ފުލުހުން އެޓެންޑުވާނެކަމަށް ވެސް ބުންޏެވެ

މީގެ ކުރިން ފުލުހުންވަނީ ގްރީން ޒޯން ސަރަހައްދާއި ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދާއި، ބޮޑު ތަކުރުފާނު މަގުގައި ކަނޑައެޅިފައިވާ ޕާކިން ޒޯނުތައް ފިޔަވައި އެ ނޫން ސަރަހައްދުތަކުގައި ޕާކު ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

އަދި، މާލޭގެ ބާރު ބޮޑު ސަރަހައްދުތަކުގައި ބަރު އުޅަނދު ޕާކު ނުކުރުމަށް ވެސް ފުލުހުން ވަނީ އަންގައިފައެވެ.

ޕާކިން ޖާގަ އިތުރުކުރުމަށް ޓަކައި އަނެއްކާ ވެސް މާލޭގައި ޕާކިން ބިލްޑިންތައް އަޅަން މިހާރުގެ ސަރުކާރުން ވަނީ ނިންމައިފައެވެ. ވެހިކަލް ތޮއްޖެހުމުގެ މައްސަލަ މާލޭ ސަރަހައްދުގައި ބޮޑުވެ ޕާކިން ޖާގަ ނެތުން ވެސް ވެފައިވަނީ ބޮޑު މައްސަލައަކަށެވެ.

comment ކޮމެންޓް