ފުވައްމުލަކުގައި އެކްސިޑެންޓުވި ޒުވާނާ މަރުވެއްޖެ

ފުވައްމުލައް ސިޓީ / ފޮޓޯ: ޔުނެސްކޯ

ފުވައްމުލައް ސިޓިގައި އާދިއްތަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވެގެން މާލެ ގެނައި ޒުވާނާ މިއަދު ހެނދުނު މަރުވެއްޖެއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މިއަދު 'ސަން'އަށް ވިދާޅުވީ، އެކްސިޑެންޓުވެގެން ފުވައްމުލަކުން ގެނައި ޒުވާނާ ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަނިކޮށް މިއަދު ހެނދުނު 8:12 އެހާކަންހާއިރު މަރުވެފައިވާ ކަމަށެވެ.

އެކްސިޑެންޓުގައި މަރުވީ ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އިތުރު ފަރުވާއަށް އެ ޒުވާނާ މާލެ ގެނެސްފައިވަނީ އެރޭ ދަންވަރުގެ ވަގުތެއްގައެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގީ ފުވައްމުލަކުގައި، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ފާރެއްގައި ޖެހިގެން, އެ ސިޓީގެ ބޮޑުފަންނު މަގުގައި އާދިއްތަ ދުވަހުގެ ރޭ 22:15 ހާއިރު ކަމަށެވެ.

މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް