ފަހު ވަގުތު، ރެއާލުން ފަހަތުން އަރައި އަލްމޭރިއާ ބަލިކޮށްފި

ރެއާލް މޮޅުވި ލަނޑު ޖަހައިދިނުމަށް ފަހު ކާވަހާލް އުފާފާޅުކުރަނީ --- ފޮޓޯ/ މެނޭޖިން މެޑްރިޑް

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑުން ފަހަތުން އަރައި އަލްމޭރިއާގެ މައްޗަށް ކުރި ހޯދައިފިއެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 3-2 އިންނެވެ.

އަލްމޭރިއާއިން ވަނީ މެޗުގެ ފުރަތަމަ މިނެޓުގައި ލަނޑެއް ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ލާޖީ ރަމަޒާނީއެވެ. އަދި، ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލްމޭރިއާއިން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 43 ވަނަ މިނެޓުގައި އެޑްގާ ގޮންޒާލޭޒްއެވެ.

މެޗުގައި ރެއާލްގެ އެނބުރި އައުން ފެށިގެން ދިޔައީ މެޗުގެ 57 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކާމިޔާބު ކޮށްދިނީ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުންދާ ޖޫޑް ބެލިންހަމެވެ. އަދި، މި ލަނޑު ޖެހިތާ 10 މިނެޓު ފަހުން ވިނީޝިއަސް ޖޫނިއާ ވަނީ ރެއާލަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މެޗުން ރެއާލް މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ނުވަވަނަ މިނެޓުގައި ބެލިންހަމް ތަނަވަސްކޮށްދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ ޑަނީ ކާވަހާލެވެ.

މި ކާމިޔާބީއާ އެކު ރެއާލް މިހާރު އޮތީ 20 މެޗުން ލިބިފައިވާ 51 ޕޮއިންޓާ އެކު ތާވަލުގެ ދެވަނައިގައެވެ. މެޗުން ބަލިވި އަލްމޭރިއާ އޮތީ ހަ ޕޮއިންޓާ އެކު ތާވަލުގެ އެންމެ ފުލުގައެވެ.

މުބާރާތުގައި ޖިރޯނާއާއި ސެވިއްޔާ ބައްދަލުކުރި މެޗު 5-1 އިން ކާމިޔާބުކޮށް ޖިރޯނާ މިހާރު ވަނީ ތާވަލުގެ އެއްވަނައިގައެވެ. މެޗުގައި ޖިރޯނާގެ ފޯވަޑް އާޓެމް ޑޮވްބީކްވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ. މި ހެޓްރިކާ އެކު އޭނާ މިހާރު ވަނީ 14 ލަނޑު ޖަހައި ލީގުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ރެއާލްގެ ބެލިންހަމްއާ އަރައި ހަމަކޮށްފައެވެ. ޖިރޯނާއަށް މިހާރު ވަނީ 21 މެޗުން 52 ޕޮއިންޓު ލިބިފައެވެ.

comment ކޮމެންޓް