މައްސަލަ ބޮޑުވުމުން، ފޯމުލީ އެންމެންނަށް ޕްރައިމަރީގައި ވާދަކުރެވޭގޮތް ހަދައިފި

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމާއި، ޕީއެންސީގެ ރައީސް، ރައީސް ޑރ. މުޙައްމަދު މުއިއްޒު --

ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހެޅި ބައެއް މެންބަރުންގެ ކެންޑިޑެސީ ބަލައިނުގަންނަން ނިންމި މައްސަލަ ބޮޑުވެފައި އޮއްވައި، ޕްރައިމަރީގައި ވާދަކުރަން ފޯމުލީ އެންމެންނަށް އެ ފުރުސަތު ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.

ކެންޑިޑެސީ ބާތިލުކުރި މައްސަލައިގައި ރޭ ޕީއެންސީގެ އޮފީސް ތެރޭގައި ވެސް ވަނީ މަސްލަހަތު ނަގާލައިފައެވެ.

އެ ޕާޓީގެ ޗެއާޕާސަން އަދި ރައީސް މުއިއްޒުގެ ހާއްސަ މުޝީރު އަބްދުއްރަހީމް އަބްދުﷲ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކެންޑިޑެސީ ބާތިލުކުރުމާ ގުޅިގެން ލިބުނު ޝަކުވާތަކަށް ރިއާޔަތްކުރުމަށް ފަހު ވާދަކުރަން ނަން ހުށަހެޅި އެންމެންނަށް އެ ފުރުސަތު ދޭން ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރަން ގިނަ އަދަދެއްގެ ކެންޑިޑޭޓުން ފޯމު ހުށަހެޅިއެވެ. ދެ ފަހަރެއްގެ މަތިން ޕްރައިމަރީ ލަސްކުރުމަށް ފަހު، މިހާރު ނިންމާފައި އޮތީ އަންނަ ހޮނިހިރު ދުވަހުއެވެ.

އިއްޔެ، ޕީއެންސީން ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހެޅި ބައެއް މެންބަރުންނަށް ފޮނުވި ސިޓީއެއްގައި ވަނީ ނިމުނު ރިޔާސީ އިންތިޚާބަށް ފަހު ޕާޓީ ތެރޭގައި އުފެދުނު ފިތުނައިގައި ޖެހި، ޕާޓީ ބައިބައި ކުރަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި، އެކަށީގެންވާ މުއްދަތެއްގައި ޕާޓީއަށް ޚިދުމަތްކޮށްފައިނުވާ ކަމަށް ބުނެ ވެސް ބައެއް މެންބަރުންގެ ކެންޑިޑެސީ ވަނީ ބާތިލުކޮށްފައެވެ.

އެ މައްސަލައިގައި ރޭ ބައެއް މެންބަރުން ވަނީ ޕީއެންސީ އޮފީސް ތެރެއަށް އެއްވެ ނުރުހުން ފާޅުކޮށްފައެވެ.

ޕާޓީ އޮފީސް ތެރޭގައި މީހުން ނުރުހުން ފާޅުކޮށް، އަޑުގަދަކުރާ މަންޒަރު ފެންނަ ވީޑިއޯތައް މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯތަކުން ފެންނަ ގޮތުގައި ބައެއް މީހުން ވަނީ އެކަމާ ނުރުހުން ފާޅުކޮށް އަޑުގަދަކޮށްފައެވެ. ޕާޓީ އޮފީސް ތެރޭގެ މަސްލަހަތު ގެއްލި، ޒުވާބަކަށް ވަނީ ގޮސްފައެވެ.

https://sun.mv/187707

ވީޑިއޯތަކުން ފެންނަ ބައެއް މީހުން ބުނެފައިވަނީ، އެ މީހުން މިދިޔަ ފަސް އަހަރު ތިބީ މަގުމަތީގައި ކަމަށާއި ރިޔާސީ އިންތިޚާބުގައި ވެސް އެ މީހުންނަށް ވުރެ އިޚުލާސްތެރިކޮށް މަސައްކަތްކުރި މީހަކު މަދުވާނެ ކަމަށެވެ.

ކެންޑިޑެސީ ބާތިލުކުރީ ކިތައް މެންބަރުންގެ ކަމެއް މިހާތަނަށް އެ ޕާޓީން ހާމަކޮށްފައެއް ނުވެއެވެ.

މާޗު މަހުގެ 17 ވަނަ ދުވަހު އޮންނަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ދިމާވަނީ ރޯދަ މަހާއެވެ. އެ އިންތިޚާބަށް ކެންޑިޑޭޓުން ކެމްޕޭން ކުރަމުން އަންނައިރު ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީއަށް ހުޅުވައިލީ ވެސް ބޮޑެތި ޝަރުތުތަކެއް ހިމެނުމަށް ފަހުގައެވެ. އެގޮތުން ބަލައި ކަންކަމުގެ ތެރޭގައި، ޕާޓީއަށް އިޚުލާސްތެރިކަމާ އެކު ކުރި މަސައްކަތާއި މަޖިލީހުގެ ތަޖުރިބާއާއި ހާއްސަ މަޖިލީހުގެ ތަޖުރިބާ ހުރުން ވެސް ވަނީ ހިމަނައިފައެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމާ އެކު، ކުރިން 3،000 އެއްހައި މެންބަރުން ތިބި ޕީއެންސީއަށް ގިނަ އަދަދެއްގެ މެންބަރުން ވަނީ ސޮއިކޮށްފައެވެ. އެ ޕާޓީގެ ދަފުތަރުގައި މިހާރު 40،000 އަށް ވުރެ ގިނަ މެންބަރުން އެބަތިބި ކަމަށް އެ ޕާޓީން މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް