ފުވައްމުލަކުގައި އެކްސިޑެންޓުވި މީހާގެ ހާލު ސީރިއަސް، އަދިވެސް އޮތީ ވެންޓިލޭޓަރުގައި

އައިޖީއެމްއެޗް ބޭރުގައި ބަޔަކު މަޑުކޮއްލައިގެން: ފުވައްމުލަކުގައި އެކްސިޑެންވި މީހާ އަދިވެސް އޮތީ މި ހޮސްޕިޓަލުގެ އައިސީޔޫގައި، ވެންޓިލޭޓަރުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުވައްމުލައް ސިޓީގައި ރޭ އެކްސިޑެންޓުވުމުން މާލެ ގެނައި މީހާގެ ހާލު ވަރަށް ކްރިޓިކަލް ކަމަށާއި، އެ މީހާ އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗްއިން މިއަދު ބުނެފިއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ރޭ ދަންވަރު އެ ހޮސްޕިޓަލުގައި އެޑްމިޓުކުރި އެ މިހާ އޮތީ އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ)ގައި ކަމަށެވެ.

އެއީ، 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މާލެ ގެނައަމުގެ ކުރިން އޭނާއަށް ވަނީ ފުވައްމުލަކު ހޮސްޕިޓަލުގައިވެސް ފަރުވާދީފައެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގީ ފުވައްމުލަކުގައި، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ފާރެއްގައި ޖެހިގެން, އެ ސިޓީގެ ބޮޑުފަންނު މަގުގައި ރޭ 22:15 ހާއިރު ކަމަށެވެ.

މި އެކްސިޑެންޓްގެ މައްސަަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

މީގެކުރިން ވެސް ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގައި މީހުންގެ ފުރާނައަށް ނުރައްކާވެފައި ވެސް އެބަހުއްޓެވެ.

އެކްސިޑެންޓުތައް އެންމެ އާންމު ރަށްރަށުގެ ތެރޭގައި އެ ސިޓީ ހިމެނެއެވެ.

comment ކޮމެންޓް