ފުލުހުންގެ ތަހުގީގުތަކަށް ސިޔާސީ ނުފޫޒެއް ނުފޯރާނެ: ސީޕީ

ފުލުސް ކޮމިޝަނަރު އަލީ ޝުޖާއު "ސަން"އަށް ދެއްވި އެންމެ ފުރަތަމަ އެކްސްކްލޫސިވް އިންޓަވިއު: ޝުޖާއު ވިދާޅުވީ ފުލުހުން ހިންގާ ތަހުގީގުތަކަށް އެއްވެސް ސިޔާސީ ނުފޫޒެއް ނުފޯރާކަމަށް -- ފޮޓޯ: އިންފިނިޓް މޯމެންޓްސް/ މުޙައްމަދު ޝާތިއު އަބްދުﷲ

ފުލުހުން ހިންގާ ތަހުގީގުތަކަށް އެއްވެސް ސިޔާސީ ނުފޫޒެއް ނުފޯރާކަމަށާއި، އެއްވެސް ފުލުހަކު ވެސް ތަހުގީގެއް ވަކި ގޮތަކަށް ބައްޓަންކުރުމަށް މަސައްކަތް ނުކުރާނެ ކަމަށް ފުލުސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ބޮޑެތި ކުށްވެރިންގެ ގޭންގުތަކުން ކުރާ ކުށްކުށުގެ މައްސަލަތަކަށް ސިޔާސީ ނުފޫޒު ވަދެ، ތަހުގީގުތައް ކުރިއަށް ނުދާކަމުގެ ތުހުމަތަކީ އާންމު ރައްޔިތުންގެ ފަރާތުން އިވޭ ވާހަކައެކެވެ.

ހަމައެއާއެކު މަސްތުވާތަކެތީގެ މައްސަލަތަކާއި އެ ނޫން ކަންކަމުގައި ވެސް ސިޔާސީ މީހަކާ ގުޅުންހުރި މީހަކު އެ ކަމެއްގައި ޝާމިލުވާނަމަ އެ މީހެއްގެ މައްސަލަ ފައިލްކުރުން، ނުވަތަ ނުބަލައި ދޫކުރާކަމުގެ ތުހުމަތުތައް ވެސް ފުލުހުންނަށް ކުރެވެއެވެ.

ކޮމިޝަނަރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު "ސަން"އަށް ދެއްވި އެންމެ ފުރަތަމަ އެކްސްލޫސިވް އިންޓަވިއުގައި ކޮމިޝަނަރުވަނީ މި ކަމަށް އަލިއަޅުއްވައިލައްވައިފައެވެ.

އެ ތުހުމަތުތަކާ ގުޅޭގޮތުން ޝުޖާއު ވިދާޅުވީ ފުލުހުންގެ މުއައްސަސާއިން ހިންގާ އެއްވެސް ތަހުގީގަކަށް ސިޔާސީ ނުފޫޒެއް ފޯރުވުމުގެ ފުރުސަތު ވެސް ނޯންނާނެ ކަމަށެވެ. އަދި, މިހާރު ވެސް ނުފޯރުވޭކަމަށް ވިދާޅުވިއެވެ.

އެއީ, ތަހުގީގެއްގެ މަރުހަލާތައް ބައްޓަންކުރެވިފައި ހުންނާނީ ވެސް އެ ފަދަ ގޮތަކަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އެހެންވީމާ އެ ޕްރޮސެސްގެ ތެރޭގައި ނެތް އަޅުގަނޑުމެންނަށް އެއްވެސް ނުފޫޒެއް. އެ ޕްރޮސެސްގެ ތެރޭގައި ހަމަގައިމު ވެސް ފުލުހުންކުރާ ތަހުގީގުތަކުގައި ވަކި ގޮތަކަށް ކްރައިމް ސީނެއް އޮއްވައި އެ ނޫން ގޮތަކަށް އޭތި ޕްރޮސެސްކޮށްފައި އޭގައި ފެންނަ އެވިޑެންސްތައް އެއީ އެވިޑެންސެއް ނޫން ގޮތަށް އަޅުގަނޑުމެންނެއް، އަދި އެއްވެސް ފުލުހަކު އެގޮތަކަށް މަސައްކަތެއް ނުކުރާނެ،" ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ކުށެއް ކުރުމުން އެ ތަނަކަށް ދާނީ ފުލުހުންގެ ވަކި ޓީމެއް ކަމަށެވެ. އަދި, ކުށުގެ ސީން ޕްރޮސެސްކުރަން ދާނީ ވަކި ޓީމެއް ކަމަށާއި، އެ ތަހުގީގުކުރާނީ ވަކި ޓީމަކުން ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

އެހެންވުމާއެކު، ވަކި ފުލުހަކު ނުރަނގަޅު ގޮތަކަށް މަސައްކަތްކުރި ނަމަވެސް ނުރަނގަޅު ނުފޫޒެއް ފޯރުވައިގެން މައްސަލަ ވަކި ގޮތަކަށް އަނބުރައިލުމުގެ ފުރުސަތު ވަރަށް ހަނިވާނެކަމަށް ވިދާޅުވިއެވެ.

"އެއީ، މި ދެންނެވި ގޮތަށް މުޅި ކޭހެއް އަޅުގަނޑުމެން ތަހުގީގުކޮށްފައި ޕީޖީއަށް ފޮނުވާއިރު އެއީ ވަރަށް ގިނަ ބައެއްގެ މަސައްކަތް. އެހެންވީމާ އެންމެނަށް އެ ނުފޫޒު ފޯރުވައިގެން އެ ކަން ކުރުމުގެ ފުރުސަތު ވަރަށް ކުޑަވާނެ،" ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ މި ދައުރުގައި ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރާނީ ރައްޔިތުންނާ ވީހާ ވެސް ގާތުން ޚިދުމަތް ދިނުމަށް ކަމަށެވެ. އަދި, ރައްޔިތުންގެ އިތުބާރު މުއައްސަސާއަށް ހޯދައި، ރައްޔިތުންނަށް ބަލައިގަންނަ ތަނަކަށް ހެދުމަށް ކަމަށެވެ.

comment ކޮމެންޓް