ފުނަދޫ ފިއުލް ފާމް ބަދަލުކުރަނީ މާގިރިފަޅަށް

ފިއުލް ފާމް ހުންނަ ފުނަދޫ: ފުނަދޫ ފިއުލް ފާމް ބަދަލުކުރަން ނިންމީ މާގިރިފަޅަށް --

މާލެ އަތޮޅު ފުނަދޫގައި ހުރި ފިއުލް ފާމް، މި އަތޮޅު މާގިރިފަޅަށް ބަދަލުކުރަން ނިންމައިފިއެވެ.

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތަފުސީލުތައް ހާމަކުރަން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ، ފިއުލް ފާމް ބަދަލުކުރުމުގެ ކަންކަން އެސްޓީއޯއާ ހަވާލުކޮށްގެން ކުރިއަށް ގެންދަން އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު މިމަހުގެ ހަތަރެއްގައި އިފުތިތާހު ކުރެއްވި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުގައި ވަނީ ފުނަދޫގައި ހުރި ތެޔޮ ޓޭންކުތައް އެހެން ތަނަކަށް ބަދަލުކުރާނެކަން އިއުލާންކުރައްވާފައެވެ. އެ ތެޔޮ ޓޭންކުތައް ބަދަލުކުރުމަށް ފަހު، އެ ރަށުގައި ޒަމާނީ ފެންވަރުގެ ފައިނޭންޝަލް ސެންޓަރެއް ތަރައްގީކުރާނެ ކަމަށާއި ކޮންވެންޝަން ސެންޓަރުތަކާއި ހޮޓާތައް ތަރައްގީކުރާނެ ކަމަށް ވެސް އެ މަޝްރޫއުގައިވެއެވެ.

އެ މަޝްރޫއު އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ވީއައިއޭގެ ތަރައްގީއަށް ބިން އިތުރުކުރުމަށް ޓަކައި ސީ ޕްލޭން ޓާމިނަލްގައި ދެމުން އަންނަ ސީޕްލޭންގެ ހުރިހާ ޚިދުމަތެއް ހުޅުމާލެ ކައިރި އޮތް އެހެން ރަށަކަށް ބަދަލުކޮށް ރެއިލްގެ ނިޒާމުން ގުޅައިލާނެ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، ފުނަދުއާއި މާލެއާއި ހުޅުލެ ބްރިޖަކުން ގުޅާލައި، ފުނަދޫ ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރަކަށް ހަދާނެ ކަމަށެވެ.

ފުނަދޫގައި ތެޔޮ ރައްކާކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް ބުނެ، މީގެ ކުރިން ބައެއް މީހުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް