ރައީސް އެދިވަޑައިގަތީ ދިވެހީންގެ ކަންކަމުގައި އިހުމާލުނުވާން: ޝަމާން

އިމިގްރޭޝަން ކޮންޓްރޯލަރު މުޙައްމަދު ޝަމާން ވަހީދު: އޭނާ ވިދާޅުވީ ފުރަތަމަ ވެސް ރައީސް އެދިލެއްވީ ދިވެހީންގެ ކަންކަމުގައި އިހުމާލުނުވާން ކަމަށް -- ފޮޓޯ/ އިމިގްރޭޝަން

މަގާމު ހަވާލުކުރުމުގެ ކުރީގައި ފުރަތަމަ ވެސް ރައީސް ޑރ. މުހައްމަދު މުޢިއްޒު ދެއްވި އިރުޝާދަކީ، 24 ގަޑިއިރު އޮފީސް ހުޅުވައިގެން ވިޔަސް، ބަލި ހާލަތު މެދުވެރިވެގެން އިމަޖެންސީކޮށް ފުރަން ޖެހޭ މިހުންގެ ޕާސްޕޯޓު އަވަސްކޮށްދިނުން ކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝަމާން ވަހީދު މިއަދު ވިދާޅުވެއްޖެއެވެ.

އޭނާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މަގާމު ހަވާލުކުރެއްވުމުގެ ކުރީގައި ރައީސް ދެއްވި އިރުޝާދުފުޅު ހިއްސާ ކުރައްވައިފައެވެ. އޭނާ ވިދާޅުވީ، އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ދިވެހީންގެ ކަންކަމަށް ކަމަށާއި އިމަޖެންސީކޮށް ފުރަން ޖެހޭ ބަލި މީހުންގެ ޕާސްޕޯޓު، 24 ގަޑިއިރު އޮފީސް ހުޅުވައިގެން ވިޔަސް އަވަސްކޮށްދޭން ރައީސް އެދިލެއްވި ކަމަށެވެ.

ދިވެއްސެއްގެ ކަމެއްގައި އިހުމާލުނުވުމަށް ވެސް އޭނާގެ ގާތުގައި ރައީސް އެދިލެއްވި ކަމަށް ޝަމާންގެ އެ ޕޯސްޓުގައިވެއެވެ.

އަދި، ޚާއްސަކޮށް ބަލި ހާލަތު މެދުވެރިވެގެން އިމަޖެންސީކޮށް ފުރުމަށް ޕާސްޕޯޓު ހައްދަން ޖެހޭ މީހުންގެ ޕާސްޕޯޓު 24 ގަޑިއިރު އޮފީސް ހުޅުވައިގެން ނަމަވެސް ޚިދުމަތް ދޭން ރައީސް އިރުޝާދު ދެއްވައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް މުއިއްޒުގެ މި ބަސްފުޅުން ވެސް ދޭހަވަނީ ދިވެހި ރައްޔިތެއްގެ ކަމެއްގައި ފަސް ނުޖެހޭނެކަން. އިހުމާލު ނުވާނެކަން. ރައްޔިތުން ދެކެ ވާ ލޯބި،" ޝަމާން ވިދާޅުވިއެވެ.

އިމިގްރޭޝަން ކޮންޓްރޯލަރުގެ ފަރާތުން މިފަދަ ޕޯސްޓެއް ކޮށްފައިވަނީ ކްރިޓިކަލް ހާލުގައި ގއ. ވިލިނގިލީ ހޮސްޕިޓަލުގައި އޮތް ކުއްޖަކު މާލެ ގެނައުން ލަސްވެ، މާލެ ގެނެސް ފަރުވާ ދެމުންދަނިކޮށް އިއްޔެ އެ ކުއްޖާ ނިޔާވެފައިވާ ދަނޑިވަޅެއްގައެވެ.

https://sun.mv/187637

އެ ކުއްޖާ ނިޔާވީ ސަރުކާރުގެ އިހުމާލުން ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން ވަނީ ނޫސްބަޔާނެއް ވެސް ނެރެފައެވެ.

ރައީސް މުއިއްޒު ވަނީ އެ ހާދިސާއާ ގުޅިގެން ބަލި މީހުން އުފުލުން އިތުރަށް ހަރުދަނާކުރަން އަންގަވައިފައެވެ. އަދި، އާއިލާއަށް ތައުޒިޔާ ވިދާޅުވެ، ރައީސް ވަނީ އެ ހާދިސާ ހިނގާ ދިޔަ ގޮތުގެ ތަފުސީލަށް ކަމާ ގުޅުންހުރި އިދާރާތަކުގައި އެދިލައްވައިފައެވެ.

އަދި، ބަލި ހާލަތެއް މެދުވެރިވެގެން، އިތުރު ފަރުވާ ދިނުމަށް، ވައިގެ މަގުން ބަލި މީހަކު ގެނެސްދޭންޖެހޭ އެއްވެސް ހާލަތެއްގައި، އާސަންދަ ފަދަ އިދާރާތަކުން ކަންކަން ހަމަޖެހެންދެން މަޑުނުކޮށް، ސިއްހީ ފަރުވާދޭ ތަނަކުން އެފަދަ ކަމަކަށް އެދުމާއެކު، ވީ އެންމެ އަވަހަކަށް ބަލިމީހާ ގެނެސްދިނުމަށް އިސްކަން ދިނުމުގެ އުސޫލެއް ކަނޑައަޅައި، އެގޮތަށް އައިލެންޑް އޭވިއޭޝަނުން އަބަދުވެސް އަމަލުކުރަމުން ގެންދިއުމަށް ވެސް އެ މަނިކުފާނު ވަނީ އެދިލައްވައިފައެވެ.

comment ކޮމެންޓް