ވެރިކަމަށް އައުމުގެ ވިސްނުމެއް ނެތް، ފޯކަސްއަކީ މޭޔަރުކަމުގެ ޒިންމާ: އާޒިމް

މާލޭގެ މޭޔަރުކަމަށް އިންތިޚާބުވި އާދަމް އާޒިމް: އޭނާ ވިދާޅުވީ ފޯކަސް ހުރީ މޭޔަރުކަމުގެ ޒިންމާއަށް ކަމަށް -- ފޮޓޯ/ އެމްޑީޕީ

މާދަމާ މާލޭގެ މޭޔަރުކަމުގެ ހުވައި ކުރައްވައި އާދަމް އާޒިމް މަސައްކަތް ކުރައްވަނީ 2028 ގައި އޮންނަ ރިޔާސީ އިންތިޚާބަށް އަމާޒު ހިފައިގެން ކަމަށް ބައެއް ބޭބޭފުޅުން ތުހުމަތުތައް އަމާޒުކުރެއްވި ނަމަވެސް ވެރިކަމަށް އައުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޓިކެޓުގައި މޭޔަރުކަމަށް އިންތިޚާބުވި އާޒިމަކީ ކުންފުނިތައް ހިންގުމުގެ ދާއިރާއިން 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. އެކަމަކު، އޭނާއަކީ ކުރިން އެހާ ބޮޑަށް ސިޔާސީ ކަންކަމުގައި އެކްޓިވްކޮށް އުޅުއްވި ބޭފުޅެއް ނޫނެވެ.

މޭޔަރުކަމަށް ވާދަކުރައްވާނެކަން އިއުލާނު ކުރެއްވުމާ އެކު، އެކިއެކި ބޭބޭފުޅުން ގެންދެވީ އާޒިމް މަސައްކަތް ކުރައްވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓު ހޯއްދަވަން ކަމަށް ތުހުމަތު ކުރައްވައިފައެވެ. އަޒުމަކީ އަމާޒަކީ ވެރިކަން ކަމަށް ބައެއް ބޭބޭފުޅުން ތުހުމަތުގެ އިނގިލި ދިއްކުރެއްވިއެވެ.

މިދިޔަ ހަފުތާގައި 'ސަން'އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުގައި ސީދާ އާޒިމަށް އެ ސުވާލުކުރުމުން ވިދާޅުވީ، އެފަދަ ވިސްނުމެއް ނެތް ކަމަށެވެ. ހުރިހާ ވެސް ފޯކަސްއަކީ މޭޔަރުކަމުގެ ޒިންމާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގެ އިންތިޚާބީ މޭޔަރު އާދަމް އާޒިމް: އޭނާ ވިދާޅުވީ ވެރިކަމަށް ޝައުގެއް ނެތް ކަމަށް -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުހައްމަދު މާވީ

"ނޫން. އެކަހަލަ އެއްވެސް ވިސްނުމެއް ނެތް،" ސާފުކޮށް ސީދާކޮށް އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑު މި ބަލަނީ އަޅުގަނޑަށް ހަވާލުކުރެވިފައި އޮތް ޒިންމާ ރަނގަޅަށް އަދާކޮށްދެވޭތޯ. ރައްޔިތުންގެ ވަރަށް ބޮޑު އަގުލަބިއްޔަތަކުން އަޅުގަނޑު ހޮވާފައި މި ހުރީ. އެހެންވީމާ އަޅުގަނޑު އެއްވެސް ކަމަކާ ވިސްނައިގެން ނުވާނެ މިހާރު މިކަން ނޫން،"

އޭނާއަކީ އަބަދު ވެސް ވަރަށް ފޯކަސްކޮށް މަސައްކަތް ކުރައްވާ ބޭފުޅެއްކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، އެއްވެސް ކަމެއް ހާސިލުކުރަން ބޭނުންނަމަ މަސައްކަތް ކުރަން ޖެހޭނީ ފޯކަސްކޮށްގެން ކަމަށެވެ. ސާފުކޮށް، މަންޒަރެއް ދެކެން ބޭނުންނަމަ ވެސް ޖެހޭނީ ފޯކަސްކުރަން ކަމަށާއި ކަންކަން ހާސިލުކޮށް ގަޑިއަށް ޑެލިވާ ކުރުމުގެ އަސްލަކީ ވެސް ފޯކަސްކޮށް މަސައްކަތް ކުރުން ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

އެހެންވެ، ރައްޔިތުންގެ ވޯޓުން މާލޭގެ މޭޔަރުކަމަށް އިންތިޚާބުކުރުމުން އާޒިމަށް މި ވަގުތު އެންމެ މުހިއްމީ އޭނާގެ މެނިފެސްޓޯއާއި ޕާޓީގެ ސިޔާސަތު ތަންފީޒުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގެ އިންތިޚާބީ މޭޔަރު އާދަމް އާޒިމް: އޭނާ ވިދާޅުވީ ފޯކަސްއަކީ މޭޔަރުކަމުގެ ޒިންމާ ކަމަށް -- ފޮޓޯ: އާޒިމް ފޯ މޭޔާ ޕޭޖް

"އަޅުގަނޑަކީ ވަރަށް ފޯކަސްކޮށް މަސައްކަތްކުރާ މީހެއް. އަޅުގަނޑާ އެކީ މަސައްކަތްކުރާ އެންމެން ކައިރީގައި ވެސް އަޅުގަނޑު ބުނަން އެ މީހަކު ފޯކަސްކުރި ކަމެކޭ އެ މީހަކަށް ހާސިލުކުރެވޭނީ،" އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ރައްޔިތުން ވޯޓު ދިނީ އަޅުގަނޑަކީ ޑެލިވާކޮށް ރައްޔިތުން އެދޭ ގޮތަށް ކަންތައްކުރާ މީހެއް ގޮތަށް ހުރިހާ އެންމެން ދެކޭތީވެ. އިތުބާރަށް އެކަން ކުރީ. އަޅުގަނޑު މި ބަލަނީ މިހާރު ހަވާލުކޮށްފައި އޮތް މެންޑޭޓު ވީހާ ވެސް ރަނގަޅަކަށް ކޮށްދެވޭތޯ،"

އަމާޒަކީ ސިޓީ ކައުންސިލްގެ ހިންގުން ހަރުދަނާކޮށް، އެ ތަނަކީ މީހުން ސަލާންނުޖަހައި ޚިދުމަތް ލިބޭނެ ތަނަކަށް ބަދަލުކުރުންކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، އޭނާ މޭޔަރުކަމުގައި ކޮންމެ ދުވަހެއްގެ 24 ގަޑިއިރު ވެސް މަސައްކަތް ކުރައްވާނީ އެ އަމާޒަށް ވާސިލުވާން ކަމަށެވެ.

"އެމްޑީޕީ ވަރުގަދަކުރަން މަސައްކަތް ކުރާނަން"

އާޒިމް ވިދާޅުވީ، މޭޔަރުކަމުގައި އެމްޑީޕީ ވަރުގަދަކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އޭނާ ސިފަކުރެއްވީ އެމްޑީޕީއަކީ ގައުމީ ތަރިކައެއް ގޮތުގައެވެ.

"އަޅުގަނޑު، އެމްޑީޕީ ވަރުގަދަކުރަން މަސައްކަތް ކުރާނަން އިރާދަކުރެއްވިއްޔާ،" އާޒިމް ވިދާޅުވިއެވެ.

"އެމްޑީޕީއަކީ އަނެއްހެން ބުނަންޏާމު ގައުމީ ތަރިކައެއް. ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީ އަދި އެންމެ ވަރުގަދަކޮށް މިހާތަނަށް ގުޑުމެއް ނާރައި. ކުދިކުދި ގުޑުންތައް އަންނާނެ ކޮންމެ ތަނެއްގައި ވެސް އެހެންނަމަވެސް އެކަތިގަނޑެއްގެ ގޮތުގައި މިހާތަނަށް އޮތް އެންމެ ބޮޑު ޕާޓީ،"

އިންތިޚާބީ މޭޔަރު އާދަމް އާޒިމް: އޭނާ ވިދާޅުވީ އެމްޑީޕީ ބޮޑުކުރަން މަސައްކަތް ކުރައްވާނެ ކަމަށް -- ފޮޓޯ/ އެމްޑީޕީ

އޭނާ ވިދާޅުވީ، މާލޭގެ މޭޔަރުކަމުގެ މުހިއްމު ޒިންމާ އަދާކުރައްވާއިރު ޕާޓީގެ ސިޔާސަތުތަކަށް ބައްލަވާނެ ކަމަށެވެ. އެކަމަކު، އޭނާގެ މޭޔަރުކަމުގައި ކަންކަން ފަހިވާނީ ހަމައެކަނި އެމްޑީޕީއަށް ނޫންކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، ގާނޫނީ އިމުގެ ތެރެއިން ކޮށްދެވެން ހުރި ހުރިހާ ކަމެއް އެމްޑީޕީ ނޫން ޕާޓީތަކަށް ވެސް ކޮށްދެއްވާނެ ކަމަށެވެ.

"ސިޔާސީ ޕާޓީގެ ވިސްނުމަކީ ކުރިން އަޅުގަނޑު ދެންނެވިހެން ވީހާ ވެސް ރަނގަޅަށް ކަންތައްތައް ކޮށްދިނުން. މި ވަގުތު އަޅުގަނޑުގެ ވިސްނުމުގައި މި ހުރީ މި މަގާމުގެ ޒިންމާ އެންމެ ރަނގަޅަށް އަދާކުރުން. އަދި، އެމްޑީޕީއަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ދިނުން،" އޭނާ ވިދާޅުވިއެވެ.

"އެއްވެސް ބަޔަކަށް ތަފާތުނުކޮށް ރައްޔިތުންގެ ވިންދާ އެއްގޮތަށް ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދިނުމުގައި އަޅުގަނޑު ދެމިހުންނާނެ އިރާދަކުރެއްވިއްޔާ،"

މި މަހު 13ގައި ބޭއްވި ބައި އިލެކްޝަން އާޒިމް ކާމިޔާބު ކުރެއްވީ 44.81 އިންސައްތަ ވޯޓުންނެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި ސަރުކާރުގެ ކެންޑިޑޭޓު އާއިޝަތު އާޒިމާ ޝަކޫރަށް ލިބުނީ 29.58 އިންސައްތަ ވޯޓެވެ.

އާ މޭޔަރު އާޒިމް ހުވާ ކުރެއްވުން އޮންނާނީ މާދަމާ ދަރުބާރުގޭގައެވެ.

މާލެއަށް އާ މޭޔަރަކު ހޮވަން ބައި އިލެކްޝަނެއް ބާއްވަން ޖެހުނީ ކުރިން އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު، ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

comment ކޮމެންޓް