އިންޑިއާ ސިފައިން ފޮނުވައިލުން ފަސޭހައެއް ނޫނޭ ވިދާޅުވީމާ ނާއުންމީދުވި: ޔާމީން

ގޭބަންދުގައި ހުންނެވި ކުރީގެ ރައީސް ޔާމީން، ޕީއެންއެފްގެ ޖަލްސާގައި: ވިދާޅުވީ އިންޑިއާ ސިފައިން ފޮނުވައިލަން އުނދަގުލޭ ވިދާޅުވީމާ ނާއުންމީދުވީ ކަމަށް -- ފޮޓޯ/ ޕީއެންއެފް

މި ސަރުކާރުން، ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލުމަކީ ފަސޭހަ ކަމެއް ނޫނޭ ބުނުމުން ނާއުންމީދުވި ކަމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރަކަމުން މި ފަހުން ވަކިވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

މިދިޔަ 2022 ވަނަ އަހަރުގެ ޑިސެމްބަރު 25 ގައި ދަށު ކޯޓުން އިއްވި ހުކުމުން އަދިވެސް ސަލާމަތްނުވެ މި ވަގުތު ގޭބަންދުގައި ހުންނެވި ޔާމީން ރޭ ވެސް ވަނީ އެ މަނިކުފާނު އަލަށް އުފައްދަވަން މަސައްކަތްކުރައްވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންފައެވެ.

ދަށު ކޯޓުން ވަނީ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެކަމަކު، ރިޔާސީ އިންތިޚާބަށް ފަހު ކުރީ ސަރުކާރުން ވަނީ އެ މަނިކުފާނު ގޭބަންދަށް ބަދަލުކޮށް، ބޮޑެތި ލުއިތަކެއް ދީފައެވެ.

ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ޔާމީން ބައިވެރިވެވަޑައިގެން ނަމަވެސް ޕޯޑިއަމަށް އަރާވަޑައިގެން ވާހަކަފުޅެއް ނުދައްކަވައެވެ. އެ މަނިކުފާނު ޖަލްސާގައި އިންނަވައި ބައެއް ސުވާލުތައް ވާހަކަދެއްކެވި ބޭބޭފުޅުންނަށް އަމާޒު ކުރެއްވީއެވެ. އެގޮތުން، އެ މަނިކުފާނުގެ ގާނޫނީ ވަކީލު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވާހަކަފުޅުދައްކަވަން ފެއްޓެވުމުން އިންޑިއާ ސިފައިން ފޮނުވައިލުމާ ގުޅޭ ގޮތުން ޔާމީން ސުވާލުތަކެއް އަމާޒުކުރެއްވިއެވެ.

"މި ސަރުކާރުން، އަޅުގަނޑުމެންގެ ސަރުކާރުން ވެރިކަމަށް އަންނަމުން ވެސް އެންމެ ބޮޑު ވައުދަކަށް ދިވެހި ރައްޔިތުންނަށްވީ އިންޑިއާ ސިފައިން ރާއްޖެއިން ބާލާނަމޭ،" އެ މަނިކުފާނު ސުވާލު ފެއްޓެވިއެވެ.

"އަދި، އަޅުގަނޑުމެން ގަބޫލުކުރި ގޮތަށް ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތު ނިމުމާ އެކީ ހަމަ ވަރަށް ކުރީ ކޮޅުގައި އިއުލާނުކުރެއްވީ އިންޑިއާ ސިފައިން ބާލުއްވާނެ ކަމަށް އަދި އިންޑިއާ ސަރުކާރާ އެކީ އެކަން ކޮމިއުނިކޭޓު ކުރެއްވި ކަމަށް،"

ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރި ދުވަސް ރައީސް މުއިއްޒާއި އަބްދުއްރަހީމް -- ސަން ފޮޓޯ/ މާހިލް އާތިފް

އެކަމަކު، ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ވަޒީރަކު އެއީ ފަސޭހަ ކަމެއް ނޫން ކަމަށް ވިދާޅުވުމުން ވަރަށް ނާއުންމީދުވީ ކަމަށެވެ.

"މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން އަޅުގަނޑުމެންނަށް މި އިވިގެން ދިޔައީ ހަމަ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރަކު، މިނިސްޓަރު އަބްދުﷲ ނާޒިމް ހަމަ މި މައްސަލައިގައި ރައީސް އޮފީހުގެ ތަރުޖަމާނު ގޮތަށް އެ ހައިސިއްޔަތުން ވިދާޅުވީ އިންޑިއާ ސިފައިން ބޭލުމަކީ އެހާ ފަސޭހަ ކަމެއް ނޫނޭ،" ޔާމީން ވިދާޅުވިއެވެ.

"ރައީސް އޮފީހުގެ ވަޒީރަކު މިހެން ވިދާޅުވީމާ އަޅުގަނޑު ވަރަށް ނާއުންމީދު ވިއޭ. ފަސޭހަ ކަމެއް ނޫނޭ އިނގޭތޯ. އެއްވެސް ކަމެއް ފަސޭހަ ނުވެދާނެ،"

އެ މަނިކުފާނު ވިދާޅުވީ، އިންޑިއާ ސިފައިން މާޗު މަހުގެ 15 ވަނަ ދުވަހުގެ ކުރިން އަނބުރާ ގެންދަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވި ކަމަށް ސަރުކާރުން ބުނި ނަމަވެސް އިންޑިއާގެ ނޫސްތަކުން އެ ގައުމުގެ ސަރުކާރާ ހަވާލާދީ ޖަހާފައިވާ ވާހަކަތަކުގައި އެ ވާހަކައެއް ނެތް ކަމަށެވެ. އިންޑިއާ ސަރުކާރުން ބުނެފައި އޮތީ ސިފައިން ބާލަންވީ ވަކި ތާރީޚެއްގެ ވާހަކަ ނުދެކެވޭ ކަމަށް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

"އެ ނޫސްތަކުން މި ބުނަނީ ދިވެހިރާއްޖޭގެ ޚާރިޖިއްޔާއާ ތިމަންނަމެންގެ ވަފުދެއް ބައްދަލުކުރީމޭ. އެހެންނަމަވެސް އެ ބައްދަލުކުރުމުގައި އެއްވެސް ވަރަކަށް އިންޑިއާ ސިފައިން ފައިބަންވީ ދުވަހެއްގެ ވާހަކައެއް ދެކެވިފައެއް ނެތޭ،" ޔާމީން ވިދާޅުވިއެވެ.

https://sun.mv/187382

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ މަޝްވަރާތައް ދެ ގައުމުން މިހާރު އަންނަނީ ކުރަމުންނެވެ.

އެ މަޝްވަރާތަކުގެ ތެރެއިން ފުރަތަމަ ބައްދަލުވުން މި މަހު ރާއްޖޭގެ ޚާރިޖީ ވުޒާރާގައި ބޭއްވިއިރު ދެވަނަ ބައްދަލުވުން އިންޑިއާގައި ބާއްވާނެ ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ. ރައީސް އޮފީހުން މީގެ ކުރިން ވަނީ މާޗު 15ގެ ކުރިން އިންޑިއާ ސިފައިން ބާލަން ރައީސް އެދިލެއްވި ކަމަށް ބުނެފައެވެ.

މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދަކީ ރާއްޖޭގައި ތިބި 88 އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލުމެވެ. 'އިންޑިއާ އައުޓް'ގެ ނަމުގައި އެ ކެމްޕޭން ޕީޕީއެމް/ޕީއެންސީން އެންމެ ފުރަތަމަ ފެއްޓީ އޭރު އެ ކޯލިޝަންގެ ލީޑަރަކަށް ހުންނެވި ޔާމީންގެ އިރުޝާދުފުޅުގެ މަތިންނެވެ.

https://sun.mv/187370

އެކަމަކު، ރައީސް މުއިއްޒު ހުވާ ކުރެއްވުމާ ހަމައަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރަކަށް ހުންނެވި ޔާމީން ވަނީ މި ވެރިކަމަށް ހަފުތާއެއް ނުވަނީސް އަމިއްލަފުޅަށް އެ މަގާމުން އިސްތިއުފާ ދެއްވައި، އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފައެވެ. އެ ޕާޓީއަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިން ނަމަވެސް، ރަޖިސްޓްރީ ކުރާނީ ޔާމީން މިނިވަންވުމުން ކަމަށް އެ ޕާޓީން މީގެ ކުރިން ވަނީ ބުނެފައެވެ.

ޔާމީން އަދިވެސް ބަންދެއްގައި ހުންނެވުމުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަކީ މަނާކަމެކެވެ. ޕާޓީ އޮފީހަށް ވަޑައިގަންނަވާތީ ވެސް މީގެ ކުރިން ކަރެކްޝަންސްއިން ވަނީ އެ މަނިކުފާނަށް އިންޒާރު ދީފައެވެ.

އެ މަނިކުފާނަށް ދަށު ކޯޓުން ކުރި ހުކުމް ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ނިންމައިލިތާ ދެ މަހެއްހައި ދުވަސްވެފައިވާއިރު، އަދިވެސް ހުކުމް ކުރެވޭނެ ދުވަހެއް ނޭނގެއެވެ.

comment ކޮމެންޓް